މިނިވަން އިންތިހާބެއްގައި އަޅުގަނޑާ ވާދަކޮށްލަން ކެރޭނެ ލީޑަރަކު ނެތް: ޔާމީން

މިނިވަން އިންތިހާބެއްގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ ވާދަކޮށްލަން ކެރޭނެ ސިޔާސީ ލީޑަރަކު ނެތް ކަމަށް އެ މަނިކުފާނު ރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ޔާމީން މިހެން ވިދާޅުވީ، އެ މަނިކުފާނަށް ސިޔާސީ މުސްތަގްބަލެއް ނެތް ކަމަށް ޔޫތު މިނިސްޓަރުގެ އެޑްވައިޒަރު އަހުމަދު ނަރީޝް ވިދާޅުވުމުން އެކަމަށް ރައްދު ދެއްވައި ރޭ ބޭއްވި ޕީއެންއެފް ޖަލްސާއެއްގައި ވާހަކަދައްކަވަމުންނެވެ.
ބުނީ ކީކޭ؟ - އެ މަނިކުފާނަށް ސިޔާސީ މުސްތަގްބަލެއް ނެތް ކަމަށް ނަރީޝް ވިދާޅުވާ ވާހަކައިގެ މާނައަކީ ޔާމީން ވިދާޅުވި ގޮތުގައި، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަަދި މިހާރުގެ ރައީސް މުހައްމަދު މުއިއްޒު ވެސް އެ މަނިކުފާނު ޖަލުގައި ބާއްވައިގެން އެ މަނިކުފާނު ރިޔާސީ އިންތިހާބުގައި ވާދަކުރަން އެ ބޭފުޅުން ބޭނުންނުވުމެވެ.
"ތެދެއް މުއިއްޒެއް ބޭނުމެއް ނުވާނެ އަޅުގަނޑު ވާދަކުރާކަށް. މުއިއްޒުގެ ސައިޒު މިހާރު ވެސް މުއިއްޒަަށް އެނގޭނެ. މިތާނެތީދެއްތޯ ވާދަކުރަން ކެރޭ ވަރުގެ މީހަކު. އެއީ ދެއްތޯ ނަރީޝް އެ ބުނި ވާހަކައަކީ. ނަރީޝް އަމިއްލައަށް ނަރީޝް އެ ފަލީހަތްކޮށްލީ ނަރީޝްގެ ބޮސް. މުއިއްޒަށް އެ ވަރުގެ ތާއީދެއް ނެތް ވާހަކަ ނަރީޝް އެބުނީ،" ޔާމީން ވިދާޅުވި އެވެ.
އެކަމަކު އެކަމާ ކަންބޮޑުނުވާ ކަމަށާއި މައްސަލަތައް ބަލައިގެން ވެސް ޖަލުގަައި މިހާތަނަށް ނުބޭއްވުނު ކަމަށް ޔާމީން ވިދާޅުވި އެވެ. ޖަލުގައި ނުބޭއްވެނީ މައްސަލަތައް ސާބިތުނުކުރެވޭތީ ކަމަށާއި މިހާރު ކޯޓުގައި ހިނގަމުންދާ މައްސަލަތައް ވެސް ސާބިތުނުކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ އެ މަނިކުފާނަށް ނާކާމިޔާބުވި 2018 ވަނަ އަހަރުގެ އިންތިހާބު ސޯލިހަށް ކާމިޔާބުވެވަޑައިގަތީ ވަގަށް ނަގައިގެން ކަމަށާ އަދި މިހާރުގެ ރައީސް މުއިއްޒުގެ ވެރިކަމަކީ ވެސް އެ މަނިކުފާނު ޖަލުގައި އޮތުމުން ލިބިވަޑައިގެންނެވި ވެރިކަމެއް ކަމަށެވެ.
އެގޮތުން، ޔާމީން ވިދާޅުވީ:
އެމްޑީޕީއަށް 2018 ވަަނަ އަހަރު ވެރިކަން ލިބުނު ގޮތް އެންމެ ރަނގަޅަށް ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު
އެއީ އިންޑިއާގެ އެހީތެރިކަމާ އެކު ވަގަށް ނެގި އިންތިހާބެއް ކަމަށް ނަޝީދު ވިދާޅުވެފައިވޭ
ނަޝީދާއި ސޯލިހަކީ ވެސް "އެއް ގަލުން ފެހިކާ ދެ ރޮނޑު" ކަމަށް ސިފަކުރެއްވި؛ އެ ދެ ބޭފުޅުންގެ މެދުގައި މައްސަލަ ޖެހުނީ އެކަކު މާ ގިނައިން ފެހިކާން ފެށުމުން
މުއިއްޒަށް ވެރިކަން ލިބިވަޑައިގަތީ ޔާމީން ޖަލުގައި އޮންނެވުމުން ކަމަށާއި އެ ވެރިކަން ލިބުނު ގޮތް މުއިއްޒަށް އެނގިވަޑައިނުގަންނަވާނެ
"ދިވެހި ރައްޔިތުން ވެސް މިހާރު ވިސްނާލަންވެއްޖެ ދެއްތޯ މިއުޅޭ ސިޔާސީ މީހުންނޭ ކިޔައިގެން މިއުޅޭ މީހުން. މީގެ ތެރޭގައި [ކުރީގެ] ރައީސް މައުމޫން [އަބްދުލްގައްޔޫމް] ވެސް ހިމަނައިގެން އަޅުގަނޑު މިވާހަކަ މިދައްކަނީ އިނގޭތޯ. ކީއްވެގެންތޯއޭ މިނިވަން އިންތިހާބެއްގައި އަޅުގަނޑާ ވާދަކޮށްލަން ނުކެރިގެން މިއުޅެނީ،" ޔާމީން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ