ފާޑުކިޔުން އަމާޒުވުމުން ފުލުހުންގެ އިންޓެލިޖެންސް ސާވިސް ކޮމާންޑުގެ ނަމުން "ނެޝަނަލް" އުނިކޮށްފި

ފުލުހުންގެ ހިންގުމުގެ އޮނިގަނޑަށް ބަދަލު ގެނެސް އިންޓެލިޖެންސް ޑިޕާޓްމަންޓު "ނެޝަނަލް އިންޓެލިޖެންސް ސާވިސް" އަށް ބަދަލު ކުރުމުން އަމާޒުވި ފާޑުކިޔުމަށްފަހު ނަމުގެ ކުރިން "ނެޝަނަލް" ކަނޑާލައިފި އެވެ. 
ފުލުހުންގެ އިންޓެލިޖެންސް ކޮމާންޑުން "ނެޝަނަލް" އުނިކޮށް އެ ހިދުމަތުގެ ވެބްސައިޓުގައި ވެސް މިހާރު ވަނީ އާންމުކޮށްފަ އެވެ. ވެބްސައިޓުގައި ބުނެފައިވާ ގޮތުން އެ ކޮމާންޑަށް މިހާރު ކިޔަނީ އިންޓެލިޖެންސް ސާވިސް (އައިއެސް) އެވެ. 
ފުލުހުންގެ އިންޓެލިޖެންސް ޑިޕާޓްމަންޓުގެ ނަން ބަދަލު ކުރުމުން އެންމެ ބޮޑަށް ފާޑުވިދާޅުވީ ކުރީގެ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު (އެމްސީ) އެވެ. އޭނާ އެކަމަށް ފާޑުވިދާޅުވީ، ނެޝަނަލްއަކީ ގައުމީ ލެވެލުގައި ކުރެވޭ ކަންކަމަށް ކިޔާ ނަމަކަށްވާއިރު، އެފަދަ ނަމެއް ފުލުހުން އަމިއްލައަށް އުފެއްދުމުންނެވެ. 
"ގައުމުގެ ސަލާމަތީ މަންޒަރު، ދައުލަތުގެ ވެރިންނަށް ބުނެދިނުމުގައި އިންޓެލިޖެންސް މަސައްކަތްކުރާ ވަކިވަކި މުއައްސަސާތައް ނުހަނު މުހިއްމުވާއިރު، ފުލުހުންގެ އިންޓެލިޖެންްސްގެ ނަން”ނެޝަނަލް އިންޓެލިޖެންސް ސަރވިސް“ އަށް ފުލުހުން އަމިއްލައަށް ބަދަލުކުރުން ގޯސް،" އޭނާ ކުރެއްވި ބްލޮގް ޕޯސްޓެއްގައި ހަމީދު ވިދާޅުވި އެވެ.
ރާއްޖެއަށް މިވަގުތު ބޭނުންވަނީ ހުރިހާ ބާރުތަކެއް ގުޅިގެން މަސައްކަތް ކުރާނެ "ގައުމީ އިންޓެލިޖެންސް ކޯޑިނޭޝަން ފްރޭމްވޯކެއް"
ހަމީދު ފާހަގަކުރެއްވި ގޮތުގައި ފުލުހުންގެ އިންޓެލިޖެންސް "ނޭޝަނަލް" ނުވަތަ ގައުމީ ފެންވަރުގެ ހިދުމަތަކަށް ރީބްރޭންޑް ކުރި ނަމަވެސް، ރާއްޖޭގައި ގައުމީ ފެންވަރުގެ އިންޓެލިޖެންސް އިދާރާއެއް އުފައްދާނެ ގާނޫނީ އޮނިގަނޑެއް ނެތެވެ.
ގައުމީ އިންޓެލިޖެންސް އިދާރާއެއް އުފެއްދޭނީ ފުލުހުންގެ އެތެރޭގެ އިދާރީ އޮނިގަނޑަށް ގެންނަ ބަދަލަކުން ނޫން ކަމަށާއި އެކަން ކުރަންޖެހޭނީ ގާނޫނެއްގެ ދަށުން، ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، ޑިމޮކްރެޓިކް ބެލެނިވެރިކަމެއްގެ ތެރެއިން ކަމަށް ބްލޮގްގައި ހަމީދު ލިޔުއްވާފައިވެ އެވެ.
ފުލުހުންގެ އޮނިގަނޑަށް ބަދަލުތަކެއް ގެނައީ އިދާރީ ހިންގުން ހަރުދަނާކޮށް، މަސައްކަތުގެ ފެންވަރު ރަނގަޅު ކުރަން ކަމަށް ފުލުހުން އިއްޔެ ބުންޏެވެ. 
"މި ބަދަލު ތަކަކީ ފުލުހުންގެ ހިދުމަތް ދިނުމުގައި މިހާރަށްވުރެ ފުރިހަމަ ނަތީޖާއެއް ހާސިލުކޮށް، މަސައްކަތުގެ ފެންވަރު މަތި ކުރުމުގެ މަގުސަދުގައި ގެނެވޭ ބަދަލުތަކެއް،" މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ