ވޯލްޑްކަޕުގެ ގްރޫޕް ސްޓޭޖުގައި އިއްޔެ ރޭ ލޮސް އެންޖްލަސްގައި ބެލްޖިއަމާ ދެކޮޅަށް ކުޅުނު މެޗަށްފަހު ހުރިހާ ގައުމެއްގެ މެދުގައި އަމާންކަމާއި އިހުތިރާމާއި އެކުވެރިކަން އޮތުމަށް އެދި އިރާނުން މެސެޖެއް ދޫކޮށްލައިފި އެވެ.
ގްރޫޕް ޖީގައި ބެލްޖިއަމާ ދެކޮޅަށް ކުޅެ ލަނޑެއް ނުޖެހި އެއްވަރުވެގެން ނިމުނު މެޗަށްފަހު އިރާނުން ވަނީ އަތުލިޔުމުން ލިޔެފައިވާ ނޯޓުކޮޅެއް ޑްރެސިންގ ރޫމްގައި ބާއްވާފަ އެވެ. ނޯޓު ކޮޅުގައި އޮތީ އެކުވެރިކަމާއި އަމާންކަން އަދި އިހުތިރާމު ހުރިހާ ގައުމެއްގެ މެދުގައި އޮތުމަށް އެދޭކަމެވެ.
މީގެ އިތުރުން އެމީހުންގެ މެސެޖުގައި ވަނީ ލޮސް އެންޖްލަސްއަށް އައީ ފަހުރާއެކު ކަމަށާއި ކުޅުނީ ވެސް އެފަހުރުވެރިކަމުގައި ކަމަށް އަދި ނިންމާފައި ދަނީ ވެސް އިއްޒަތާއެކު ކަމަށެވެ. ލޮސް އެންޖްލަސްގެ މެހެންމާދާރީއަށް ވެސް އިރާނުން ޝުކުރުއަދާކުރިއިރު 180 މިނެޓުތެރޭ އެމީހުންގެ ހިތާއި ރޫހު ދިން ހުރިހާ އިރާނު ރައްޔިތުންނަށް ވެސް ޝުކުރު އަދާކޮށްފަ އެވެ.
އެގައުމުގެ ފުޓްބޯޅަ ފެޑޭރޭޝަނުން ހާމަކުރި މި މެސެޖުގައި އިތުރަށް ބުނެފައިވަނީ އެންމެ ކުރީ ޒަމާނުގެ އިރާނުން މިހާރުގެ އިރާނަށް ވެސް އެއޮތް ހިތްވަރާ ރޫހު ދިރި އެބަ އޮތް ކަމަށެވެ.
އިރާނުގެ ނޯޓުކޮޅު--- ފޮޓޯ: އިރާން ފުޓްބޯޅަ ފެޑެރޭޝަން
އިރާނުން ވޯލްޑްކަޕްގައި ވާދަކުރަމުން ދަނީ މުބާރާތުގެ ކޯ ހޯސްޓް އެމެރިކާއާ ދެމެދު ހަނގުރާމަ ހުއްޓާލުމަށް ވާހަކަ ދެކެވެމުން އަންނަ ދަނޑިވަޅެއްގަ އެވެ. މި މެސެޖުގައި އެމެރިކާއާ ދެކޮޅަށް ކުރިއަށްދާ ހަނގުރާމައިގެ ފުރަތަމަ ދުވަހު މިނަބްގައި ހުންނަ އަންހެން ކުދިންގެ ސްކޫލަކަށް ދިން ހަމަލާއެއްގައި 168 މީހުން މަރުވި ހާދިސާގެ ވާހަކަ ވެސް ނުސީދާ ގޮތަކަށް ފާހަަގަކޮށްފައިވެ އެވެ.
އިރާނުގެ ފުރަތަމަ މެޗު ވެސް ކުޅުނީ ލޮސް އެންޖްލަސް ސްޓޭޑިއަމްގަ އެވެ. އެމެޗުގައި 2 - 2 ން ނިއުޒީލެންޑާއި އެއްވަރުވިއިރު ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި މިމަހު 27 ގައި ނުކުންނާނީ މިސްރާ ދެކޮޅަށެވެ.
މީގެކުރިން މެދުއިރުމަތީގައި ކުރިއަށްދާ ހަނގުރާމައިގެ ސަބަބުން އިރާނުގެ ވޯލްޑްކަޕުގެ ބައިވެރިވުމާމެދު ވެސް ސުވާލު އޮތީ އުފެދިފަ އެވެ. އެމީހުންގެ ސްޓާފުންގެ ވަރަށް ގިނަ "އިންޓެގްރަލް" މެމްބަރުންނަށް ވިސާ ވެސް ނުލިބުނުއިރު އެފްއެފްއައިއާރުއައި އިން ވަނީ އިންސާފާއި ގާއިމުކުރެވިފައިވާ ގަވައިދުތަކަށް އަދި ވަކި ފަރާތަކަށް ބުރަ ނުވުމަށް ހެދިފައިވާ ގަވައިދުތަކުގެ މަތީގައި ދެމިތިބުމަށް ފީފާއަށް ގޮވާލައިފަ އެވެ. މިގޮތަށް ގޮވާލަން ބޮޑަށް ޖެހިގެންދިޔައީ އެގައުމުގެ ފެޑެރޭޝަނަށް ދީފައިވާ ސަޕޯޓަރުންގެ ޓިކެޓްތައް އަނބުރާ ގެންދިޔުމުންނެވެ.
އިރާނުން ވޯލްޑްކަޕަށް އެމެރިކާއަށް ދަތުރުކޮށް ފުރަތަމަ ކޭމްޕް ޖެހީ އެމެރިކާގެ އެރިޒޯނާގަ އެވެ. ނަމަވެސް ފަހުން ކޭމްޕް ވަނީ މެކްސިކޯގެ ޓިޖުއާނާއަށް ބަދަލުކޮށްފަ އެވެ. އަދި މިހެންވުމާއެކު މެޗުތަކަށް އެމެރިކާއަށް ކުރަންޖެހޭ ދަތުރުތަކަށް ވަރަށް ބޮޑެތި ދަތިތަކެއް އިރާނަށް ވަނީ ކުރިމަތިވެފަ އެވެ.
އެކަމާ ގުޅިގެން ނިއުޒިލޭންޑް މެޗަށްފަހު ވާހަކަދައްކަމުން އިރާނުގެ އިސް ކޯޗު އާމިރު ގަލެނޯއީ ބުނީ އެޓީމަށް އެންމެ ބޮޑަށް ފިއްތާލާފައިވާ (އޮޕްރެސްޑް) ޓީމު ކަމަށެވެ. ނަމަވެސް ވައިޓް ހައުސްގެ ވޯލްޑް ކަޕް ޓާސްކް ފޯހުގެ އެކްސެކެޓިވް ޑިރެކްޓަރު އެންޑްރޫވް ގިއުލިއާނީ ބުނި ގޮތުގައި މިސްރާ ދެކޮޅަށް ކުޅޭ މެޗަށް އިރާނުގެ ދަތުރުގެ ގަޑިތަކާއި ގުޅިގެން މަޝްވަރާ ކުރެވެމުންދާ ކަމަށެވެ.
ފީފާ ވޯލްޑްކަޕް: އަމާންކަމާ އެކުވެރިކަމަށް އެދި އިރާނުގެ ހާއްސަ މެސެޖެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ