ކަކުލު ހުޅުގައާ މައިބަދައިގަ ރިއްސަން ފަށައިފިނަމަ ފުރަތަމަ ސަމާލުކަންދޭންވީ ކަންތައް-

ކަކުލުހުޅުގައި ރިއްސުމާއި މައިބަދައިގެ ކޮންމެ ބަދަތަކަކަށް ގެއްލުން ލިބި ރިއްސަންފެށުން އެއީ މިހާރު ވަރަށް ޢާންމު ކަމެކެވެ. ޒުވާން ޢުމުރުގައި އެކަންކަން ކުރިމަތިވާ މީހުންވެސް އަންނަނީ ގިނަވަމުންނެވެ.  
ކަކުލު ހުޅުގައި އަދި މައިބަދައިގައިވެސް ރިއްސަން ފަށައިފިނަމަ ކޮންމެ މީހަކަށްވެސް އަވަސްވެގަނެވެނީ ފަރުވާކުރުމަށެވެ. އެއީ މައްސަލައެއް ނޫނެވެ. އެބާވަތުގެ ކަންކަމުގައި އަވަހަށް ފަރުވާ ލިބުމަކީ ޝިފާ ލިބުން އަވަސްވާވެސް ސަބަބެކެވެ.  
އަހުރެން ދައްކަން މިއުޅެނީ ތަފާތު ވާހަކައެކެވެ. ފަރުވާ ލިބިގަންނަން އަވަސްވެގަންނަފަދައިން ކުރަންޖެހޭ މާމުހިންމު ކަމެއްގެ ވާހަކައެވެ. އެއީ ވީހާ ގިނަ ސަޖިދަކުރަން މަސައްކަތްކުރުމެވެ. މާނައަކީ ފަރުޟް ނަމާދުތަކުގެ އިތުރުން ވީހާގިނައިން ސުންނަތް ނަމާދުތައްކުރަން ފަށާށެވެ! ޚާއްޞަކޮށް ރޭއަޅުކަންކުރަން އަވަހަށް ފަށާށެވެ!   
އެހެން ބުނަންޖެހޭ ނުވަތަ މިނަޞޭޙަތްދޭން ސަބަބަކީ ކަކުލުހުޅުގެ މައްސަލަ ކުރިމަތިވުމަކީވެސް އަދި މައިބަދައިގެ މައްސަލަ ކުރިމަތިވުމަކީވެސް އެކަމުގެ ސަބަބުން ސަޖިދަކުރަން ހުރަސްއެޅުމުގެ ފުރުޞަތު ބޮޑު ކަންކަންކަމަށްވާތީއެވެ. ގޮނޑީގައި އިނދެގެން ނަމާދުކުރަންޖެހޭ ޙާލަތު މެދުވެރިވާ ސަބަބަކަށްވާތީއެވެ.  
މީގެ މާނަ އޮޅުވައިނުލާށެވެ! އަހުރެންގެ ބޭނުމަކީ އެކަންކަން ކުރިމަތިވާ ކޮންމެ މީހަކަށް އެއުޅެނީ ސަޖިދަ ނުކުރެވެން ކަމަށް ބުނުމެއް ނޫނެވެ. ސަޖިދަ ކުރަން ހުރަސްއެޅޭ ސަބަބެއް ކަމަށް ބުނެވެ. މިސްކިތްތަކުގައާއި އަދި ގޭގައިވެސް ގޮނޑީގައި ތިބެގެން ނަމާދުކުރަން ޖެހިފައިވާ މީހުންނަށް ބެލުމުން މިވާހަކަ ދައްކަން ޖެހޭ ސަބަބު ވިސްނޭނެ ކަމަށް ހީކުރަމެވެ.  
އަހުރެން އުންމީދުކުރަނީ އަހުރެންގެ ނަޞޭޙަތް ހެޔޮގޮތުގައި ބަލައިގަންނާނެ ކަމަށެވެ. އެކަމަށް ހޭލުންތެރިވާނެ ކަމަށެވެ. ސަޖިދައިގައި އޮވެ ދުޢާކުރާށެވެ! ޖެހިފައިވާ ކަންތައް ލުއިމަގަކުން އަވަސްގޮތަކަށް ފިލައިގެން ދިއުމަށް އުންމީދުކުރާށެވެ!
 
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ