ރައީސް މުހައްމަދު މުއިއްޒު މި ހަފުތާގައި ނ. އަތޮޅަށް ވަޑައިގަންނަވާ ކަމަށާއި އެ ދަތުރުގެ ބޭނުމަކީ އިތުރު ދޮގުތައް ހަދައިގެން ކުރިއަށް އޮތް ލޯކަލް ކައުންސިލްގެ އިންތިހާބު ވެރިކަން ކުރާ ޕީއެންސީ އަށް ހޯދުން ކަމަށް، ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެ އެވެ.
އެމްޑީއޭގެ މެންބަރެއްގެ ގޮތުގައި ހުންނެވި އައްބާސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާ އަށް އެނގިވަޑައިގެންފައިވާ ގޮތުގައި ރައީސް މުއިއްޒު ނ. އަތޮޅަށް ވަޑައިގަންނަވަނީ މި މަހުގެ 7-9 އަށެވެ.
ނަމަވެސް މި ދަތުރުގެ ވާހަކަ ސަރުކާރުން އަދި ހާމައެއް ނުކުރެ އެވެ.
މަލާމާތުގެ ގޮތުގައި، އައްބާސް ވިދާޅުވެފައި ވަނީ މުއިއްޒު ނ. އަތޮޅަށް ވަޑައިގަންނަވަނީ އެ އަތޮޅުގެ "ހުރިހާ ރަށެއްގައި ފަތުއަޑު ކިޔާފައި ހިގަމުންދާ ތަރައްގީގެ ބިޔަ ބޮޑު ގިނަ ޕްރޮޖެކްޓުތައް ބައްލަވާލެއްވުމަށް" ކަމަށެވެ.
"މީ ވަރަށް ސިއްރުން ރޭވިގެން ކުރައްވާ ދަތުރުފުޅެއް ކަމުން ޕީއެންސީގެ މަޖިލީސް މެންބަރުންނަށް އަދި އެގިވަޑައިގެންފައި ނުވޭ،" އޭނާ ވިދާޅުވި އެވެ.
މުއިއްޒު ރަސްމީ ދަތުރެއްގައި ވަޑައިގަންނަވާކަން މި ފަހަކަށް އައިސް، ސަރުކާރުން ދުރާލާ ހާމައެއް ނުކުރެ އެވެ.
ލޯކަލް ކައުންސިލްގެ އިންތިހާބު އޮންނާނީ އަންނަ އަހަރުގެ ފުރަތަމަ ކޮޅުގަ އެވެ.
ރައީސް މުއިއްޒު ނ. އަތޮޅަށް ވަޑައިގަންނަވާއިރު، އެ މަނިކުފާނު ވެރިކަމަށް ގެންނެވުމަށް މަސައްކަތް ކުރެއްވި އެމްޑީއޭގެ ލީޑަރާއި މި ސަރުކާރާ ގުޅުން ވަނީ ގޯސްވެފަ އެވެ.
ދަނޑުވެރިކަން ކުރުމަށް ސިޔާމް އަށް ދޫކޮށްފައި އޮތް ދެ ރަށެއް ވެސް ސަރުކާރުން އަތުލާފައިވެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މުއިއްޒު މިނިސްޓަރުކަން ހޯއްދެވީ، އަދާލަތު ޕާޓީން، ސިޔާމްގެ އެމްޑީއޭ އަށް ބަދަލުވެގެން، އެ ޕާޓީގެ ޖާގައެއްގަ އެވެ.
މުއިއްޒު މިނިސްޓަރަކަށް ހުންނެވި ދުވަސްވަރު ސިޔާމް ދިން އެއް މިލިއަން ރުފިޔާގެ "ހަދިޔާ"އެއްގައި ހިފި މައްސަލައެއް ފެންމަތިވެފައިވެ އެވެ.
މުއިއްޒުގެ މި ސަރުކާރުން ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ކުރިއަށް ނުގެންދާތީ ފާޑުކިޔުން ވެސް އަމާޒުވެފައިވެ އެވެ.
ރައީސް މުއިއްޒު ނ. އަތޮޅަށް ވަޑައިގަންނަވަނީ ކައުންސިލް އިންތިހާބަށް އިތުރު ދޮގުތައް ހަދަން: އައްބާސް ރައީސް މުއިއްޒު ނ. އަތޮޅަށް ވަޑައިގަންނަވަނީ ކައުންސިލް އިންތިހާބަށް އިތުރު ދޮގުތައް ހަދަން: އައްބާސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ