ފްރަންޓްލައިން އޮޕަރޭޝަންތަކުގައާއި މައްސަލަތައް ތަޙްޤީގުކުރުމުގައިވެސް އަންހެން އޮފިސަރުންގެ ބައިވެރިވުން އިތުރުކުރަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ މޯލްޑިވްސް ވިމެން އިން ޕޮލިސިން ކޮމިޓީ (2026-2028) އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ދެއްކެވި ވާހަަކަފުޅުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ މީގެކުރިން ފުލުހުންގެ ޚިދުމަތަކީ ހަމައެކަނި ފިރިހެނުންނަށް ޚާއްސަ ދާއިރާއެއްކަން ބެލެވުނުނަމަވެސް މިއަދު އެ ވިސްނުން ބަދަލުކޮށް އަންހެނުންގެ ފުރިހަމަ ބައިވެރިވުން ކަށަވަރުކުރަންޖެހޭކަމަށެވެ. ފުލުހުންގެ ޚިދުމަތުގައި އަންހެނުން އިތުރުވުމަކީ ހަމައެކަނި މިންތީގެ ހަމަހަމަކަން ޤާއިމްކުރުމެއް ނޫންކަމަށާއި، އެއީ އަންހެން އޮފިސަރުންގެ ބައިވެރިވުން ބޮޑުވުމަކީ މުޖުތަމައުގައި އާންމުންގެ އިތުބާރާއި އެއްބާރުލުން އިތުރުވެ، ޚާއްސަކޮށް ޖިންސީ އަނިޔާއާއި ގެވެށި އަނިޔާފަދަ ނާޒުކު އަދި ހައްސާސް މައްސަލަތަކަށް ދެވޭ އިޖާބަ ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތެއްކަމަށް ރައީސްގެ އަނބިކަނބަލުން ވިދާޅުވިއެވެ.
"އަންހެނުންނަކީ ގުދުރަތީގޮތުންވެސް ކަންކަމުގައި ކެތްތެރިކަމާއެކު މުޢާމަލާތް ކުރުމުގެ ހުނަރުވެސް ލިބިފައިވާ ބައެއް. އެހެންކަމުން އެއީ އަމަން ބެލެހެއްޓުމަށްވެސް ލިބޭ ބޮޑު ކުރިއެރުމެއް. މި ކޮމިޓީގެ ދަޢުރުގައި މޯލްޑިވްްސް ޕޮލިސް ސަރވިސްގެ ސްޓްރެޓެޖިކް ޕްލޭންއާ އެއްގޮތަށް އެފަދަ ކަންކަމަށް ޚާއްސަ އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރުމަށް ގޮވާލަން." ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވިއެވެ.
ރައީސްގެ އަނބިކަނބަލުން ވިދާޅުވީ އަންހެނުން މިދާއިރާއަށް ޝައުގުވެރިކުރުވައި އެކަނބަލުންނަށް ވަޒީފާގައި ދެމިތިބެވޭނެ ފަދަ އާޢިލީ ޒިންމާތަކާއި އެކަށޭނެ ދެމެހެއްޓެނިވި ސިޔާސަތުތަކެއް ތަންފީޒްކުރުން މުހިއްމުކަމަށެވެ. އަދި ހަމައެކަނި އިދާރީ މަސައްކަތްތަކުގައި އަންހެނުން ދެމިތިބުމުގެ ބަދަލުގައި ފްރަންޓްލައިން އޮޕަރޭޝަންތަކުގައާއި މައްސަލަތައް ތަޙްޤީގުކުރުމުގައާއި ޓެކްނިކަލް ދާއިރާތަކުން އަންހެން އޮފިސަރުންގެ ޤާބިލްކަން އިތުރުކުރުމަށް ޚާއްސަ އިސްކަމެއް ދޭންޖެހޭކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ ތަޖުރިބާކާރު އޮފިސަރުންގެ ފަރާތުން އައު އޮފިސަރުންނަށް އިރުޝާދު ދޭނެ ހަރުދަނާ ނިޒާމެއް ބިނާކޮށް އޮފިސަރުންނަށް ކުރިއަށް ދިއުމުގައި ދަތުރުކުރެވޭނެ މަގު ދެއްކުމާއި އެކި ސިޔާސަތުތަކާ ބެހޭ ކަންކަން ނިންމާ ކޮމިޓީތަކުގައި އަންހެނުންގެ ނިސްބަތް އިތުރުކޮށް އަންހެނުންގެ ބައިވެރިކުރުވުމުގެ ރޫޙް އާލާ ކުރުމަކީވެސް ވަރަށް ބޮޑަށް އިސްކަންދޭންޖެހޭ ކަމެއްކަމަށެވެ.
އެކަމަނާ ވިދާޅުވީ ރާއްޖޭގެ އެކި ދާއިރާތަކުގައި ޚާއްސަކޮށް ތައުލީމީ ދާއިރާއާއި ސިއްޙީ ދާއިރާގައި ވަޒީފާ އަދާކުރަމުން ގެންދާ އަންހެނުންގެ އަދަދު ނިސްބަތުން މަތިކަމަށެވެ. ނަމަވެސް ފުލުހުންގެ ތެރޭގައި ޚިދުމަތް ކުރަމުންދާ އަންހެނުންގެ އަދަދު މަދުކަމަށާއި މިކަމާ ދޭތެރޭގައި ފުޅާ ދާއިރާއެއްގައި ވިސްނަންޖެހޭކަމަށްވެސް ފަސްޓް ލޭޑީ ވިދާޅުވިއެވެ. އަދި އަންހެން ފުލުހުން އިތުރުކުރުމަށް ފުލުހުންގެ ޚިދުމަތުންނާއި މޯލްޑިވްސް ވިމެން އިން ޕޮލިސިންއިންވެސް ޚާއްސަ އަހައްމިއްޔަތުކަމެއް ދެއްވައިގެން މަސައްކަތް ކޮށްދިނުމަށްވެސް އެކަމަނާ އެދިވަޑައިގެންނެވިވެ.
"ފުލުހުންގެ ޚިދުމަތަކީ ޤައުމުގެ އަމަންކަމާއި ރައްކާތެރިކަގެ މައިބަދަ. ޤައުމެއް ކުރިއަރާ ދިއުމުގައި އެންމެ ފުރަތަމަ ބޭނުންވަނީ ހަމަޖެހުމާއި ޤާނޫނު ނެގެހެއްޓުން ކަމަށްވާއިރު ފުލުހުންގެ ވިޝަނަކީ ކުށް ކުރުން މަދުކޮށް ރައްޔިތުންނަށް އަމާންކަމާއެކު އުޅޭވޭނެ މާހައުލެއް ޤާއިމްކޮށްދީ ކޮންމެ މީހަކީވެސް ޤާނޫނު ކުރިމަތީގައި ހަމަހަމަ މީހެއްކަން ކަށަވަރުކުރުން."ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވިއެވެ.
ރައީސްގެ އަނބިކަނބަލުން ވިދާޅުވީ އިޤްތިޞާދީ އަދި އިޖުތިމާޢީ ކުރިއެރުން ބިނާވެގެން ދަނީ ތަނެއްގައި އޮންނަ އަމަން، އަމާންކަމާއި ހަމަޖެހުމުގެ މައްޗަށްކަމަށެވެ. އަދި ޤައުމީ ތަރައްޤީއަށް ބޭނުންވާ ރައްކާތެރިކަމުގެ އަސާސީ ބިންގާ ފުލުހުންގެ ޚިދުމަތުން ކަށަވަރުކޮށްދޭން ޖެހޭކަން އެކަމަނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ރައްޔިތުންނާއި ގާތުން ޚިދުމަތްކޮށް އިޚްލާސްތެރިކަމާއެކު ޤާނޫނީ ސިޔާދަތު ދެމެހެއްޓުމުގައި ފުލުހުން އަދާކުރައްވާ ދައުރަކީ އަންނާން އޮތް ޖީލުތަކަށް އަމާން އަދި ފާގަތި މުސްތަޤުބަލެއް ފޯރުކޮށްދިނުމަށް ކުރާ ޤައުމީ ޚިދުމަތެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ސިފަކުރެއްވިއެވެ.
"ފުލުހުންގެ ހުރިހާ ދާއިރާއެއްގައި އަންހެނުންގެ ދައުރު އިތުރުކުރަންޖެހޭ"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ