ސޯބެއަކީ ގަނެވޭނެ މީހެއް ނޫން، ފައިސާ ހޯދަން މީހެއް ކައިރިއަށް ނުދާނެ: އަސްލަމް

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ އަބްދުﷲ ސޯދިގު (ސޯބެ) އަކީ ގަނެވޭނެ މީހެއް ނޫން ކަމަށާއި ފައިސާ ހޯދަން މީހެއް ކައިރިއަށްވެސް ނުދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް، ހިތަދޫ އުތުރު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އަސްލަމް ރޭ ވިދާޅުވެއްޖެ އެވެ. 
އައްޑޫ ސިޓީ ހިތަދޫ ސްކޫލްގައި ބޭއްވި ސޯބެގެ ކެމްޕެއިން ޖަލްސާގައި އަސްލަމް ވިދާޅުވީ ފައިސާގެ މުއާމަލާތުގައި ސޯބެ އެއްވެސް މީހެއް ކައިރިއަށް ސަލާމުގެ މަގުގައި ވަޑައިނުގަންނަވާނެ ކަމަށެވެ. 
"އަޅުގަނޑުމެންގެ ކެންޑިޑޭޓް ސޯބެއަކީ އެއީ އަޅުގަނޑު އަބަދުވެސް ދަންނަވާލަން ބޭނުންވަނީ އެއީ ވިކޭނެ ބޭފުޅެއް ނޫނޭ. ގަނެވޭނެ ބޭފުޅެއް ނޫނޭ. އަދި ފައިސާގެ މުއާމަލާތުގައި އެއްވެސް މީހެއް ކައިރިއަށް ސަލާމުގެ މަގުގައި ވަޑައިގަންނަވާނެ ބޭފުޅެއް ނޫން،" އޭނާ ވިދާޅުވި އެވެ. 
ކެމްޕެއިނަށް ފައިސާ ހޯދުމުގެ ގޮތުން އެއްވެސް މީހެއް އަތުން ސޯބެ ފައިސާ ދިނުމަށް އެދިފައި ނުވާކަން ފާހަގަކުރައްވާ އަސްލަމް ވިދާޅުވީ މުލީއާގެއިން ދޭ 50،000ރ. ހޯދަން ދުވާ މެންބަރަކަށް ހިތަދޫ އުތުރު ދާއިރާގެ މެންބަރު ވެގެން ނުވާނެ ކަމަށެވެ. 
 އަސްލަމް އިތުރަށް ވިދާޅުވީ ރާއްޖޭގެ އިސްލާހުކުރުމުގެ މަސައްކަތުގެ ތެރެއިން ވޯޓުގަތުމާއި ވޯޓު ވިއްކުމަކީ ރާއްޖެއިން މުޅިން ނައްތާލަންޖެހިފައިވާ ކަމަެއް ކަމަށެވެ. 
"އަޅުގަނޑު ގަބޫލުކުރާގޮތުން މިއީ އަޅުގަނޑުމެން އެމްޑީޕީގެ އެއްވެސް ކަހަލަ މިންވަރަކަށް އެމްޑީޕީގެ ފަލްސަފާގައި ހިމެނޭ ކަމެއް ނޫން. އަދި އަޅުގަނޑުމެން ރާއްޖެ އިސްލާހުކުރުމުގެ ވާހަކަ ދައްކާއިރު އަޅުގަނޑުމެން މިކުރާ އިސްލާހުގެ މަސައްކަތުގެ ތެރެއިން މުޅިން ނައްތާލަންޖެހޭ ކަމެއް. ވޯޓު ގަތުމާއި ވިއްކުަމަކީ މުޅިން ނައްތާލަންޖެހޭ ކަމެއް،" އަސްލަމް ވިދާޅުވި އެވެ. 
ވޯޓު ވިއްކައިގެން ހޮވާ މެންބަރަކާ ގުޅިގެން ފަހުން ނުކުންނަ ނަތީޖާއާމެދުވެސް ވިސްނަން ޖެހޭ ކަމަށް އަސްލަމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ވޯޓު ވިއްކުމާއި ގަތުން ގާނޫނުން މަނާކުރި ނަމަވެސް އެކަން ތަންފީޒު ނުވާ ކަމަށެވެ. 
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންވެސް ވަނީ ސޯބެއަށް ތާއީދުކުރައްވާކަން ހާމަކުރައްވާ، އޭނާއަށް އެންމެން ވޯޓު ދެއްވުމަށް އެދިވަޑައިގެންފަ އެވެ. 
ހޮނިހިރު ދުވަހު އޮންނަ އިންތިހާބުގައި ވާދަކުރަނީ ސޯބެ އާއި ވެރިކަން ކުރާ ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އަހްމަދު ސައީދެވެ. ކެންޑިޑޭޓް ނަންބަރު އެކެއް ސައީދަށް ލިބުނުއިރު ސޯބެގެ ނަންބަރަކީ ދޭކެވެ.
ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ އެ ގޮނޑިއަށް ކުރިން އިންތިހާބުވި މުހައްމަދު ސިނާނުގެ މައްޗަށް ސާބިތު ދަރަނީގެ މައްސަލައެއްގައި އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށް އެޕްރީލް 12، ގައި ސުޕްރީމް ކޯޓުން ހުކުމް ކުރުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ