ޚުޠުބާ: ކީރިތި ޤުރްއާން ހިތުދަސްކުރުމަކީ އެހެން ޢިލްމްތައް އުނގެނެން ފަސޭހަވާކަމެއް! ސުވަރުގޭގެ އެންމެ މަތީ ދަރަޖަތަކަށް އަރައިގެން ދެވެން އޮތް ކަމެއް!
މުސްލިމް އަޚުންނޭވެ! ކީރިތި ޤުރްއާނަކީ އޭގެ އަކުރަކަށް ފިއްޔަކަށް ބަދަލު އައުމެއް ނުވާ ގޮތެއްގައި ޤިޔާމަތާ ހަމަޔަށް ދެމިގެންދާ މުޢުޖިޒާތެއްކަމުގައި ލައްވައިފައިވާ މާތް ﷲގެ ކަލާމްފުޅެވެ. އެ ޤުރްއާން ރައްކާތެރިކުރައްވާނެ ގޮތް މާތް ﷲގެ ވަނީ މެދުވެރިކުރައްވައިފައެވެ. ކީރިތި ޤުރްއާން ކިޔަވައި އެ ޤުރްއާން ހިތުދަސްކުރުމަކީ އޭގެ ތެރެއިން އެއް ގޮތެވެ. رَسُولُ ﷲ ޞައްލަﷲ ޢަލައި ވަސައްލަމަ ޙަދީޘްކުރައްވައިފައި ވެއެވެ. (إِنَّ مِنْ إِجْلَالِ اللَّهِ إِكْرَامَ ذِي الشَّيْبَةِ الْمُسْلِمِ، وَحَامِلِ الْقُرْآنِ غَيْرِ الْغَالِيْ فِيْهِ، وَالْـجَافِيْ عَنْهُ، وَإِكْرَامَ ذِي السُّلْطَانِ الْمُقْسِطِ)[1] މާނައީ: "ހަމަކަށަވަރުން، މުސްކުޅިވެ ނުރަޖަހައިފައިވާ މުސްލިމާއަށާއި، ކީރިތި ޤުރްއާން ހިތުދަސްކޮށް، ކަންދެއްކުމެއް ނެތި، އަދި އެ ފޮތަށް ފުރަގަސް ދިނުމެއް ނެތި، އެ ފޮތް ކިޔަވައި، އެއަށް ޢަމަލުކުރާ މީހާއަށާއި، ޢަދުލުވެރި ވެރިމީހާއަށް މާތްކޮށް ހިތައި ކަމޭހިތުމަކީ، الله تَعَالَى މާތްކޮށް، މަތިވެރިކުރުމުގެ ތެރެއިންވާ ކަމެކެވެ." މުސްލިމް އަޚުންނޭވެ! ކީރިތި ޤުރްއާން ކިޔަވައި އެއަށް ޢަމަލުކުރުމުގައި ކީރިތި ޤުރްއާން ހިތުދަސްކުރުން މުހިންމުކަން އަންގަވައި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައި ވަސައްލަމަ ޙަދީޘްކުރައްވައިފައި ވެއެވެ. (إِنَّ الَّذِيْ لَيْسِ فِيْ جَوْفِهِ شَيْءٌ مِنَ القُرْآنِ كَالْبَيْتِ الْـخَرِبِ)[2] މާނައީ: "ހަމަކަށަވަރުން، އެ މީހެއްގެ ހިތުގައި ކީރިތި ޤުރްއާނުން މިންވަރެއް ނުވާ މީހެއްގެ މިސާލަކީ، ވީރާނާވެފައިވާ ގެއެއްގެ މިސާލެވެ." ކީރިތި ޤުރްއާން ހިތު ދަސްކުރެވޭނީ ތަކުރާރުކޮށް އެ ފޮތް ކިޔަވައި، އަދި ގިނަގިނައިން އަޑު އަހައިގެންނެވެ. ކީރިތި ޤުރްއާން ހިތުދަސްކުރުމުގައި ވިސްނާންޖެހޭ އެންމެ މުހިންމު ކަމަކީ މާތް ﷲ ގެ ވަޖުހުފުޅު އަދައިގެން، ޤުރްއާން ހިތުދަސްކުރުމުގެ ސަބަބުން ﷲ سبحانه وتعالىގެ ޙަޟުރަތުން ލިބޭނޭ މަތިވެރި ދަރަޖައެވެ. މާތް ނަބިއްޔާ ޙ ޞައްލަﷲ ޢަލައި ވަސައްލަމަ ޙަދީޘްކުރައްވައިފައިވެއެވެ. (يُقَالُ لِصَاحِبِ الْقُرْآنِ: اِقْرَأْ وَارْتَقِ، وَرَتِّلْ كَمَا كُنْتَ تُرَتِّلُ فِي الدُّنْيَا، فَإِنَّ مَنْزِلَكَ عِنْدَ آخِرِ آيَةٍ تَقْرَؤُهَا)[3] މާނައީ: "(ޤިޔާމަތް ދުވަހުން) ކީރިތި ޤުރްއާނުގެ އަހުލުވެރިޔާއަށް (އެބަހީ: އެ ފޮތް އުނގެނި، ހިތުދަސްކޮށް، އެއާ އެއްގޮތަށް ޢަމަލުކުރި މީހާއަށް) ބުނެވޭހުއްޓެވެ! ތިބާ ކިޔަވަމުންދާށެވެ! އަދި ތިބާގެ ދަރަޖަ މަތިވެރިކުރަމުންދާށެވެ! އަދި ތިބާ ދުނިޔޭގައި ތަރުތީލުމަގުން އެފޮތް ކިޔަވައިއުޅުނުފަދައިން، ތަރުތީލުކޮށް ކިޔަވަމުންދާށެވެ! ފަހެ، ހަމަކަށަވަރުން، ސުވަރުގޭގައި ތިބާގެ ދަރަޖަވާހުށީ، އެންމެ ފަހުން ތިބާ ކިޔަވާ އާޔަތަކާ ހަމައިގައެވެ." މުސްލިމް އަޚުންނޭވެ! ކީރިތި ޤުރްއާން ހިތުދަސްކުރުމަކީ ދުންޔަވީ ޙަޔާތާއި އުޚްރަވީ ޙަޔާތުގައި ވެސް އޭގެ ފައިދާ އޭނާއަށް ލިބޭނޭ ކަމެކެވެ. ދުންޔަވީ ޙަޔާތުގައި އޭނާއަށް ލިބޭނޭ ފައިދާއަކީ ކޮބައިކަން ބަޔާންކުރައްވައި ރަސޫލާ ޞައްލަﷲ ޢަލައި ވަސައްލަމަ ޙަދީޘްކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ބަޔަކަށް އިމާމުވެ ނަމާދުކޮށްދޭހުށީ، އެބައިމީހުންގެ ތެރެއިން اللهގެ ފޮތް އެންމެ ރަނގަޅަށް ކިޔަވާން ދަންނަ މީހާއެވެ."[4] ކީރިތި ޤުރްއާން ހިތުދަސްކުރުމަކީ މަރުވުމަށް ފަހުގައި ވެސް އޭނާގެ ދަރަޖަ މަތިވެރިވާނޭ ކަމެއްކަން އަންގަވައި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައި ވަސައްލަމަ ގެ އަރިހުން ރިވާވެގެން ވެއެވެ. )أَنَّ رَسُوْلَ اللهِ كَانَ يَـجْمَعُ بَيْنَ الرَّجُلَيْنِ مِنْ قَتْلَى أُحُدٍ فِي ثَوْبٍ وَاحِدٍ، ثُمَّ يَقُولُ: "أَيُّهُمْ أَكْثَرُ أَخْذًا لِلْقُرْآنِ؟" فَإِذَا أُشِيْرَ لَهُ إِلَى أَحَدِهِمَا قَدَّمَهُ فِي اللَّحْدِ).[5] މާނައީ: "ހަމަކަށަވަރުން މާތްނަބިއްޔާ ޞައްލަﷲ ޢަލައި ވަސައްލަމަ އުޙުދު ހަނގުރާމައިގައި ޝަހީދުވީ ބޭކަލުން އެއް ކަފުނެއްގައި ދެބޭކަލުން ކަފުންކުރެއްވިއެވެ. އަދި ޙަދީޘްކުރައްވައެވެ. އެ ބޭކަލުންގެ ތެރެއިން ކީރިތި ޤުރްއާން އެންމެބޮޑަށް ދެނެވަޑައިގަންނަވަނީ ކޮން ބޭކަލަކުހެއްޔެވެ؟ ފަހެ، އޭގެ ތެރެއިން ޤުރްއާން ބޮޑަށް ދެނެވަޑައިގަންނަވާ ބޭކަލަކަށް އިޝާރާތްކުރެވުމުން އެ ބޭކަލަކު ކަށްވަޅުގައި ޤިބުލަޔާވީ ފަރާތަށް އިސްކުރައްވައެވެ." މުސްލިމް އަޚުންނޭވެ! ކީރިތި ޤުރްއާން ހިތުދަސްކުރުމަކީ އެހެނިހެން ޢިލްމުތައް ޙާޞިލުކުރާން ފަސޭހަވާނޭ ކަމެކެވެ. އުންމަތުގެ ސަލަފުން އެ ބޭކަލުންގެ ދުވަސްވަރުގައި ޙަދީޘް ޢިލްމު އުނގަންނަވައިދެއްވުމުގައި އެ ބޭކަލުންގެ ދަރިވަރުން ކީރިތި ޤުރްއާން ހިތުދަސްކުރުން ލާޒިމުކުރެއްވިއެވެ. اَلْإِمَامُ النَّوَوِيْ رَحِمَهُ اللهُ ވިދާޅުވެފައިވެއެވެ. "ސަލަފުންގެ ޒަމާނުގައި ކީރިތި ޤުރްއާން ހިތުދަސް ދަރިވަރަކަށް ނޫނިއްޔާ ޙަދީޘް ޢިލްމާއި ފިޤުހު ޢިލްމު އެބޭކަލުން އުނގަންނަވައެއް ނުދެއްވައެވެ."[6] އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ ހިތުގައި ކީރިތި ޤުރްއާން ހިތުދަސްކުރުމުގެ ޝައުޤުވެރިކަން އިތުރުކުރައްވައި ކީރިތި ޤުރްއާނަށް ލޯބި އިތުރު ކުރައްވާނދޭވެ! މުސްލިމް އަޚުންނޭވެ! ކީރިތި ޤުރްއާން ހިތުދަސްކުރުމުގައި ތިމާގެ ހިތުގެ އިޚުލާޞްތެރިކަމާއި އުޚުރަވީ ޙަޔާތުގައި ﷲގެ ޙަޟުރަތުން ލިބޭން ހުރި ނިޢުމަތްތައް ހަނދާންކުރާން ޖެހެއެވެ. ޤުރްއާން ދަސްކުރުމަށް ފަހު ނުވަތަ ޤުރްއާނުން މިންވަރެއް ދަސްކުރުމަށް ފަހު، ޤަވާޢިދުން މުރާޖަޢާކޮށް ހަނދާނުގައި ބެހެއްޓުމަކީ ކޮންމެހެން ކުރާންޖެހޭނޭ ކަމެކެވެ. ރަސޫލު ﷲ ޞައްލަﷲ ޢަލައި ވަސައްލަމަ ޙަދީޘްކުރައްވައިފައި ވެއެވެ. (تَعَاهَدُوْا هَـٰذَا الْقُرْآنَ، فَوَالَّذِيْ نَفْسُ مُـحَمَّدٍ بِيَدِهِ، لَـهُوَ أَشَدُّ تَفَلُّتًا مِنَ الْإِبِلِ فِيْ عُقُلِهَا).[7] މާނައީ: "ތިޔަބައިމީހުން މި ޤުރްއާން މުރާޖަޢާކުރުންމަތީ ދެމިތިބޭހުށިކަމެވެ. ހަމަކަށަވަރުން، މުޙައްމަދުގެފާނުގެ ފުރާނަފުޅު އެފަރާތެއްގެ އަތްޕުޅުގައިވާ ފަރާތް ގަންދެއްވައި ޙަދީޘްކުރައްވަމެވެ. ހަމަކަށަވަރުން، ބަނދެފައިވާ ޖަމަލު މޮހެލުމުން، އެސޮރު ފިލާންދާ ހަލުވި މިނަށް ވުރެ، (ޤުރްއާން މުރާޖަޢާ ނުކުރާ ނަމަ) އެ، ހިތްތަކުން ފިލައިގެންދިއުން އަވަސްކަންބޮޑެވެ." މުސްލިމް އަޚުންނޭވެ! ކީރިތި ޤުރްއާނުގެ އަހުލުވެރިންނޭވެ! އެބައެއްގެ ޛަރީޢާއިން މާތް ﷲ ކީރިތި ޤުރްއާން ރައްކައުތެރިކުރައްވާނޭ މީހުންގެ ތެރޭގައި ތިބާ ވަނީ ހިމެނިފައެވެ. މާތް ﷲ ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ހަމަކަށަވަރުން، قرآن ބާވައިލެއްވީ، ތިމަން ރަސްކަލާނގެއެވެ. އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، އެ قرآن ރައްކާތެރި ކުރައްވާހުށީމެވެ."[8] ތިބާއާ ޙަވާލު ކުރެއްވުނު އަމާނާތަށް ރައްކައުތެރިވެ އަމާނާތްތެރިކަމާ އެކު އިތުރު ޖީލަކަށް ފޯރުކޮށްދިނުމަކީ އުފަލެއްކަމުގައި ދެކޭށެވެ! އެހެނީ އެ ކަމަކީ އޭގެ ސަބަބުން ތިބާއަށް ދެމިގެންދާ ޞަދަޤާތެއް ލިބޭނޭ ކަމެކެވެ. ތިބާގެ ސަބަބުން ކީރިތި ޤުރްއާން ހިތުދަސްކުރި ކޮންމެ މީހަކަށް އެ ލިބޭ ދަރުމައިން އެއްވެސް މިންވަރެއް އުނިނުވެ ތިބާއަށް ލިބިލިބި ހުންނާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ