ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ބަންދުކުރި މައްސަލައިގައި ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނާއި ކުރީގެ އޮޕަރޭޝަންސް ޑައިރެކްޓާ މުހައްމަދު ޒިޔާދުގެ މައްޗަށް ކުރާ ދައުވާގެ ހުކުމް މާދަމާ ރޭ އިއްވަން ކްރިމިނަލް ކޯޓުން ތާވަލްކޮށްފި އެވެ.
އަބްދުﷲ ގާޒީ ބަންދު ކުރުމުގައި ބައިވެރިވި ކަމަށް ބުނެ އެ ދެ ބޭފުޅުންގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާގެ ހުކުމް އިއްވަން މީގެ ދެ ފަހަރެއްގެ މަތިން ތާވަލްކުރި އަޑުއެހުން ވަނީ ސަބަބު ބަޔާން ކުރުމެއް ނެތި ކެންސަލްކޮށްފަ އެވެ. މާދަމާ ރޭ 9:00 ގައި ތޮލްހަތުގެ މައްޗަށް ހުކުމް ކުރަން ތާވަލްކޮށްފައިވާއިރު ޒިޔާދުގެ މައްޗަށް ހުކުމްކުރާ މަޖިލިސް ތާވަލްކޮށްފައިވަނީ 10:00 އަށެވެ.
އެ ކުށް ސާބިތުވެއްޖެ ނަމަ 10 އަހަރާއި 15 އަހަރާއި ދެމެދުގެ ޖަލު ހުކުމެއް ނުވަތަ އަރުވާލުމުގެ ހުކުމެއް ނުވަތަ ގޭގައި ބަންދު ކުރުމުގެ ހުކުމެއް އެއިން ކޮންމެ ބޭފުޅަކަށް އަންނާނެ އެވެ.
އެ މައްސަލައިގައި އޭރުގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކުށް ސާބިތުވެ އެމަނިކުފާނު 13 އަހަރަށް ޖަލަށްލާން ހުކުމްކޮށްފައިވާއިރު އޭރުގެ ޗީފް އޮފް ޑިފެންސް ފޯސް އަދި މިހާރުގެ ޑިފެންސް މިނިސްޓަރުގެ މޫސާ އަލީ ޖަލީލުގެ މައްޗަށް އެ ކުށް ސާބިތުނުވާ ކަމަށް ވަނީ ހުކުމްކޮށްފަ އެވެ.
އަބްދުﷲ ގާޒީ ބަންދު ކުރުމުގެ ދައުވާލިބޭ ބޭފުޅުންގެ ތެރެއިން މިހާރު ކުރިއަށް ނުގޮސް އޮތީ އޭރުގެ މާލޭ އޭރިޔާގެ ކޮމާންޑަރު އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހިމް ދީދީގެ ޝަރީއަތެވެ. އޭނާގެ ޝަރީއަތް ވަކި ހިސާބަކަށް ކުރިއަށް ގެންގޮސްފައި ވަނިކޮށް އިބްރާހިމް ދީދީ އާލާސްކަންފުޅާ އުޅުއްވާތީ އޭނާ ރާއްޖެއިން ބޭރަށް ވަޑައިގަތުމުން އޭގެފަހުން ޝަރީއަތް ކުރިއަށް ގެންގޮސްފައެއް ނުވެއެވެ.
ގާޒީ ހައްޔަރު ކުރި މައްސަލައިގައި ކުރީގެ މިނިސްޓަރު ތޮލްހަތާއި ޒިޔާދަށް ހުކުމް ކުރުން މާދަމާ ރޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ