ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގައި މަސައްކަތްކުރާ 200 އެއްހާ މުވައްޒަފުންނަށް އިތުރަށް ބޯނަސް ދެވިފައިވާކަން އެނގި، އެ ފައިސާ އަނބުރާ ނެގުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އެޗްޑީސީގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ 9،000ރ. ގެ ބޯނަސްއެއް ދޭންޖެހޭ ބައެއް މުވައްޒަފުންނަށް 18،600ރ. ގެ ބޯނަސްއެއް ދެވިފައިވާ ކަމަށެވެ.
އެގޮތަށް ގާތްގަނޑަކަށް 200 އެއްހާ މުވައްޒަފުންނަށް ބޯނަސްގެ ގޮތުގައި ނުބައި އަދަދުތައް ދެވިފައިވާއިރު އެ ފައިސާގެ އަދަދު މިލިއަނަކަށް ވުރެ ގިނަވާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވި ގޮތުގައި އެ ފައިސާއަކީ 2024 ވަނަ އަހަރުގެ ބޯނަސް އެވެ. އެ ފައިސާ ދޫކޮށްފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.
ބޯނަސް ދޫކުރުމުގައި މައްސަލައެއް އުޅޭކަން ފާހަގަވީ މެނުއަލްކޮށް އެ މަސައްކަތްކުރާއިރު، ދޭތެރެއަކުން އެކި ކަހަލަ މައްސަލަތައް ދިމާވާތީ އެކަން ވެސް އަލުން ބެލުމުގެ ތެރެއިން ކަމަށް އޭނާ ވިދާޅުވި އެވެ.
"2،000 އެތައް ސްޓާފުންގެ މައުލޫމާތު މެނުއަލްކޮށް އަޅަމުންދަނިކޮށް އެކަން ދިމާވެފައި ވަނީ. 9،000ރ. ދޭންޖެހޭ ސްޓާފުންނަށް ވެސް 18،000ރ. ފުލްކޮށް ދެވިފައި އެބަ ހުރި. ފަހަތުގައި ތިބި ސްޓާފުންނަށް އެގޮތަށް ބޮޑަށް ދިމާވެފައި ހުރީ." އޭނާ ވިދާޅުވި އެވެ.
އެހެންވެ، އެ ފައިސާ ރިކަވާ ކުރުމުގެ މަސައްކަތްކުރުމުގައި މުވައްޒަފުންނަށް ފަސޭހަވާނެ ގޮތެއް ބެލުމަށް މުވައްޒަފުންނަށް މެއިލް މެދުވެރިކޮށް އަންގާފައިވާ ކަމަަށް އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ފައިސާ ރިކަވާކުރުމަށް އެކި އޮޕްޝަންތައް ވަނީ ދީފަ އެވެ. ބައެއް މުވައްޒަފުންނަކީ އެއްފަހަރާ ފައިސާ އަނބުރާ ދެއްކޭނެ މުވައްޒަފުންނަށް ނުވާތީ އެ މީހުންނަށް ހަ މަސް ދުވަސް ނުވަތަ އަހަރު ދުވަހުގެ މުއްދަތު ދިނުމަށް ނުވަތަ ދެން އަންނަ ބޯނަސްއަކުން އުނިކުރާ ކަހަލަ ގޮތަކަށް ހަދަން ފުރުސަތު ދޭނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އެޗްޑީސީން މިދިޔަ ޑިސެމްބަރުގައި 18،600ރ. ބޯނަސްގެ ގޮތުގައި ދޫކުރީ އެ މުވައްޒަފަކު ހިދުމަތްކުރި މުއްދަތަކަށް ބަލައިގެންނެވެ. ބޯނަސް ފައިސާ ދޫކުރަނީ ކުންފުނީގެ ބޯޑުން ފާސްކޮށް ފިނޭންސް މިނިސްޓްރީގެ ހުއްދައާ އެކު އެވެ.
The most trusted news source in the Maldives
ދައުލަތުގެ ކުންފުނިތަކުން އެ ކުންފުންޏެއްގެ މާލީ ހާލަތަށް ރިއާޔަތްކޮށް ކޮންމެ އަހަރަކު ވެސް އަހަރީ ބޯނަސް އާންމުކޮށް ދޫކުރެ އެވެ.
އެޗްޑީސީގެ 200 އެއްހާ މުވައްޒަފުންނަށް އިތުރަށް ބޯނަސް ދެވިގެން ފައިސާ އަނބުރާ ނަގަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ