ރިޔާސީ އިންތިހާބުގައި ބައިވެރިވުމުގެ ފުރުސަތު ޔާމީނަށް އޮވެގެން ނުވާނެ ކަމަށް ފަލާހު ވިދާޅުވެއްޖެ ރިޔާސީ އިންތިހާބުގައި ބައިވެރިވުމުގެ ފުރުސަތު ޔާމީނަށް އޮވެގެން ނުވާނެ ކަމަށް ފަލާހު ވިދާޅުވެއްޖެ

ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންއަށް ބައިވެރިވަޑައިގަތުމުގެ ފުރުސަތު އޮވެގެން ނުވާނެ ކަމަށް ވެރިކަން ހިންގާ ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.
ފަލާހު މިހެން ވިދާޅުވި މިނިވަން ރިޔާސީ އިންތިހާބެއްގައި އެމަނިކުފާނާ ވާދަކުރަން ކެރޭވަރުގެ ސިޔާސީ ލީޑަރެއް ދިވެހިރާއްޖޭގައި ނެތް ކަމަށް ޔާމީން ވިދާޅުވުމުން އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
"މިނިވަން އިންތިހާބެއްގައި މުލު ވަގުންނަށް ވާދަކުރަން ފުރުސަތު ލިބޭނަމަ އިންތިހާބު މިނިވަނެއް ނުވާނެ،" ފަލާހު ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވެ އެވެ.
ޕީޕަލްސް ނޭޝަނަލް ފްރަންޓު (ޕީއެންއެފް) ގެ އޮފީހުގައި އާދިއްތަ ދުވަހުގެ ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ޔާމީނު ވިދާޅުވީ، ސިޔާސީ ލީޑަރުން ބޭނުންވަނީ އެމަނިކުފާނު ޖަލުގައި ބާއްވައިގެން ރިޔާސީ އިންތިހާބު ބާއްވަން ކަމަށެވެ.
"މި އުޅޭ ސިޔާސީ މީހުންނޭ ކިޔައިގެން އުޅޭ މީހުން އިނގޭތޯ. އޭގެ ތެރޭގައި ރައީސް މައުމޫން ވެސް ހިމަނައިގެން އަޅުގަނޑު މި ވާހަކަދައްކަނީ. ކީއްވެގެންތޯއޭ މިނިވަން އިންތިހާބެއްގައި އަޅުގަނޑާއި ވާދަކުރަން ނުކެރިގެން މިއުޅެނީ،" ޔާމީނު ވިދާޅުވި އެވެ.
އެންމެ ފަހުން 2018 ގައި އެމަނިކުފާނަށް ނާކާމިޔާބުވި އިންތިހާބަކީ އިންޑިއާ މެދުވެރިވެގެން "ވަގަށް ނެގި" އިންތިހާބެއް ކަމަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒު އަށް ވެރިކަން ލިބުނީ އެމަނިކުފާނު ޖަލުގައި އޮތުމުން ކަމަށް ވެސް ޔާމީނު ރޭ ވިދާޅުވި އެވެ.
އެމަނިކުފާނު ޖަލަށް ލެވިދާނެ ކަމަށާއި މީގެ ކުރިން ކުރި ހުކުމްތައް ވެސް ބާތިލުވީ ކަމަށް ޔާމީން ވިދާޅުވި އެވެ. އަދި ސަރުކާރުން މިހާރު ފޯރުވާ ނުފޫޒާއެކު ވެސް މިހާރު ކޮށްފައިވާ ދައުވާ ސާބިތު ނުވާނެ ކަމުގެ ޔަގީންކަން އޮތްކަން، ކޮރަޕްޝަންގެ ބޮޑު ތުހުމަތުތަކެއް ކުރެވޭ ޔާމީން ވިދާޅުވި އެވެ.
ޔާމީން ދެކެވަޑައިގަންނަވާ ގޮތުގައި 2028 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ރައްޔިތުންގެ ތާއީދު ލިބޭނީ އެމަނިކުފާނަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ