ދިވެހީންގެ އަމިއްލަވަންތަކަން އަލުން އިއާދަ ކުރަމާތޯ؟ ދިވެހީންގެ އަމިއްލަވަންތަކަން އަލުން އިއާދަ ކުރަމާތޯ؟

ދުނިޔޭގެ އެތަން މިތަނަށް އަޅުގަނޑުމެން އެބަ ދަތުރު ކުރަމު އެވެ. ތަމައްދުނާއި ތަހުޒީބުގެ މަގުގައި ކުރިއަރަމުންދާ ދައުލަތްތައް އެބަ ދެކެމު އެވެ. މި ކުރިއެރުމުގައި އެންމެ މަތީ ކުރި ބޯއްޓާއި ހަމަޔަށް ވާސިލުވެފައިވާ ތަންތަންވެސް އެބަ ދެކެމު އެވެ. މި ދުށްހާ ތަންތަނުން ފެނުނު މަންޒަރުތަކާއި މެދު ވިސްނީމު ހެއްޔެވެ؟ އަބަދުމެ ވާހަކަ ދެއްކޭ ސިންގަޕޫރު ކަމުގައި ވިޔަސް ނޫނީ މިހާރަކަށް އައިސްގެން މަޝްހޫރުވެގެން އުޅޭ ތުރުކީ ވިލާތްކަމުގައި ވިޔަސް އަދި ނަންކުރާ މޮޅު ދޮންމީހުންގެ ވިލާތްތަކުން ސޫރަވީ މަންޒަރުތަކާއި މެދު އެވެ. ނޫންނަމަ މުއްސަނދިކަމާއި ދުނިޔޭގެ ޒިއްލަތުގައި ނަންއަރާފައިވާ އަރަބިކަރައިގެ ގައުމުގައުމުތަކާއި މެދު އެވެ.
މި ދެންނެވި ކޮންމެ ތާކުންމެ ސޫރަކޮށް އަނެކުންނަށް ދައްކައިދީފައިވަނީ ތިމަންމެންނީ އަނެކުންނާއި ތަފާތު ބައެއްކަމެވެ. ތަފާތު މާހައުލެއްކަމެވެ. ތަފާތު ސަގާފަތްތަކެއްކަމެވެ. ތަފާތުވަންތަ ބައެއްކަމެވެ. ފަންނުތަކާއި ހުނަރުތައް ލިބިފައިވާ ބައެއްކަމެވެ. ބަޔަކު މީހުން ކޮޕީކޮށްގެން އުޅޭ ބަޔެއް ނޫންކަމެވެ. ގައުމަކަށްވާހާ ގައުމަކުން އަނެކުންގެ ކުރިމައްޗަށް ނެރެ ހާމަކުރަމުން އެހެރަ ގެންދަނީ އެބައެއްގެ ޒަމާންވީ އަމިއްލަވަންތަކަމާއި އެގައުމެއްގެ މުޅި ސަގާފަތާއި އައިޑެންޓިޓީ އެވެ. އެއިން ކޮންމެ ތަނަކަށް ފައިބާ އެތަނެއްގައި އުޅެލުމުން އެބަޔަކީ ތަފާތު އަމިއްލަވަންތަ ބަޔެއްކަމުގެ އިހުސާސް ކުރުވަ އެވެ. ޒަމާނުގެ ތަރައްގީގައި ހަދާފައި ހުންނަ އުސް އިމާރާތާއި ލޭންޑުއިސްކޭޕިން ކުރުމަށް ޖަހާފައި ހުންނަ ގަސްގަހަށް ދާންދެން ދައްކައިދެނީ އެބައެއްގެ އަސްލެވެ.
ފައިސާވެރި އަރަބިކަރައިގެ ގައުމުތަކުން އިތުރަށް ފައިސާ ހޯދުމަށްޓަކައި ދޮންވެލި ގޮނޑުދޮށް އޮންނަފަދަ ރަށްރަށް އެބައިމީހުންނަށް ލިބިފައިވާ މުއްސަނދިކަމުން ހަދަމުން ދާއިރުގައިވެސް އެތަންތަނުން އެބައިމީހުންގެ އަމިއްލަވަންތަކަން ދައްކުވައިދެ އެވެ. ގަސްގަހާގެހީގެ ޒަރީއާއިން ކަދުރުރުކާއި ސަގާފަތުގެ ޒަރީއާއިން، ލައި އުޅޭ ހެދުންފަދަ އެތައް ގޮތަކުންނެވެ. ބަބުރުކަރައިގެ ގައުމުތައްވެސް ހަމަ މިފަދައިން އަމަލުކުރަމުން ދެއެވެ. ކައިރީގައިވާ މެލޭޝިޔާފަދަ ބޮޑެތި އިސްލާމީ ގައުމުތަކުން، އެބައިމީހުންގެ އިސްލާމީވަންތަކަން ފަހުރުވެރިކަމާއި އެކު އެ ނަގަހައްޓަނީ އެ ދައުލަތާއި ގައުމުގެ އަމިއްލަވަންތަކަންވެސް ނަގަހައްޓަމުންނެވެ. އަޅައި އުޅޭ ހެދުމަށްދާންދެން ބެލިކަމުގައި ވިޔަސް މިކަން ހަމަ މިމަގުން ފެންނާނެ އެވެ. އަދި ޕާކިސްތާނާއި އެނޫންވެސް އިސްލާމީ ބޮޑެތި ގައުމުތަކުން ދަމަހައްޓަމުން އެ އަންނަނީ އެބައިމީހުންގެ އަމިއްލަވަންތަކަމެވެ.
އިންސާނުންގެ ކުރިމަތީގައިވެސް މީހަކަށް ގަދަރެއް ލިބި އެމީހާގެ ނަން އަރާދަނީ އަމިއްލަވަންތަކަން ހިޔާރުކުރާ މީހާގެ އެވެ. އަނެކުން ސީދާ ކޮޕީކޮށްގެން އުޅޭ މީހާއަށް، އެމީހާ އެ ކޮޕީކުރާ މީހާގެ ފުށުންވެސް މަލާމާތް ގިނަފަހަރު ލިބެ އެވެ. ދުނިޔެއީ އަބަދުވެސް އަމިއްލަވަންތަކަން އަގު ކުރަމުން އައިސްފައިވާ ތަނެކެވެ. ގައުމޭ ކިޔަނީ އިންސާނީ ޖަމާއަތްތަކަށްވާއިރު، ގައުމެއްގެ ނަންދިރި، ގައުމެއްގެ އަބުރާއި އިއްޒަތް ދެމި އޮންނާނީވެސް ތިމާމެން ތިމާމެންގެ ގޮތުގައި ތިބެގެންނެވެ. އަނެކުންނަށް ވާން އުޅެގެން، އަނެކުން ކޮޕީ ނުކުރެވިގެން، އުޅޭ މީހެއްގެ އިއްޒަތެއް ޝަރަފެއް ނޯންނަ ފަދައިން އެފަދަ ގައުމެއްގެ ބަޔަކަށްވެސް ބަޔަކު މީހުން އިހުތިރާމެއް ނުކުރާނެ އެވެ. އަދި މިނިވަންކަމާއި އަމިއްލަވަންތަކަމަށް ލޯބިކުރާ ބަޔަކު، އެފަދަ ގައުމަކަށް ނަފުރަތުވެސް ކުރާނެ އެވެ. ދުނިޔޭގެ ހަޔާތް ދަސްކޮށްގެން ހަރުދަނާ ދިރިއުޅުމެއް އުޅޭން އުޅޭ ކޮންމެ މީހަކުމެ މިކަން ދަންނަންވެސް ދަންނާނެ އެވެ. އެހެނެއްނޫނެވެ. މީހެއްގެ "ތައްޕާހުން" އެބައުޅޭ މިބައުޅޭ އުސޫލަށް އުޅޭން އުޅޭ އިންސާނަކަށް މިދަންނަވާފަދަ އަގާއި ކަރާމާތް ނުވިސްނިދާނެ އެވެ.
ދިވެހިރާއްޖެއަށް ހުތުރުނާރުވާށެވެ! ދިވެހި ބިމާއި ދިވެހި ކަނޑަކީ ދުނިޔޭގެ އެތަން ގައުމެއްގެ ބަޔަކު އެއްތަންވަމުންދިޔަތަނެކެވެ. މީގެ ފަސްސަތޭކަ އަހަރު ކުރީން މިތަނުގައި އުޅުއްވި ފާރިސްކަރައިގެ ވިޔަފާރިވެރިޔަކު ލިޔުއްވާފައިވާ އަންނަނިވި ބަސްކޮޅަށް ބައްލަވާށެވެ.
"މިރަށްތައް އޮންނަނީ ވަރަށް ފައިދާބޮޑު ވިޔަފާރީގެ މަގެއްގަ އެވެ. (މިރަށްތަކަށް) ދުނިޔޭގެ ހުރިހާ ބަނދަރަކުންވެސް ބޯޓުފަހަރު އާދެ އެވެ. އެންމެ ގިނައިން އަންނަނީ މެލަކާ (މެލޭޝިޔާގެ ޝަހަރެއް) މަރުތަބާން ޕެގޫ ( ބަރުމާގެ ޝަހަރެއް) ބެންގާލު ބަރުސް (އިންޑޮނީޝިޔާގެ ޝަހަރެއް) އިންޑިޔާ އަދި ހޮރުމޫޒުންނެވެ."
ވިސްނަވާށެވެ! މިއީ މީގެ ފަސްސަތޭކަ އަހަރު ކުރީން ދިވެހިރާއްޖެއަށް މީހުން އައިސްވެ ގޮސް އުޅުނު މިންވަރު ހާމަކޮށްދޭ ބަސްކޮޅެކެވެ. އެ ފާރިސީ ވިޔަފާރި ވެރިޔާ ލިޔުއްވާފައި ވަނީ ދުނިޔޭގެ ހުރިހާ ދިމާއަކުން އެކި ކަރަކަރައިގެ މީހުން އައިސް އުޅޭ ވާހަކަ އެވެ. އެކަމަކު ދިވެހީން ދިވެހީންގެ ގޮތުގައި ތިބެއްޖެ އެވެ. މެލޭޝިޔާ މީހުން މިތަނަށް އައިސްވެ ގޮސް އުޅުނު އިރު އެބައިމީހުން ކޮޕީކޮށްގެން އެބައިމީހުންގެ ސަގާފީ ތާކިހާ ދިވެހީންނެއް އެއިރަކު ނޭޅި އެވެ. އިންޑިޔާ މީހުން އެޅި ސާޅިއެއް އެއިރަކު ނޭޅި އެވެ. ފާރިސީން ލައި އުޅުނު ހެދުމެއް އެއިރަކު ނުލި އެވެ.
އެކަމަކުވެސް ދަންނަންވާނެ އެވެ! އެތަންތަނުންވެސް އިލްމާއި ހުނަރު ހޯދި އެވެ. އެބައިމީހުންގެ އަތުން އެ ހުނަރުތައް ދަސްކޮށް ދިވެހީންގެ ހުނަރުތައް އިތުރަށް ތަރައްގީވެސް ކުރި އެވެ. ރީތި އަދަބީ ޅެންޅެމާއި އިލްމުތަކާއި މުނިފޫހިފިލުވާން ކިޔައި އުޅޭ ޒާތުގެ ވާހަކަތައްވެސް ދިވެހީންގެ ތެރެއަށް ގެނެސްގެން ދިވެހި އަދަބިއްޔާތާއި އިލްމުތައް މުއްސަނދިކުރަމުން ދިޔަ އެވެ. މި އެންމެހައި ކަންކަން ކުރީ ދިވެހީންގެ ސަގާފަތާއި އަމިއްލަވަންތަކަމަށް ކުޑަކޮށްވެސް ބުރޫއެރުވުމެއް ނެތި އެވެ. ގައުމުގެ އިއްޒަތް އަނެކުން ކުރިމަތީ ނެގެހެއްޓުމަކީ މިއީ އެވެ. ގައުމަށް ލޯބިވަމޭ ބުނެ ކަރުއަޑުނަގާ ހަޅޭއްލެވުމަކީ ގައުމުގެ އަބުރާއި އިއްޒަތް ނެގެހެއްޓުމެއް ނޫނެވެ. ދައްކަންވާނީ އަމަލުންނެވެ.
އެތަކެއްހާސް އަހަރު މި ދައުލަތް ދެމިއޮތް އިރު، އޭގެ ތެރެއިން ހާސް އަހަރު ބުދުދީނަށްވެސް އޮވެމެ، ހިންދުކަރައާއި ސިލޯނުކަރައިގެ ހެދުންތަކާއި ސަގާފަތް ސީދާގޮތުން މިތަނުގައި ނެތީ ކީއްވެކަމާއި މެދު ވިސްނާލެއްވިއްތޯ އެވެ. 800 އެތައް އަހަރެއް ބޮޑު އިސްލާމީ ހަޟާރަތެއްގެ ގޮތުގައި މި ދިވެހިރާއްޖެ އޮވެމެ، ފާރިސްކަރަ އާއި އަރަބިކަރަ އާއި މެލޭބައްރާއި އަސޭކަރަ ފަދަ ތަންތަނުގެ ހެދުންތަކާއި ގޮތްތައްވެސް މިތަނަށް ގެނެސްގަނެފައި ނެތީ ކީއްވެކަމާއި މެދު ވިސްނަވާލެއްވިންތޯ އެވެ.
ހަމައެހެންމެ ހަރުފަޔާއި، ކިނބުލާއި ސާރިދޯޅާއި އަދިވެސް ބޭރު ކަރަކަރައިން ފެންނަ އެތައް ހައިވާނެއް އެއިރުގެ ދިވެހީން މިރަށްތަކަށް ގެނެސް އާލާކޮށްފައި ނެތީ އެތަކެތި އެތަންތަނުން ނުގެނެވިގެނެއް ނޫނެވެ. މަދު ވަރަށް ތަދު ހާލަތްތަކުގައި ބަޔެއް ފަހަރު ރަސްރަސްކަލުން މިނިކާވަގާއި ފުއްލާ ފަދަ ތަކެތި ގެނެސް ގަނޑުވަރުގައި ގެންގުޅުނުވެސް މެ އެވެ. އާންމު އުސޫލަކުން އެފަދަ ތަކެތި ގެނެސްގަނެފައި ނުވަނީ ސަބަބެއްވެގެންނެވެ. އެސަބަބާއި މެދު ވިސްނަވާލެއްވިންތޯ އެވެ؟ ގަސްގަހާގެހިވެސް މިފަދަ އެވެ. މަދުމަދުން ދިވެހި މާހައުލާއި ގުޅޭނޭ، އަނެކުންގެ ގައުމީ ރަމްޒަކަށްނުވާނޭ ފަދަ ގަސްގަސްވެސް ގެނެސް އުޅުނެވެ. އެހެނަސް މަށް ދިވެހި މާހައުލަށް ދިރިފައިވާ ދިވެހި ގަސްގަހަށްވުރެ އެއްވެސް ގަހެއްރުކެއް ދިވެހީން އިސްކޮށްފައި ނުވެ އެވެ.
މީގެ ފަސްސަތޭކަ އަހަރު ކުރީން މިތަނުގައި އުޅުނު ފާރިސީ ވިޔަފާރިވެރިޔާ ބުނެފައިވާ ބަހުންވެސް އެގޮތުގައި ދިވެހީން ތިބެފައި އެވަނީ ދުނިޔޭގެ އެހެނިހެން ކަރަކަރައިގެ މީހުން ނުފެނިއެއް ނޫންކަން އެބަ އެނގެ އެވެ. ހަމައެހެންމެ ދިވެހީންނަކީ ދިވެހި އޮޑިފަހަރުތަކުގައި ބަބުރުކަރަޔަށާއި އަރަބިކަރަޔަށާއި އަސޭކަރަޔަށާއި އަދި ސިލޯނާއި އިންޑިޔާ ފަދަ އެތައްތަނަކަށް ދަތުރު ކުރި ބަޔެއްވެސް މެ އެވެ. ވީމާ ދިވެހީން ދިވެހީންގެ އަމިއްލަވަންތަ ހަޟާރަތް ނަގަހައްޓަމުން އައިސްފައި އެވަނީ ދުނިޔޭގެ އެހެނިހެން ހަޟާރަތްތައް ނުފެނިގެންނޭ ބުނެވޭކަށް ނެތެވެ. ނޫނީ ދުނިޔޭގައި އެހެން ބަޔަކު އުޅޭކަން ނޭނގޭފަދަ ވަލުމީހުންފަދަ ބަޔަކަށް ވެގެންނޭވެސް ބުނެވޭކަށް ނެތެވެ. މިތަނަށް ދިރިފައި ނެތް ޖަނަވާރާއި ގަސްގަހާގެހި ގެނެސް ދިވެހި މާހައުލު ހަލާކުކޮށްފައި ނެތީ ސަބަބެއް އޮވެގެންނެވެ.
ދާދި މިފަހާއި ހަމަޔަށް ދިވެހީންނަކީ އަޖައިބެއް ކަހަލަ ބައެކެވެ. ދިވެހި ގައުމުގެ އިއްޒަތާއި ޝަރަފު އަބަދުވެސް ނަގަހައްޓަމުން އައިސްފައިވަނީ އަނެކުން ޝޯހުކުރުވާފަދަ ގޮތަކަށެވެ. އޮޑިފަހަރުތަކުން ބޭރުކަރަކަރައިން ދިވެއްސަކު ފެންނައިރު، ބޮލުގައި އޮންނަ ފޮށައިން، އަނދެފައި ހުންނަ މުންޑު ހުންނަ ގޮތުން، ފިރިހެނުން ލައިފާ ހުންނަ ލިބާސް ހުންނަ ގޮތުން އެއީ ދިވެއްސެއްކަން ވަގުތުން ދެނެގަނެވެ އެވެ. ދިވެހިބިމަށް ބޭރުކަރަކަރައިގެ މީހުން އައިސް ގޮސްވެ އުޅޭ އިރުގައި މިއީ ދިވެހީންގެ ބިންކަން މިބިމާއި މުޅި މާހައުލުން އެމީހުންނަށް ސޫރަކޮށްދެ އެވެ. މީގެ ހާސް އަހަރު ކުރީންވެސް މިރާއްޖެއަށް ސީނުކަރައިގެ މީހުންވެސް މިއީ ކާށީގެ ރަށްތަކޭ ބުނެފައި އެވަނީ އެހެންވެ އެވެ.
ދިވެހި ބިމުން އިހުސާސު ވާންވާނީ ދިވެހި ޝުއޫރެވެ. ދިވެހި ފަސްގަނޑުން ދުވާންވާނީ ދިވެހި ވަހެވެ. ދިވެހި މާހައުލުން ފެންނާން ވާނީ ދިވެހިވަންތަކަމެވެ. ދިވެހީންގެ މުޅި މާހައުލު ފުރިފައިވަނީ ދިވެހި ރުކުންނެވެ. މީގެ 300 އަހަރު ކުރީން ރާއްޖެޔަށް ދުރުވި ވިލާތު މީހެއްކަމުގައިވާ ވިލިޔަމް ހެޖަސް ލިޔުއްވަނީ "މިރަށްތައް ފުރިބާރުވެފައި ވަނީ ދިވެހި ރުކުންނެވެ"
މިތަނަށް އައިސްވެ ގޮސް އުޅުނު ބޭރު މީހުން މިތަނުގެ ރުކުގެ ވާހަކަ ދައްކަން އެ ޖެހެނީ އެއީ ދިވެހި ބިމުގެ ހާއްސަ ސިފަޔަކަށްވީމަ އެވެ. އެވޭލާ ޒަމާނުގެ އަރަބީންގެ އިގުތިސާދު ބިނާވެ އޮތީ ކަދުރާއި ޖަމަލުގެ މައްޗަށްހެން ދިވެހީންގެ މުޅި އިގުތިސާދާ ދިރިއުޅުން ބިނާވެ އޮތީ ރުކާއި ކަނޑުމަހުގެ މައްޗަށެވެ. ދިވެހިރާއްޖެ ދުނިޔެއަށް މަޝްހޫރުކޮށްދިނީ ދިވެހި ރުކެވެ. އެރުކުން ލިބުނު ކާށީގެ ބޮނބިން ވެށި ރޯނަކީ އެއްޒަމާނެއްގައި މުޅި ދުނިޔެއިންވެސް ލިބެން ހުރި އެންމެ މޮޅު ރޯނެވެ. ދުނިޔޭގެ ތަންތަނާއި ހަނގުރާމަޔަށް ދާން ވިލާތު މީހުން ބަންނަމުން ދިޔަ ބޮޑެތި ނައުފަހަރު ބަންނަން ބޭނުންކުރީ ދިވެހި ރޯނެވެ. އޭގެ އަގުވެސް އިންތިހާޔަށް ބޮޑެވެ. ޝައްކެއްވެސް ނެތެވެ! ޒަމާންތަކަށް ދިވެހީން ނެގެހެއްޓި އެބައިމީހުންގެ އަމިއްލަވަންތަކަމުގެ ރަމްޒަކީ ދިވެހި ރުކެވެ.
ދުނިޔޭގެ އެތައް ބަޔަކާއި ދިމާވެގެން، އަމިއްލަ ހަޟާރަތެއް ބިނާކޮށްގެން އަމިއްލަވަންތަ ހުރިހާކަމެއް ދަމަހައްޓަމުން ދިވެހީން ތިބެފައި އެވަނީ ދިވެހި ގައުމުގެ އިއްޒަތަށްޓަކަ އެވެ. އާދޭހެވެ! ޕޯޗުގީޒުންގެ ކިބައިން ރާއްޖެ ސަލާމަތް ކުރައްވަން ބޮޑު ތަކުރުފާނު ނިކުންނެވީ "އަމިއްލަ ނަސްލުގެ ފަހުރަށްޓަކައޭ" ބެލް ސާހަބު ލިޔުއްވާފައި އެވަނީވެސް މިހެންވެ އެވެ. އެއީ ދިވެހީންނަކީ އެއްވެސް ގޮތަކުން އެއްވެސް މާނައެއްގައި އަނެކާގެ އަޅެއްގެ ގޮތުގައި ތިބެން ބޭނުންވާ ބަޔަކަށް ނުވާތީ އެވެ. އެޔަށްވުރެ ދިވެހީންގެ ޒަމާންވީ އަމިއްލަވަންތަކަމަށްޓަކައި ދިވެހީންގެ ހިތުގައި އުފެދިފައި އޮތް ޝަރަފު ބޮޑެވެ.
ކަދުރު ރުކުގެ މައްސަލައަކީ މިއަދު ދިވެހީންގެ އައިޑެންޓިޓީއަށް ހުރި މައްސަލައަކަށްވެއްޖެ އެވެ. ދިވެހިރަށްތަކުގެ މަލަމަތީންވެސް މިއަދު ފެންނަނީ ކަދުރު ރުކެވެ. އެއީ މާލެވަށާ ކަދުރު ރުއްޖެހީތީ ކުރަން ފެށި ކަމެކެވެ. މިއަދު ގައުމަށް ވަންނަ އެންމެ ބޮޑު ދޮރޯށި ދޮށުގައިވެސް ކަދުރުރުށް ޖަހައްޕެވެ. ކަންބޮޑުވެގެން މިއުޅެނީ ކަދުރު ރުކެއް މީހަކު އިންދައިގެނެއް ނޫނެވެ. އަދި ތަނެއްގައި ކަދުރު ރުކެއް ހެދިގެނެއްވެސް ނޫނެވެ. ކަންބޮޑުވެގެން މިއުޅެނީ ބަޔަކު ޒަމާންވީ ދިވެހީންގެ ގަދަރާއި ޝަރަފަށް އުނިކަން އަންނަކަމެއް ކުރަމުންދާތީ އެވެ. ދިވެހިރަށްތަކުގެ މަލަމަތީންނާއި މުޅި ގައުމަށް ވަންނަ ދޮރޯށިދޮށުންވެސް ދިވެހިވަންތަކަން ފޮހެލާތީ އެވެ.
އާދޭހެވެ! އަލްއުސްތާޒުލް މަރުހޫމު އިބްރާހިމް ޝިހާބު ލިޔުއްވާފައި ވެ އެވެ.
"އަޅުގަނޑުމެންގެ އަމިއްލަ އިއްޒަތް ހިފެހެއްޓުމަށް މަސައްކަތް ކުރުމުގެ ވާޖިބުކަން އެންމެ ބޮޑީ އަޅުގަނޑުމެންނެވެ"
ދިވެހީންގެ އައިޑެންޓިޓީއަކީ ކޮން އެއްޗެއްކަން މަދަރުސާތަކުގައި ކިޔަވާދެވިފައި ނެތުމާއި އެކު ދިވެހި އެތައް ޖީލެއް ބޮޑުވެގެން އައީ ދިވެހި ތަރުބިއްޔަތުން މަހުރޫމުވެގެންނެވެ. އެހެންކަމުން ދިވެހި ކާބަފައިން އެތަކެއްހާސް އަހަރު ބޮޑު ވިޔަފާރީގެ މަގެއްގެ މެދުގައި އެތައް ބަޔަކާއި އެއްވެ މަސްހުނިވަމުން ދިޔައިރުވެސް ނަގަހައްޓަމުން އައިސްފައި ހުރި އެންމެހައި ކަންކަމަށް މިއަދު ބުރޫ އަރަން ފަށައިފި އެވެ. ބަސް ވަނީ ގެއްލިފަ އެވެ. އަޅާ އުޅުނު ހެދުންތައް އުވި ހިނގާއްޖެ އެވެ. ސަގާފަތް ނެތިއްޖެ އެވެ. އެކި ނަންނަމުގައި އާސާރުތައްވެސް ތަޅާ ނިމިއްޖެ އެވެ. ދެން މިދިމާވީ މިހާރު މާހައުލުވެސް ނެތިކޮށްލުމަށެވެ. އެޔަށްފަހު ދިވެހިރާއްޖެ ނެތުނީ އެވެ. ނޫނެކެވެ! އެކަމަކުވެސް އެހެން ވިޔަކަ ދިވެހީންނެއް ނުދޭނެ އެވެ.
ޝިހާބު ވިދާޅުވެފައިވާ ފަދައިން މިއަދު އެންމެ ބޮޑު ވާޖިބަކަށް ވެފައި އެވަނީ ދިވެހިރާއްޖެ އައިގެން އަލުން ތެދުވާން މަސައްކަތް ކުރުމަށެވެ. އަނެކުން ކޮޕީކޮށްގެން އުޅޭ އެއްވެސް އަގެއް ނެތް ގައުމެއްގެ ގޮތުގައި ރާއްޖެ ދުނިޔޭގައި މަޝްހޫރުވުމުގެ ކުރިޔަށް ދިވެހީންގެ އަގު ހިފަހައްޓާށެވެ. އެއްވެސް ނަމެއްގައި ދިވެހިރާއްޖެ ފޮހެލިޔަ ނުދޭށެވެ. ރަށްރަށުގެ މަލަމައްޗާއި ދިވެހީންގެ ދޮރޯށިތައް ދޮށުން ކަދުރު ރުށްތައް ނަންގަވާށެވެ! އެޔަކީ ތަހުޒީބުވުމެއް ނޫނެވެ. އެޔަކީ ތަރައްގީއެއްވެސް ނޫނެވެ. އެއީ މާހައުލަށް ހުރި ގެއްލުމެކެވެ. ކާބަފައިންނަށް އަރުވާ ހުތުރެކެވެ. އަމިއްލަ ނަފުސުގެ އިއްޒަތަށް ލިބޭ އުނިކަމެއްވެސްމެއެވެ.
ދިވެހީންނޭވެ! ދިވެހީންގެ އަމިއްލަވަންތަކަން އަލުން އިއާދަ ކުރަމާ ހިންގަވާށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ