ޓައިމްއިން ހޮވި ދުނިޔޭގެ ސިއްހީ ދާއިރާގެ އެންމެ ނުފޫޒުގަދަ 100 މީހުންގެ ތެރޭގައި ރައީސް

އެމެރިކާގެ މަޝްހޫރު "ޓައިމް" މެގަޒިންއިން ހޮވާ ސިއްހީ ދާއިރާގެ އެންމެ ނުފޫޒުގަދަ 100 ޝަޚްސިއްޔަތުންގެ ތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ހިމެނިވަޑައިގެންފިއެވެ. "ޓައިމް" މެގަޒިންއިން އާންމުކުރި މި ލިސްޓަކީ، ދުނިޔޭގެ ސިއްހީ ދާއިރާއިން ފާހަގަކޮށްލެވޭ ފަދަ މުހިންމު މަސައްކަތްތަކެއް ކުރައްވާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން އެ މެގަޒިންއިން ނެރުނު ތިންވަނަ އަހަރީ ލިސްޓެވެ. ރައީސް މުއިއްޒު މި ލިސްޓުގައި ހިމެނިވަޑައިގަތީ، ރާއްޖޭގެ އާންމު ސިއްހަތު ރައްކާތެރިކުރުމަށާއި، ވަކިން ހާއްސަކޮށް ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް އެމަނިކުފާނުގެ މި ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުތަކުގެ ސަބަބުންނެވެ. ދުންފަތާ ދެކޮޅަށް ރައީސް މުއިއްޒު އެޅުއްވި މުހިންމު ފިޔަވަޅުތަކުގެ ތެރޭގައި، ސިނގިރޭޓުން ނަގާ ޑިއުޓީ ބޮޑުކުރުމާއި، ރާއްޖެއަށް ވޭޕް އެތެރެކުރުމާއި، ވިއްކުމާއި ބޭނުންކުރުން މަނާކުރުން ހިމެނެއެވެ. މީގެ އިތުރުން، ދުންފަތުގެ ބާވަތްތައް ވިއްކޭނެ އެންމެ ދަށް އުމުރަކީ 21 އަހަރު ކަމަށް ކަނޑައަޅައި، 2007 ވަނަ އަހަރަށްފަހު އުފަންވި ކުދިންނަށް ދުންފަތުގެ ބާވަތްތައް ވިއްކުމާއި ބޭނުންކުރުން މަނާކުރާ ގޮތަށް ގާނޫނަށް ގެނައި ތާރީޚީ ބަދަލު "ޓައިމް" މެގަޒިންއިން ފާހަގަކޮށްފައިވެއެވެ. ދުންފަތް ކޮންޓްރޯލް ކުރުމަށް ރައީސް މުއިއްޒު ކުރައްވާ މި މަސައްކަތްޕުޅުތަކުގެ އަގުވަޒަންކޮށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ވެސް ވަނީ މީގެ ކުރިން އެމަނިކުފާނަށް ހާއްސަ އެވޯޑެއް އަރުވާފައެވެ. މިއީ ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖޭގެ ސިއްހީ ސިޔާސަތުތަކަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެކެވެ. މީގެ އިތުރުން ވެސް މި ސަރުކާރުން ގެންދަނީ އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ދާއިރާގައި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ