ހަނގުރާމައިގެ ސަބަބުން ފިލިޕީންސްއިން ހަކަތައިގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފި
މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ހަކަތައިގެ ދަތިކަން ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި ފިލިޕީންސްއިން ހަކަތައިގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފިއެވެ. މިއީ ހަކަތައިގެ ކުއްލި ހާލަތު އިއުލާނުކުރި ފުރަތަމަ ގައުމެވެ. ފިލިޕީންސްގެ ރައީސް ފާޑިނަންޑް މަކޯސް ވިދާޅުވީ ހަކަތައިގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރީ ގައުމުގެ ހަކަތަ ފޯރުކޮށްދިނުމާއި ހަމަޖެހުމަށް ކުރިމަތިވެފައިވާ ވަގުތީ ނުރައްކަލަކާ ގުޅިގެން ކަމަށެވެ. މާކޯސް ވިދާޅުވީ މި ފިޔަވަޅާއެކު ހަކަތައިގެ ހަމަޖެހުން ކަށަވަރުކޮށް، ފުޅާ އިގްތިސާދު ހިމާޔަތް ކުރުމަށް ފިޔަވަޅުތައް އެޅުމުގެ ގާނޫނީ ބާރު ސަރުކާރަށް ލިބިގެންދާނެ ކަމަށެވެ. ކުއްލި ނުރައްކަލުގެ އަމުރުގެ ދަށުން ތެލާއި ކާބޯތަކެއްޗާއި ބޭހާއި އެހެނިހެން ޒަރޫރީ މުދާ ތަރުތީބުން ބެހުމުގެ މަސައްކަތް ބެލެހެއްޓުމަށް ކޮމިޓީއެއް އެކުލަވާލާފައިވެއެވެ. އަދި ސަޕްލައި އިތުރު ކުރުމަށް، ތެލާއި ޕެޓްރޯލިއަމް ޕްރޮޑަކްޓްތައް ގަތުމުގެ ބާރު ވެސް ސަރުކާރަށް ވަނީ ދީފައެވެ. އެއް އަހަރު ދުވަހުގެ މުއްދަތަށް އޮތް އެ އަމުރު އުވާލައި މުއްދަތު އިތުރު ކުރުމުގެ ބާރު ރައީސަށް ލިބިގެންވެއެވެ. ފިލިޕީންސްއިން ތެލުގެ 98 ޕަސަންޓް ގަލްފުން އެތެރެކުރާއިރު، 28 ފެބްރުއަރީގައި ހަނގުރާމަ ފެށިފަހުން އެ ގައުމުގައި ޑީސަލާއި ޕެޓްރޯލްގެ އަގު ވަނީ ދެގުނައަށް ވުރެ މައްޗަށް ގޮސްފައެވެ. ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން ފިލިޕީންސްގެ މައިގަނޑު ލޭބާ ކޯލިޝަންތަކުގެ ތެރެއިން އެއް ކޯލިޝަން ކަމަށްވާ ކިލޫސަންގް މޭޔޯ އުނޯ (ކޭއެމްޔޫ) އިން ވަނީ ވަރަށް ބޮޑަށް ފާޑުކިޔައި، ތެލުގެ ދަތިކަން ހައްލުކުރުމުގައި ސަރުކާރަށް ނާކާމިޔާބުވި ކަމަށް ބުނެފައެވެ. ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލެމުންދާތީ، ޑްރައިވަރުންނަށް ސަބްސިޑީ ދިނުމާއި، ފެރީގެ ޚިދުމަތް މަދުކޮށް، ސިވިލް ސާވަންޓުންނަށް ހަތަރު ދުވަހު މަސައްކަތް ކުރުން ފަދަ ފިޔަވަޅުތައް ޕިލިޕީންސްއިން ވަނީ އަޅާފައެވެ. އޭޝިއާގެ ގައުމުތަކަަށް ހަކަތައިގެ 90 ޕަސަންޓް އެތެރެކުރަނީ ހުރްމުޒް ކަނޑުއޮޅި މެދުވެރިކޮށެވެ. އިސްރާއީލާއި އެމެރިކާ ގުޅިގެން އީރާނަށް ދެމުންގެންދާ ހަަމަލާތަކުގެ ރައްދުގައި އީރާނުން ވަނީ ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރުމަށް ހުރަސް އަޅާފައެވެ. އެ ކަނޑުއޮޅިއަކީ ދުނިޔޭގެ ތެލުގެ ބާޒާރަށް އުފުލާ ތެލުގެ ފަސްބައިކުޅަ އެއްބައި އުފުލާ ކަނޑުއޮޅިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ