މާވަށުގައި މަރާލި ޒުވާނާގެ ހަށިގަނޑު މާލެ ގެނަ ސަބަބު ފުލުހުން ހާމަކޮށްފި

ލ. މާވަށުގައި އިއްޔެ މަރާލި ޒުވާނާގެ ހަށިގަނޑު މާލެ ގެނައި ސަބަބު ފުލުހުން ހާމަކޮށްފިއެވެ. 
ވަޅިން ހަމަލާދީ މަރާލާފައިވަނީ އެރަށު ނަލަހިޔާގޭ އުމުރުން 29 އަހަރުގެ މޫސާ އިބްރާހީމެވެ. މި ހާދިސާ ހިނގާފައިވަނީ އިއްޔެ ހެނދުނުގެ ވަގުތެއްގައި އެރަށު ވޮލީކޯޓް ކައިރީގައެވެ.
މޫސަގެ ހަށިގަނޑު އިއްޔެ މާވަށުން ފޮނަދޫއަށް ގެންގޮސްފައިވާއިރު އެރަށުން މާލެއަށްވެސް ރޭގެ ވަގުތެއްގައި ވަނީ ގެނެސްފައެވެ.
އެކަމާއި ގުޅިގެން ފުލުހުން މިއަދު ބުނީ، މޫސަގެ ހަށިގަނޑު މާލެ ގެނެވުނީ، ބޭނުންވާ އިތުރު ތަހުލީލުތައް ހެދުމަށް ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވައެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ރޭ ބުނީ ހަމަލާ ދިނުމުގައި ބޭނުންކުރި ކަމަށް ބެލެވޭ ވަޅި ފުލުހުންގެ ޓީމުން ހޯދާފައިވާ ކަމަށެވެ. އެ ވަޅި ހޯދާފައި ވަނީ މޫދުންނެވެ.
މި މައްސަލާގައި ހައްޔަރު ކޮށްފައިވަނީ ހދ. ނޮޅިވަރަންފަރު، އަސަރީމަންޒިލް، އުމުރުން 29 އަހަރުގެ މުހައްމަދު އިބްރާހީމެވެ.
ފުލުހުން ބުނި ގޮތުގައި އޭނާ އަކީ މަސްތުވާތަކެތީގެ ރެކޯޑް އޮންނަ މީހެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ