ރައްޔިތުންގެ ހިޔާލު ހޯދަން ހުޅުވައިލާ އާންމު ވޯޓުތަކަށް ކެމްޕޭނު ކުރަން 90 ދުވަހަކީ މާ މަދު މުއްދަތެއް ކަމަށް ހުޅުމާކެ ދެކުނު ދާއިރާގެ މަޖިލިސް މެންބަރު، އަހުމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ޝަމްހީދު ވިދާޅުވީ ދެ އިންތިހާބު އެއްކޮށްލުން ފަދަ މުހިންމު ކަންކަން ނިންމުމަށް ވޯޓެއް ނެގުމުގެ ކުރިން ރާއްޖެ ފަދަ ގައުމެއްގައި ކެމްޕޭނު ކުރަން ލިބޭ މުއްދަތު 90 ދުވަހަށްވުރެ އިތުރު ވާންޖެހޭނެ ކަމަށެވެ.
"ދެ އިންތިހާބު އެއްކޮށްލުމާއި އަދި ބައެއް ބޭފުޅުން އެބަ ވިދާޅުވޭ ރައީސުލްޖުމްހޫރިއްޔާއަށް އިތުރު ދައުރެއް ދިނުމާއި މިކަހަލަ ކަންތައްތަކެއްގެ ވާހަކަ، މި ކަންތައްތަކުގައި ރައްޔިތުންނަށް ކެމްޕޭނު ކުރުމުގެ ފުރުސަތު ދީފައި މިއޮތީ 45 ދުވަހާއި 90 ދުވަހާ ދޭތެރޭގައި، މިއީ މުޅި ރާއްޖެ ކަހަލަ މިކަހަލަ ގައުމެއްގައި އަޅުގަނޑު ގަބޫލު ކުރަނީ ތިން މަސްދުވަހަކީ މާ މަދު ދުވަސްތަކެއް ކަމަށް،" ޝަމްހީދު ވިދާޅުވި އެވެ.
ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގޭނެ ހާލަތްތަކާއި، އެފަދަ ވޯޓެއް ނެގުމުގެ އެންމެހާ ހަމަތައް ބަޔާންކޮށް މަޖިލީހަށް މިހާރު ހުށަހަޅައި ބަހުސް ކުރަމުންދާ ބިލުގައި ވަނީ ހިޔާލު ހޯދުމުގެ ވޯޓު ނެގޭ ކަންކަން ބަޔާން ކޮށްފަ އެވެ. އެއީ:
ރައްޔިތުންނާ ގުޅޭ މުހިންމު ކަންކަމުގައި ވޯޓަކަށް ދިޔުމަށް މަޖިލީހުގެ އަގުލަބިއްޔަތުން ގަރާރެއް ފާސްކުރަން ޖެހޭ ކަމަށް އެ ބިލުގައި ވެ އެވެ. އޭގެ އިތުރުން، ގައުމީ މުހިންމު މައްސަލަތަކުގައި ވޯޓަށް ދިޔުމަށް ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ނިންމޭނެ ކަމަށް ވެސް އެ ބިލުގައި ބަޔާންކޮށްފައި ވެ އެވެ.
އެއް މައްސަލައަށް ވުރެ ގިނަ މައްސަލައަށް ވޯޓަށް އެހުމަށް މި ގަރާރުތަކުން ކަނޑައެޅިދާނެ ކަމަށް ވެސް ބަޔާންކޮށްފައި ވެ އެވެ. މިފަދަ ގަރާރެއް އަނބުރާ ގެންދެވޭނީ ވޯޓު ނެގުމުގެ ތާރީހު އިލެކްޝަންސް ކޮމިޝަނުން އިއުލާން ކުރުމުގެ ކުރިންނެވެ.
އުމުރުން 18 އަހަރު ފުރިފައިވާ ކޮންމެ މީހަކަށް މި ސިއްރު ވޯޓުގައި ބައިވެރިވެވޭނެ އެވެ. އަދި އެފަދަ ވޯޓެއް ނަގަން ހުށަހަޅާތާ މަދުވެގެން 45 ދުވަސް އަދި ގިނަވެގެން 90 ދުވަހުގެ ތެރޭގައި އީސީއިން އެ އިންތިހާބު ބާއްވަން ޖެހެ އެވެ.
ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގަރާރާއި ރައީސް ސޮއިކޮށް ނެރޭ ގަރާރާ އެކު ރައްޔިތުންގެ ހިޔާލު ހޯދުމަށް އެދި ހުށަހަޅާ ސުވާލާއި އަދި، އެމައްސަލައާ އެއްކޮޅަށް، ހުރި ހުއްޖަތުތަކާއި ދެކޮޅަށް ހުރި ހުއްޖަތުތަކުގެ މައްޗަށް އެކުލެވޭ މައުލޫމާތު ކަރުދާހެއް ހިމަނަން ޖެހެ އެވެ. އެ މައުލޫމާތު ކަރުދާސް، ވޯޓު ނެގުމުގެ މަދުވެގެން 21 ދުވަސް ކުރިން އާންމުންނަށް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖައްސަން އިލެކްޝަންސް ކޮމިޝަނަށް މި ބިލުގައި ވަނީ ލާޒިމުކޮށްފަ އެވެ.
އާންމުކޮށް ބާއްވާ އިންތިހާބުތައް ފިޔަވައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއްގެ ނަގައިގެން އެންމެ ފަހުން ކަމެއް ކަނޑައެޅީ ގާނޫނު އަސާސީގައި ވެރިކަން ހިންގާ ނިޒާމު ކަނޑައެޅުމަށެވެ.
ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމަށް ކެމްޕޭން ކުރަން 90 ދުވަސް މާ މަދު: ޝަމްހީދު ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމަށް ކެމްޕޭން ކުރަން 90 ދުވަސް މާ މަދު: ޝަމްހީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ