ޑިމޮކްރަސީއަކީ ސަރުކާރަކާއި މެދު ދެކޭ ގޮތް ހޯދުމަށް، ވޯޓުތައް ގިނަ ކުރުން: އަލީ ހުސެއިން

ޑިމޮކްރަސީއެއްގައި އެންމެ ރަނގަޅު ގޮތަކީ ފަސް އަހަރުން އެއްފަހަރު ރައްޔިތުންގެ ބަސް ބުނުމުގެ ބަދަލުގައި، ގިނަގިނައިން ރައްޔިތުންގެ ގާތުގައި ސަރުކާރާއި ދައުލަތް ހިންގުމާ މެދު ފެންނަ ގޮތް އެހުންކަމަށް ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ކުރީގެ ބައެއް މެމްބަރުންނާއި، ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ހިމެނޭ ގޮތަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަލީ ހުސައިން ވިދާޅުވީ، ގާނޫނުއަސާސީއަށް ގެނައި މި އިސްލާހަކީ މިއިން ޒަމާނަކު އެއްވެސް ސަރުކާރަކުން ނުގެންނަ ފަދަ ބޮޑު ބަދަލެއްކަމަށާއި، ސަރުކާރުގެ ނިޔަތާއި މެދު އިންތިހާއަށް ކަންބޮޑުވާ ކަމަށެވެ. ހުރިހާ ބާރުތަކެއް އެއްވެފައި އޮތް ޒަމާނުގައި ވެސް، މަޖިލިސް އިންތިހާބާއި ރިޔާސީ އިންތިހާބު ވަކިން ބޭއްވުމުގެ މުހިންމުކަން ގަބޫލުކުރިކަމަށާއި، އެއީ މަޖިލީހަކީ މިނިވަން މުވައްސަސާއަކަށް ވުންކަމަށް އަލީ ހުސެއިން ވިދާޅުވި އެވެ.
އަލީ ހުސެއިން ވިދާޅުވީ ގާނޫނުއަސާސީގެ ދަށުން ބާރުތައް ވަކިވެފައި ވަނިކޮށް، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލަން ހުށަހެޅީ ކުއްލި ގޮތަކަށް ރައްޔިތުން ކައިރީ އަހާލުމެއް ވެސް ނެތި ކަމަށެވެ. އަދި ދެން ވާނެ ގޮތެއް ބުނެދިނުމެއް ނެތި މި ސަރުކާރުން އެ ނިންމުން ތަންފީޒު ކުރެވޭތޯ ކެނޑިނޭޅި މަސައްކަތް ކުރަމުންދާކަމަށް އަލީ ހުސެއިން ވިދާޅުވި އެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި މި ބިލު ހުށަހެޅީ މަޖިލިސް ރިސެސްގައި ވަނިކޮށް، އެ ހާލަތު ވެސް ނެތީސް ކުއްލި ގޮތަކަށެވެ.
އަލީ ހުސެއިން ވިދާޅުވީ،ދެ އިންތިހާބު އެކުގައި ބޭއްވުމާއި މެދު ވޯޓުލާ އިރު ޖަވާބުދާރީ ކުރުވަން އުޅެނީ ކާކުކަން ރައްޔިތުންނަށް ނޭނގޭނެ ކަމަށެވެ. އަދި މަޖިލިސް މެންބަރަކު ހޮވާއިރު، ރައީސުލްޖުމްހޫރިއްޔާއަކަށް އަންނަނީ ކާކުކަން ނޭނގި އޮތުމަކީ ރައްޔިތުން ”އަނދިރީގައި“ ތިބެގެން ވޯޓުލުންކަމަށް ސިފަކުރެއްވިއެވެ.
އެހެންނަމަވެސް މިހާރު މި ގާނޫނުއަސާސީގެ ދަށުން ބާރުތައް ވަކިވެފައި އޮއްވާ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލަން ހަމަ ކުއްލިއަކަށް ރައްޔިތުންނަށް އަންގާލުމެއް ނެތި.. އަދި ވާން އުޅެނީ ކިހިނެއްކަމެއް މީހުންނަށް ބުނެދިނުމެއް ނެތި މި ސަރުކާރުގެ ކަންތައް ކުރަން އުޅޭތީ އަޅުގަނޑުމެން ހަގީގަތުގައި ކަންބޮޑުވޭ. އެނގިވަޑައިގަންނަވާނެ ފަދައިން މި ބިލު ހުށަހެޅިގެން ދިޔައީ ހަމަ ކުއްލިއަކަށް. ހަމަ ކުއްލިއަކަށް ހުށަހެޅުނު އިރުގައި ރައްޔިތުންގެ މަޖިލިސް އޮތީ ރިސެސްގަ. ކުއްލި ޖަލްސާއެއްގެ ގޮތުގައި ހާއްސަ ޖަލްސާއެއްގެ ގޮތުގައި ހުށަހެޅީވެސް. ހާއްސަ ޖަލްސާއަކާ މި ދައުރުން ބޭރުން ބާއްވާ ޖަލްސާއެއްގެ ގޮތުގައި ކުއްލި ޖަލްސާއެއް ބާއްވާފަ ހުށަހެޅި މިވަރު ބޮޑު ކަމެއް ހުށަހަޅާއިރުގަ ރައްޔިތުންނާ ހަގީގަތުގައި އަންގާލަސް ނުލާ. ރައްޔިތުން ވާނުވާގަ ބޭތިއްބުމަށް، އަނދިރީގަ ބޭތިއްބުމަށް ހަގީގަތުގައި މި އުޅެނީ ވޯޓު ނަގަން. އަނދިރީގަ ބޭތިއްބުމަށް އަޅުގަނޑު މި ދެންނެވީ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބާ ރިޔާސީ އިންތިޚާބާ އެއްކޮށްލާފަ ކަމުގައިވާ ނަމަ ވޯޓުލާއިރަކު ނޭނގޭނެ ހަގީގަތުގައި ޖަވާބުދާރީ ކުރުވަން މިއުޅެނީ ކާކުކަމެއް. އެހެންވީމަ ރައްޔިތުން މިތިބީ އަނދިރީގެ ތެރޭގައި. ރައްޔިތުން މިއަދު އަނދިރީގެ ތެރޭގައި ތިބެގެން ވޯޓުލާއިރު ރައްޔިތުންގެ މަޖިލިހުގެ މެންބަރަކު ހޮވާއިރުގަ އޭނައަކަށް ނޭނގޭނެ ޖަވާބުދާރީ ކުރުވަން މިއުޅެނީ ހަގީގަތުގަ ކާކު ކަމެއް.
ޑިމޮކްރަސީއެއްގައި އެންމެ ރަނގަޅު ގޮތަކީ ފަސް އަހަރުން އެއްފަހަރު ރައްޔިތުންގެ ބަސް ބުނުމުގެ ބަދަލުގައި، ގިނަގިނައިން ރައްޔިތުންގެ ގާތުގައި ސަރުކާރާއި ދައުލަތް ހިންގުމާ މެދު ފެންނަ ގޮތް އެހުންކަން ފާހަގަކުރައްވައި އަލީ ހުސެއިން ވިދާޅުވީ ޑިމޮކްރަސީއަކީ ރައްޔިތުންގެ ވެރިކަން ކަމަށެވެ. އަދި ރައްޔިތުންނަކީ ވެރިކަމަށްވާއިރު، ސަރުކާރާއި މެދު ދެކޭ ގޮތް ބަލަން ޖެހޭ މިންވަރު މަދުކުރުމަކީ ޑިމޮކްރަސީގެ ހަގީގީ މާނައެއް ނޫންކަމަށް ވަނީ ވިދާޅުވި އެވެ.
އެހެންކަމުން ގިނަގުނަ ގޯސްތަކެއް ހިމެނޭ ރިފަރެންޑަމްއެއް ނަގަން އުޅުމާއި ދެކޮޅަށް އިހުތިޖާޖުކޮށް ކޮންމެ ރައްޔިތަކު ވެސް ވާހަކަ ދައްކަން ޖެހޭކަމަށް އަލީ ހުސެއިން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ