ޕޯޓަލްއަށް ވަދެވޭނީ ހުއްދަ އޮންނަ ފަރާތްތަކަށް އެކަނި، ދޮގު މައުލޫމާތު ނުފަތުރާ: އީސީ

އިލެކްޝަން ކޮމިޝަން (އީސީ)ން ގާއިމުކޮށްފައިވާ ނިޒާމުތަކުގައިވާ މައުލޫމާތުތަކަކީ ރައްކާތެރިކަމާއެކު، އެމައުލޫމާތު ބޭނުންކުރަންޖެހޭ ހާލަތްތަކުގައި ހުއްދަލިބިފައިވާ ފަރާތްތަކަށް އެކަނި ބޭނުންކުރެވޭގޮތަށް ފަރުމާކުރެވިފައިވާ ނިޒާމެއް ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.
އީސީން މިހެން ބުނެފައި ވަނީ އެ ކޮމިޝަންގެ ޕޯޓަލަށް ވަދެ މައުލޫމާތު ނެގުމުގެ ފުރުސަތު ޕީއެންސީއަށް އޮތް ކަމަށް އިދިކޮޅު އެމްޑީޕީން ތުހުމަތު ކުރުމާ ގުޅިގެންނެވެ.
އެގޮތުން އެ ވާހަކަތަކަށް ރައްދުދީ އެ ކޮމިޝަނުން ރޭ ނެރުނު ބަޔާނެއްގައި ބުނީ، އިންތިހާބަށް ކުރިމަތިލުމަށް އެދޭ މީހާ އެކަމަށް އެދި ހުށަހަޅާ ލިޔުން އެ ކޮމިޝަނަށް ލިބޭތާ ގިނަވެގެން ފަސް ދުވަހުގެ ތެރޭގައި، ހުށަހެޅުމާމެދު ނިންމިގޮތް އަންގަންވާނެ ކަމަށް ބަޔާންކޮށްފައިވީ ނަމަވެސް، ކެންޑިޑޭޓަކަށް ވުމަށް އެދި ފޯމު ލިބެމުންދާ މިންވަރަކުން، ބަޔާންކޮށްފައިވާ މުއްދަތަށް ވުރެ ކުރިން ޖަވާބު ދެމުންދާ ކަމަށެވެ.
އަދި އެ ކޮމިޝަނުގައި ގާއިމުކޮށްފައިވާ ނިޒާމުތަކުގައިވާ މައުލޫމާތުތަކަކީ ރައްކާތެރިކަމާއެކު، އެމައުލޫމާތު ބޭނުންކުރަންޖެހޭ ހާލަތްތަކުގައި ހުއްދަލިބިފައިވާ ފަރާތްތަކަށް އެކަނި ބޭނުންކުރެވޭގޮތަށް ފަރުމާކުރެވިފައިވާ ނިޒާމެއްކަން ރައްޔިތުންނަށް ކަށަވަރުކޮށްދޭ ކަމަށްވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.
"މިކަންކަން މިހެން ހުރި އިރު، ކޮމިޝަނުން ދެމުންދާ ހިދުމަތްތަކާ ގުޅޭގޮތުން އާންމު ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދޭގޮތަށް އެއްވެސް ފަރާތަކުން މައުލޫމާތު ނުފެތުރުމަށް އިލްތިމާސްކުރަން،". އީސީން ނެރުނު ބަޔާނުގައި ވެއެވެ.
އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ވިލިނގިލި ދާއިރާގެ މެންބަރު ހުސައިން ހަސަން ވިދާޅުވީ، އީސީ ޕޯޓަލް މެދުވެރިކޮށް އާންމު ކެނޑިޑޭޓަކަށް ތާއީދު ކުރުމުން އެކަން ވަގުތުން ޕީއެންސީއަށް އެނގޭ ކަމަށާއި އެ ކަންބޮޑުވުންތައް އާންމުން އެ ޕާޓީއާ ހިއްސާކުރަމުންދާ ކަމަށް ވިދާޅުވެފައެވެ.
އަދި އެކަން އެގޮތަށް ކުރަނީ އީސީގެ ޕޯޓަލްއަށް ޕީއެންސީން ވަދެ މައުލުމާތު ބަލާލެވޭ ގޮތަށް ނުވަތަ ޕޯޓަލްގައި ހުންނަ މައުލޫމާތު އެ ޕާޓީއަށް ނެގޭ ގޮތަށް ހުންނާތީ ކަމަށް އެމްޑީޕީން ތުހުމަތުކޮށްފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ