ރަށުން ބޭރުގައި އޮލިމްޕިއާކޯސް ބަލިކޮށް ބަޔާ ލެވަކޫސަން އިން ދެވަނަ ބުރުގެ ފުރުސަތު ބޮޑުކޮށްފި

ޔުއެފާ ޗެމްޕިއަންސް ލީގު ޕްލޭއޮފް ފުރަތަމަ ލެގުގައި މިރޭ ރަށުން ބޭރުގައި ގްރީސްގެ އޮލިމްޕިއާކޯސް 2-0 ގެ ނަތީޖާއަކުން ބަލިކޮށް ޖަރުމަނުގެ ބަޔާ ލެވަކޫސަން އިން މުބާރާތުގެ ދެވަނަ ބުރުގެ ފުރުސަތު ބޮޑުކޮށްފިއެވެ.
މުބާރާތުގެ ޕްލޭއޮފްގެ ޖާގައެއް ބަޔާ ލެވަކޫސަން ހޯދީ ލީގުބުރުގައި ކުޅުނު އަށް މެޗުން ހޯދި 12 ޕޮއިންޓާއެކު ލަނޑުގެ ތަފާތުން ލީގުބުރުގެ 16 ވަނަ ޓީމުގެ ގޮތުގައެވެ. އަދި އޮލިމްޕިއާކޯސް އިން ޕްލޭއޮފްގެ ޖާގައެއް ހޯދީ ލީގުބުރުގައި ކުޅުނު އަށް މެޗުން ހޯދި 11 ޕޮއިންޓާއެކު ލަނޑުގެ ތަފާތުން ލީގުބުރުގެ 18 ވަނަ ޓީމުގެ ގޮތުގައެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ދެވަނަ ހާފުގައި ލެވަކޫސަން އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ 60 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފއެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފޯވާޑް ޕެޓްރިކް ޝެއިކް އެވެ. އަދި އޭގެ ތިން މިނެޓް ފަހުން ޝެއިކް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމުގެ ލީޑު ފުޅާކޮށްދީފައެވެ.
މީގެ އިިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 2-0 ގެ ނަތީޖާއަކުން ބަޔާ ލެވަކޫސަން ކުރީގައި އޮވެގެންނެވެ.
މިދެޓީމުގެ މެދުގައި ކުޅޭ ޕްލޭއޮފް ދެވަނަ ލެގު މެޗު ބަޔާ ލެވަކޫސަންގެ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 25 ވަނަ ދުވަހުގެ ރޭ ރާއްޖެ ގަޑިން ދަންވަރު 1:00 ގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ