ލަވަކިޔުން ހުއްޓާލަން އަރިޖިތު ނިންމި ނިންމުމަށް ވިޝާލް ދަދްލާނީ ތާއީދުކޮށްފި

އިންޑިއާގެ ލަވަކިޔުންތެރިންގެ ތެރެއިން އެންމެ މަގުބޫލު އެއް ލަވަކިޔުންތެރިޔާ އަރިޖިތު ސިންގް، ފިލްމުތަކަށް ލަވަކިޔުން ހުއްޓާލަން ނިންމި ނިންމުމަށް މަޝްހޫރު މިއުޒިކް ކޮމްޕޯޒަރު ވިޝާލް ދަދްލާނީ ތާއީދުކޮށް، އޭނާގެ ހުނަރުވެރިކަމަށް ތައުރީފުކޮށްފިއެވެ. އަރިޖިތުގެ މި ކުއްލި ނިންމުމާއެކު މިއުޒިކީ ދާއިރާގެ ގިނަ ބަޔަކަށް ހައިރާންކަން ލިބިފައިވީ ނަމަވެސް، ވިޝާލް ވަނީ މިކަމުގައި އަރިޖިތަށް އޭނާގެ ފުރިހަމަ އެއްބާރުލުން އޮތްކަން ހާމަކޮށްފައެވެ. ދާދި ފަހުން 'އަންޓްރިގާޑް ވިތް އަމީން ޖާޒް' ޕޮޑްކާސްޓުގައި ވާހަކަދައްކަމުން ވިޝާލް ބުނީ، ކޮންމެ ފަންނާނަކުވެސް އެ މީހެއްގެ އަމިއްލަ އުފަލަށް އިސްކަންދޭންޖެހޭނެ ކަމަށެވެ. "އަމިއްލައަށް އުފާވާ ކަމެއް ކުރޭ. އޭނާ އެ ވަނީ އެކަމުގެ ސަބަބުތައް ކޮންމެވެސް މިންވަރަކަށް ސަޕޯޓަރުންނަށް ކިޔައިދީފަ. ހިތް އެދޭ ގޮތަށް ކަންކަން ކުރުމުގެ ހައްގު އަރިޖިތަށް ވެސް އޮންނަންވާނެ. މިއުޒިކަކީ އަހަރެމެން އޭގެތެރޭގައި ތިއްބަސް އަދި ނެތަސް ދެމިއޮންނާނެ ބޮޑު ކަނޑެއް ފަދަ އެއްޗެެއް" ވިޝާލް ބުންޏެވެ. އޭނާ އިތުރަށް ބުނި ގޮތުގައި އަރިޖިތަކީ މިއުޒިކީ ގޮތުން އާދަޔާ ހިލާފު ހުނަރެއް ލިބިފައިވާ ވަރަށް ކުޅަދާނަ މިއުޒީޝަނެކެވެ. ހަމައެއާއެކު އަރިޖިތުގެ ދިރިއުޅުމުގެ މަގްސަދަކީ އާ ކަންކަން ތަޖުރިބާކުރުން ކަމަށްވާތީ، އޭނާގެ މި ނިންމުމަށް އިހުތިރާމްކޮށް މަރުހަބާ ކިޔާ ކަމަށްވެސް ވިޝާލް ވަނީ ބުނެފައެވެ. އަރިޖިތު އާއި މަޝްހޫރު މިއުޒީޝަން ޝޭކަރު ރަވްޖިއާނީ ގުޅިގެން އުފެއްދި އަމިއްލަ ލަވަ 'ރައިނާ'ގެ ޕޯސްޓަރެއް--ފޮޓޯ/މިޑްޑޭ މި ޕޮޑްކާސްޓްގައި ވާހަކަދައްކަމުން ވިޝާލް ވަނީ އަރިޖިތުގެ އިންސާނިއްޔަތުކަމަށް ވެސް ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ. އޭނާ ބުނި ގޮތުގައި އަރިޖިތަކީ ހަމައެކަނި މޮޅު ފަންނާނެއް ނޫނެވެ. ވިޝާލް އަރިޖިތު ސިފަކޮށްފައި ވަނީ ވަރަށް ސާފު ހިތެއްގެ ވެރި، ހިތްހެޔޮ ޝަހްސިއްޔަތެެއްގެ ގޮތުގައެވެ. އެހެންކަމުން އަރިޖިތު ކުރަން ބޭނުންވާ ކޮންމެ ކަމެއްގައިވެސް އޭނާގެ ފުރިހަމަ ތާއީދު އޮންނާނެކަން ވިޝާލް ވަނީ ބަޔާންކޮށްފައެވެ. އަރިޖިތު ސިންގް ލަވަކިޔުން ހުއްޓާލާނެކަން އިއުލާންކުރީ މި އަހަރުގެ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހު ސޯޝަލް މީޑިއާ މެދުވެރިކޮށެވެ. އޭނާ ބުނި ގޮތުގައި މިހާރު އެއްބަސްވެފައިވާ މަސައްކަތްތައް ނިންމުމަށްފަހު، ކުރިއަށް އޮތް ތަނުގައި ފިލްމުތަކަށް ލަވަކިޔައިދިނުން ހުއްޓާލާނެއެވެ. ނަމަވެސް، މީގެ މާނައަކީ މުޅިން މިއުޒިކާ ވަކިވުން ނޫންކަމަށް އަރިޖުތި ވަނީ ބުނެފައެވެ. އެގޮތުން، އަރިޖިތު މިހާރު ވަނީ އަމިއްލަ މިއުޒިކީ މަސައްކަތްތައް ފަށާފައެވެ. އެގޮތުން ދާދި ފަހުން އަރިޖިތު އާއި މަޝްހޫރު މިއުޒީޝަން ޝޭކަރު ރަވްޖިއާނީ ގުޅިގެން ވަނީ 'ރައިނާ'ގެ ނަމުގައި މިއުޒިކް ވީޑިއޯއެއް ރިލީޒްކޮށްފައެވެ. ޝޭކަރު އަކީ ވިޝާލްއާ އެކު ވެސް ވަރަށް ގިނަ މިއުޒިކް ވީޑިއޯތަކާއި ބައެއް ބޮލީވުޑްގެ ފިލްމުތަކަށް ވެސް ލަވަ އުފައްދާފައިވާ ފަންނާނެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ