އެއިރު ދަރިން މަރަނީ އުފަންވުމުން ބަލައިބޮޑުކޮށަފައެވެ! މިއަދު އުފަންވުމުގެ ފުރުޞަތުވެސް ނުދެނީއެވެ!

ތަނަވަސްކަން ކުޑަކަމުން ނުވަތަ ގެދޮރުގެ ދަތިކަން ހުރުމުން ނަމަވެސް ދަރިން ދުނިޔެއަށް އުފަންވިއަނުދޭ ބައަކު މިހާރުވެސް އެބައުޅެއެވެ. އެއްބައަކު ދަރިވައްޓަނީއެވެ. އަނެއްބައަކު ވަޞީލަތްތަކާއި އުކުޅު ބޭނުންކޮށްގެން ބަނޑުގައި އަށަނުގަންނާނެ ގޮތް ހަދަނީއެވެ. މިކުރެވެނީ އެއްކަމެކެވެ. ދަރިން އުފަންވިއަނުދޭން ކުރެވެން އޮތް ހުރިހާ ކަމެއް ކުރަނީއެވެ.
އެފަދަ ކަންކަންކުރާ މީހުން ވިސްނައިލުން މުހިންމު ލިޔުމެއް-:  
މައިން ބަފައިންނާބެހޭ އަމުރުތަކާ ވިދިގެން ދަރިންނާބެހޭ އަމުރުތައް މާތް ﷲ ބަޔާން ކުރައްވާފައިވަނީ އެދެމެދުގައިވާ މުނާސަބަތުގެ ބޮޑުކަމަށްޓަކައެވެ. މި وصيّة ގައި ދަރިން ނުމެރުމަށް އަންގަވާފައި ވެއެވެ. "وَلَا تَقْتُلُوا أَوْلَادَكُمْ مِنْ إِمْلَاقٍ نَحْنُ نَرْزُقُكُمْ وَإِيَّاهُمْۖ" (الأنعام : 151) މާނައީ: "ފަޤީރު ކަމުގެ ސަބަބުން ތިޔަބައިމީހުންގެ ދަރިން ނުމަރާށެވެ. ތިޔަބައިމީހުންނަށާއި، އަދި އެދަރިންނަށް ރިޒުޤު ދެއްވަނީ ތިމަން ރަސްކަލާނގެ އެވެ. " 
އަންހެން ދަރިން ދިރިތިއްބައި ވަޅުލައި އެދަރިން މަރާލުމަކީ ޖާހިލިއްޔަ ޒަމާނުގައި ޢަރަބީންގެ ބައެއްމީހުން ކޮށް އުޅުނު ކަމެކެވެ. އޭގެ ތެރެއިން ބައެއްމީހުން އެކަންކުރަނީ ފަޤީރު ޙާލު ބޮޑުވެގެން ގޮހެވެ. އަނެއްބަޔަކު އެކަން ކުރަނީ ފަޤީރުޙާލު ޖެހިދާނޭކަމަށް ހީވެ އެކަމުގެ ބިރުގައެވެ. ހުތުރުވެގެންވާ މިނުބައި ސިފަ ހުންނަ މީހުންނަކީ މަދު ބައެކެވެ.
އެމީހުންގެ ދަރީން މެރުމަށް އެމީހުން މެދުވެރިކުރާ ސަބަބަކީ އެއްވެސް ޙާލެއްގައި އެކަން ހުއްދަކުރާ ސަބަބަކަށް ނުވެއެވެ. އެކަން ބަޔާން ކުރައްވައި މާތް ﷲ ވަޙީ ކުރައްވަނީ " نَّحْنُ نَرْزُقُهُمْ وَإِيَّاكُمْ ۚ " 
"ތިޔަބައި މީހުންނަށްވެސް އަދި އެދަރިންނަށްވެސް ރިޒުޤު ދެއްވަނީ ތިމަން ރަސްކަލާނގެ އެވެ." މާނައަކީ، ރިޒުޤު އެއީ ތިމަން ރަސްކަލާނގެ ދެއްވަވާ އެއްޗެކެވެ. ތިޔަބައިމީހުންދޭ އެއްޗެއް ނޫނެވެ. ތިޔަބައި މީހުންނަށްވެސް ރިޒުޤު ދެއްވަނީ ތިމަން ރަސްކަލާނގެ އެވެ." 
الله سبحانه وتعالى  މިދެބައިމީހުންނަށް ވެސް ރިޒުޤު ދެއްވުމަށް ޖާމިނުވެ ވޮޑިގެންވާ ޙާލު މިފަދަ ބޮޑު ކުށަކަށް އަރައިގަތުމަކީ އެއްވެސް ޙާލެއްގައި އެކަށީގެންވާ ކަމެއްނޫނެވެ. އެހެން އާޔަތެއްގައި އެކަލާނގެ ވަޙީ ކުރައްވާފައި ވަނީ وَلَا تَقْتُلُوا أَوْلَادَكُمْ خَشْيَةَ إِمْلَاقٍ ۖ نَّحْنُ نَرْزُقُهُمْ وَإِيَّاكُمْ ۚ إِنَّ قَتْلَهُمْ كَانَ خِطْئًا كَبِيرًا (لإسراء: 31)  
މާނައީ : އަދި ފަޤީރުވެދާނޭކަމަށް ބިރުން ތިޔަބައިމީހުންގެ ދަރިން ނުމަރާށެވެ! އެކުދިންނަށްވެސް އަދި ތިޔަބައިމީހުންނަށްވެސް ރިޒުޤު ދެއްވަނީ ތިމަންރަސްކަލާނގެ އެވެ. ހަމަކަށަވަރުން އެކުދިން މެރުމަކީ ބޮޑުވެގެންވާ ފާފައެއްކަމުގައި ވިއެވެ،" 
--ފަޟީލަތުއްޝައިޚް މޫސާފަތުޙީގެ ލިޔުއްވުމަކުން 
ދަރިން މެރުމުގެ ކަންކަން މިއަދުވެސް ދަނީ ކުރިއަށެވެ. މެރުމުގެ ނަމަކު ނޫނެވެ. އެބޯޝަން ހަދަނީއެވެ. ހަމަ އެއްކަމެއްގެ ބިރަށެވެ. އެއްބައަކު އެކަންކުރަނީ ފަޟީޙަތްވެދާނެކަމުގެ ބިރަށެވެ. އަނެއްބައަކު އެކަން ކުރަނީ ދަރިން ގިނަވުމުން ފަޤީރުވެދާނެ ކަމުގެ ބިރަށެވެ. ތަފާތީ މަރައިލާ ޢުމުރެވެ.  
ވީމާ ދަރިން މަރާ މީހުން ﷲ ތަޢާލާގެ މި ވަޙީ ބަސްފުޅުތަކަށް ވިސްނައިލުން ހުއްޓެވެ.  
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ