ޑޮލަރު ތާށިކަން އިންތިހާއަށް ބޮޑުވެ، ކަޅު ބާޒާރުގައި ޑޮލަރެއް ގަންނަން ލިބޭ އަގު އިންތިހާއަށް ބޮޑުވެފައިވާ ދަނޑިވަޅެއްގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބޭންކުތަކަށް ދޫކުރާ ޑޮލަރު އިތުރުކުރަން ނިންމައިފި އެވެ.
މިކަން އިއުލާންކޮށް އެމްއެމްއޭއިން ނެރުނު ބަޔާނެއްގައި ބުނީ، ޓޫރިޒަމްގެ އޮފް-ސީޒަނާ ދިމާކޮށް، ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 25 ޕަސެންޓު އިތުރުކުރާނެ ކަމަށެވެ. އެމްއެމްއޭއިން ބުނީ އަންނަ ހަފުތާގެ އާދިއްތައިން ފެށިގެން ތިން މަސް ދުވަސް ވަންދެން މި ގޮތަށް ބޭންކުތަކަށް ޑޮލަރު ދޫކުރާނެ ކަމަށެވެ.
ޑޮލަރު ތާށިކަން ބޮޑުވާ ފަހަރުތަކުގައި އެމްއެމްއޭއިން މި ގޮތަށް ފިޔަވަޅު އަޅަނީ ރުފިޔާގެ އަގު ހިފެހެއްޓުމުގެ ގޮތުން މި ގޮތަށް "އިންޓަވެންޝަން" ފިޔަވަޅުތައް އަޅަ އެވެ.
މި ފަހަރުގެ ނިންމުމާ ގުޅިގެން އެމްއެމްއޭއިން ބުނީ މި ގޮތަަށް ނިންމީ، ޓޫރިޒަމުން ލިބޭ ބޭރު ފައިސާގެ މިންވަރު ދަށްވާ ދުވަސްވަރެއްގައި، ޑޮލަރަށް ހުރި ޑީމާންޑް އެއްވަރެއްގައި ހުރުމުން ކުރިމަތިވާ ދަތިތަކަށް ހައްލު ހޯދައިދިނުމަށް ކަމަށެވެ.
"މިއީ ބޭންކިން ނިޒާމުގެ ތެރޭގައި އޮތް ބޭރު ފައިސާގެ ދަތިކަން ކުޑަކުރުމަށާއި، ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ޑޮލަރު ފަސޭހައިން ލިބޭނެ މަގު ފަހިކޮށްދިނުމަށް މަރުކަޒީ ބޭންކުން އެޅި ވަގުތީ ފިޔަވަޅެއް". އެމްއެމްއޭއިން ބުންޏެވެ.
އެމްއެމްއޭއިން ވަނީ ޑޮލަރަށް އޮތް ޑިމާންޑު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމާއި، އޭގެ ސަބަބުން އެ އިދާރާއިން ބާޒާރު ހަމައަކަށް އަޅުވަން ޑޮލަރު ސަޕްލައި އިތުރުކުރަން ޖެހިފައިވާ ކަމަށް ބާރުދޭ ތަފާސްހިސާބުތަކެއް ވެސް އާންމުކޮށްފަ އެވެ.
އެ ގޮތުން މި އަހަރުގެ ފުރަުތަމަ ފަސް މަސް ދުވަހުގެ އެމްއެމްއޭއިން ވިޔަފާރިތަކަށް އަދި އާންމުންގެ އެކި ބޭނުންތަކަށް ބޭންކުތައް މެދުވެރިކޮށް ވިއްކާފައިވާ ބޭރުފައިސާ ވަނީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 72 ޕަސެންޓު އިތުރެވެ.
އެމްއެމްއޭއިން ބުނީ ޑޮލަރަށް އޮތް ޑިމާންޑު އެންމެ ބޮޑަށް އިތުރުވެފައިވާ ދާއިރާތަކަކީ ބޭސްފަރުވާ އާއި ތައުލީމަަށް ރާއްޖޭން ބޭރަށް ކުރާ ދަތުރުތަކަށް ކަމަށެވެ. މަރުކަޒީ ބޭންކުން ބުނީ ފުރަތަމަ ފަސް މަހުގެ ތެރޭގައި ތައުލީމަށް ބޭންކުތައް މެދުވެރިކޮށް ވިއްކި ބޭރު ފައިސާގެ މިންވަރު ވަނީ، މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 78 އިންސައްތަ އިތުރުވެއިވާ ކަމަށެވެ.
އޭގެ އިތުރުން، ރާއްޖެއަށް ތެލާ، ކާޑު އަދި ބޭހާއި މެޑިކަލް އިކުއިޕްމަންޓް އެތެރެކުރުމަށް އެމްއެމްއޭ އިން ވިއްކި ބޭރުފައިސާގެ އަދަދު ވަނީ މިދިޔަ އަހަރުގެ އެ މުއްދަތަށް ވުރެ 30 އިންސައްތަ އިތުރުވެފަ އެވެ.
އެމްއެމްއޭއިން ބުނީ ބޭންކުތަކަށް ޑޮލަރު ވިއްކާ މިންވަރު އިތުރުކުރުމުގެ ސަބަބުން ޑޮލަރުގެ ތާށިކަން ކުޑަވެ، ކަސްޓަމަރުންގެ ބޭނުންތަކަށް ބޭންކުތަކުން ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ހަރުދަނާ ވެގެެން ދާނެ ކަމަށެވެ.
އެމްއެމްއޭގެ ނޫސް ބަޔާން ނިންމާލަމުން ބޭރު ފައިސާގެ ބާޒާރު ހަރުދަނާކުރަން ވޭތުވެ ދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި އިސްލާހީ ފިޔަވަޅުތަކެއް އެޅި ކަމަށް ބުންޏެވެ. އޭގެ ތެރޭގައި ބޭރު ފައިސާގެ ގާނޫނު ތަންފީޒުކުރުމާއި ގަވާއިދުތަކަށް ގެނައި ބަދަލުތަކާއި، ބޭރު ފައިސާ މެނޭޖްކުރުން ހަރުދަނާކުރުމާއި، އަދި އިސްކަންދޭންޖެހޭ ކަންކަމަށް ބޭރު ފައިސާ ހޯދައިދިނުމުގައި ބޭންކުތަކާ ގުޅިގެން ކުރާ މަސައްކަތްތައް ހިމެނޭ ކަމަށް އެމްއެމްއޭއިން ބުންޏެވެ.
އެމްއެމްއޭއިން މި ފިޔަވަޅުތައް އެޅި ނަމަވެސް ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 20ރ. ގައި ހުންނަތާ މި ހިނގަނީ ދެ ވަަނަ އަހަރެވެ.
އެމްއެމްއޭއިން ބޭންކުތަކަށް ދޫކުރާ ޑޮލަރު 25 ޕަސެންޓު އިތުރުކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ