މެސީގެ ތާރީހީ ރެކޯޑް ގޯލުތަކުން މޮޅުވެ ޗެމްޕިއަން އާޖެންޓީނާ ދެ ވަަނަ ބުރަށް

ޓެކްސަސް، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 22) - ލިއޮނަލް މެސީ ޖެހި ތާރީހީ ރެކޯޑް ގޯލުތަކާ އެކު، އޮސްޓްރިއާ އަތުން 2-0 އިން މޮޅުވެ، ފީފާ ވޯލްޑް ކަޕްގެ އެންމެ ފަހުގެ ޗެމްޕިއަން، އާެޖެންޓީނާ އިން މި ފަހަރުގެ މުބާރާތުގެ ދެ ވަނަ ބުރުން ޖާގަ ހޯދައިފި އެވެ.
މި މޮޅާ އެކު، ފުރަތަމަ ދެ މެޗުން، އަލްޖީރިއާ އާއި އޮސްޓްރިއާ އަތުން މޮޅުވެ، އާޖެންޓީނާ އިން ވަނީ ގަދަ 32 ޓީމު ވާދަކުރާ ބުރުން ޖާގަ ޔަގީންކޮށްފަ އެވެ.  އަދި, މި ގްރޫޕްގައި ދެން މިރޭ އޮތް މެޗުން, ޖޯޑަން އަށް އަލްޖީރިއާ ބަލިނުކުރެވިއްޖެނަމަ، އާޖެންޓީނާ އަށް އެއް ވަނަ ޔަގީންކުރެވޭނެ އެވެ. 
މި ފަހަރުގެ ވޯލްޑް ކަޕްގައި ކުޅުނު ފުރަތަމަ މެޗުގައި އަލްޖީރިއާ ކޮޅަށް ހެދި ހެޓްރިކާ އެކު، އުމުރުން 38 އަހަރުގެ މެސީ ވަނީ ޖަރުމަނުގެ ލެޖެންޑަރީ ފޯވާޑް މިރޮސްލާވް ކްލޯސާ ވޯލްޑް ކަޕްތަކުގައި އެންމެ ގިނަ ގޯލު ޖަހައިގެން ހަދާފައިވާ ރެކޯޑާ ހަމަކޮށްފަ އެވެ.
މިރޭ، އޮސްޓްރިއާއާ ދެކޮޅަށް ކުޅުނު މެޗުގައި މެސީ އަށް އެ ރެކޯޑް މުގުރާލަން ފުރަތަމަ ލިބުނު ފުރުސަތުގައި، އާޖެންޓީނާ އަށް ލިބުނު ޕެނަލްޓީން ފޮނުވާލި ބޯޅަ ބޭރަށް ދިޔައިރު، މެސީ އަށް ވަނީ ވޯލްޑް ކަޕްތަކުގައި އެންމެ ގިނަ ޕެނަލްޓީ ނާކާމިޔާބުވުމުގެ ދަށް ރެކޯޑާ ވެސް ހަވާލުވާން ޖެހިފަ އެވެ. މިއީ، ހަ ވަަނަ. ވޯލްޑް ކަޕެއްގައި ކުޅޭ މެސީ އަތުން ވޯލްޑް ކަޕްތަކުގައި ބޭކާރުވި ތިން ވަނަ ޕެނަލްޓީ އެވެ.
އޮސްޓްރިއާއާ ދެކޮޅަށް އާޖެންޓީނާ އަށް ޕެނަލްޓީ ދިނީ އެ ޓީމުގެ ލައުޓާރޯ މާޓީނޭޒް އަށް ކުރި ފައުލަކަށް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން އަންގައިގެން ދަނޑުކައިރީގައި ބަހައްޓާފައިވާ މޮނީޓަރުން ވެސް ބަލައިފަ އެވެ. 
ފުރަތަމަ ހާފުގައި މެސީ އަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔައިރު، 31 ވަނަ މިނިޓްގައި އޭރިއާތެރެއިން އޭނާ ފޮނުވާލި ބޯޅަ އޮސްޓްރިއާގެ ކެޕްޓަން، ޑޭވިޑް އަލަބާ ވަނީ ބްލޮކްކޮށްފަ އެވެ. މީގެ އިތުރުން ވެސް މެސީގެ ފަރާތުން ވަނީ ރަނގަޅު އެޓޭކްތަކެއް ފެނިގެންގޮސްފަ އެވެ. 
މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑަކީ، 38 ވަނަ މިނިޓްގައި ފަކުންޑޯ މެޑީނާ ނަގައިދިން ހުރަަހަކަށް އަރައި، އޭރިއާ ރޮނގުމަތިން މެސީ ވަނީ ގޯލަށް ބޯޅަ ވައްދާލައިފަ އެވެ. މިއީ، މެސީ، ވޯލްޑް ކަޕްތަކުގައި ޖެހި 17 ވަނަ ގޯލު ކަމަށްވާއިރު، ވޯލްޑް ކަޕްގައި އެންމެ ގިނަ ލަނޑު ޖެހުމުގެ ތާރީހީ ރެކޯޑް ހޯލްޑަރަކަށް އޭނާ ވެގެންދިޔައީ އެވެ. 
މެސީ، 28 މެޗުން ރެކޯޑް ހެދިއިރު، ކްލޯސާ ލަނޑުތައް ޖެހީ 24 މެޗުންނެވެ. 
ފުރަަތަމަ ހާފުގައި އޮސްޓްރިއާގެ މާސެލް ސަބިޓްޒާ ފޮނުވާލި ބޯޅައެއް އާޖެންޓީނާ ޑިފެންޑަރުން ވަނީ ބްލޮކްކޮށްފަ އެވެ. ދެ ވަނަ ހާފުގެ ނުވަ ވަނަ މިިނިޓްގައި، އޭރިއާ ކައިރިން ލިބުނު ހިލޭޖެހުމަކުން، ސަބިޓްޒާ ޖެހި ބޯޅަ އާޖެންޓީނާ ކީޕަރު، އެމިލިއާނޯ މާޓީނޭޒް ވަނީ މަތަކޮށްފަ އެވެ. 
މެޗުގެ 61 ވަނަ މިނިޓްގައި އާޖެންޓީނާގެ އެންޒޯ ފެނާންޑޭޒް، ފޮނުވާލި ހަމަލާއެއް ވަނީ އޮސްޓްރިއާގެ ކެވިން ޑަންސޯ ގައިގައި ޖެހިފައި ބްލޮކްވެފަ އެވެ. 
ބަދަަލަކަށް ކުޅެން އެރި އާޖެންޓީނާގެ ނިކޯ ގޮންޒާލޭޒް، ކޯނަރަކަށް އަރައި ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރުންނެވެ. އަދި، މެޗުގެ 85 ވަނަ މިނިޓްގައި، އޭރިއާތެރެއިން ލިބުނު ފުރުސަތެއްގައި ގޮންޒާލޭޒް ޖެހި ޝޮޓެއް ވަނީ ބްލޮކްވެފަ އެވެ. މެޗުގެ އިތުރު ވަގުތުގައި މެސީ އަށް އޮސްޓްރިއާ އޭރިއާތެރެއިން ދެ ފަހަރެއްގެ މަތިން ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފައި، އޭނާ ވަނީ ދެ ވަނަ ގޯލު ޖަހައިފަ އެވެ. މިއާ އެކު، ވޯލްޑް ކަޕްތަކުގައި އޭނާގެ ލަނޑުގެ ޖުމްލަ އަދަދު 18 އަށް އެރީ އެވެ. 
މި ފަހަރުގެ ވޯލްޑް ކަޕްގައި އާޖެންޓީނާ އިން ޖެހި ފަސް ލަނޑު ވެސް ކާމިޔާބުކޮށްފައިވަނީ މެސީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ