އީރާންގެ މައްޗަށް ކާމިޔާބު ނުހޯދޭއިރު، އެމެރިކާއިން ރަޝިއާ އަދި ޗައިނާއާ ކުރިމަތިލާނީ ކިހިނެއް؟

ލަންޑަން (13 އެޕްރީލް 2026): އީރާނާ ދެކޮޅަށް އެމެރިކާ ފަށައިގެން އުޅޭ ޣައިރު ގާނޫނީ ހަނގުރާމަ އެމެރިކާއަށް ކާމިޔާބު ކުރެވޭނެ އެއްވެސް ފޯމިއުލާއެއް ފެންނަން ނެތްކަމަށް ލަންޑަންގެ ނޫހެއް ކަމަށްވާ "އިކޮނޮމިސްޓް" އިން ބުނެފިއެވެ. މި ނޫހުގައިވާ ތަހުލީލީ ރިޕޯޓެއް ބުނާގޮތުން މި ހަނގުރާމައިގައި އީރާނަށް މާއްދީ ބޮޑެތި ގެއްލުންތަކެއް ލިބުނުކަމަށް ވިޔަސް ހަނގުރާމައިގައި އެމެރިކާގެ ސްޓްރެޓީޖިކް ބަލިކަށިކަން މިއަށްވުރެ މާބޮޑަށް ވަނީ ފެނިގެން ގޮސްފައެވެ. އީރާނުގެ މައްޗަށް ކާމިޔާބު ނުހޯދޭއިރު ޗައިނާއާއި ރަޝިއާ ފަދަ ބޮޑެތި ބާރުތަކާ ކުރިމަތިލައިގެން އެމެރިކާއަށް ހާސިލްކުރެވޭނީ ކޮންކަމެއްތޯ ވަނީ ސުވާލު އުފެދިފައެވެ. އީރާނަށް ބިރުދައްކައިގެން ފިއްތުންތައް ކުރިމަތިކޮށް ގަދަބާރުން އެ ގައުމަށް ކަންކަން މަޖުބޫރު ކުރެވޭނެ ކަމަށާއި އަދި އީރާނުގެ ލީޑަރުން މަރައިގެން އެ ގައުމަށް އީރާނުގެ ސިޔާސަތުތަކަށް ބަދަލުގެނެވޭނެ ކަމަށް އެމެރިކާ ލަފާކުރި ލަފާކުރުންތަކަކީ ހަގީގަތެއް ނެތް އަވާމެންދުރެއްކަން ވަރަށް ބޮޑަށް ހާމަވެގެން ގޮސްފައިވާ ކަމަށް އެ ރިޕޯޓުގައި ބުންޏެވެ. އީރާނަކީ ހުރިހާ ގޮތަކުން ވެސް އެމެރިކާއަށް ވުރެ ކުޑަ އަދި ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާތާ 47 އަހަރުވެފައިވާ ގައުމަކަށް ވާއިރު ވެސް އެމެރިކާއާއި އިސްރާއީލު ގުޅިގެން 40 ދުވަސްވަންދެން ބޮންއެޅުމުން ވެސް އީރާން ބަލިކުރުމުގައި އެމެރިކާ ވަނީ ނާކާމިޔާބު ވެފައެވެ. ކަންއެހެން އޮތްއިރު ބޮންއަޅައިގެން އީރާނުގެ އާންމުންނާއި، ކިޔަވާކުދިންނާއި، ލީޑަރުން މެރުން ފިޔަވައި އެމެރިކާއަށް ސިޔާސީ ގޮތުންނާއި ސްޓްރެޓީޖިކް ގޮތުން ހާސިލް ކުރެވުނީ ކޮންކަމެއްތޯ މި ރިޕޯޓްގައި ވަނީ ސުވާލު އުފައްދާފައެވެ. މި ރިޕޯޓް ބުނާ ގޮތުން އެމެރިކާގެ ބާރުދެއްކުމަށްޓަކައި އެމެރިކާ އަބަދު ވެސް ހަނގުރާމަ ކުރަނީ އެބައެއްގެ މައްޗަށް ކާމިޔާބު ހޯދޭނެކަމުގެ ޔަގީންކަން އެމެރިކާއަށް އޮންނަ ފަރާތްތަކާ ދެކޮޅަށެވެ. އެގޮތުން އަފްޣާނިސްތާނުގެ ތާލިބާން ޖަމާއަތާއި، ސައްދާމް ހުސައިންގެ ދުވަސްވަރު އިރާގު ފަދަ ފަރާތްތަކާ ދެކޮޅަށް ހަނގުރާމަ ފެށީވެސް އެމެރިކާގެ ބާރުދެއްކުމުގެ ޕްރޮޕަގެންޑާގެ ދަށުންކަމަށް ވެއެވެ. ނަމަވެސް އާޚިރުގައި ތާލިބާނުގެ ކުރިމަތީގައި ވެސް ސްޓްރެޓީޖިކް ގޮތުން އެމެރިކާ ވީ ބަލިކަމަށާއި، 21 އަހަރު ފަހުން އެމެރިކާ ޖެހުނީ ތާލިބާނުން ބަލިނުކުރެވި އަފްޣާނިސްތާނުން ފައިބަންކަމަށް ވެސް މި ރިޕޯޓުގައި ބުނެއެވެ. އީރާނަކީ ވެސް އެމެރިކާއަށްވުރެ ހުރިހާ ގޮތަކުން ވެސް ކުޑަ އަދި ހަތިޔާރާއި ނުފޫޒާއި ބާރުގެ ގޮތުން އެމެރިކާއަށްވުރެ މާ ބަލިކަށި ގައުމެކެވެ. ނަމަވެސް އީރާންގެ ކުރިމަތީގައި ވެސް އެމެރިކާ މިވަނީ މަގުސަދު ހާސިލްކުރުމުގައި ނާކާމިޔާބުވެފައި ކަމަށް މި ރިޕޯޓް ބުނެއެވެ. މި ހާލަތުގައި ޗައިނާއާއި ރަޝިއާ ފަދަ އަސްކަރީ ބާރާއި ނުފޫޒު ގަދަ ގައުމަކާ އެމެރިކާ ހަނގުރާމަކުރާނީ ކިހިނެއްތޯ މި ރިޕޯޓުގައި ވަނީ ސުވާލު އުފައްދާފައެވެ. މި ރިޕޯޓް ބުނާ ގޮތުން ގަލްފުގައިވާ އެމެރިކާގެ އަސްކަރީ ބޭސްތަކާއި އިސްރާއީލަށް، އީރާނުން ދިން ބާރުގަދަ ރައްދު ހަމަލާތަކާ ގުޅިގެން އެމެރިކާއަށް ވަނީ ބޮޑު ސިހުމެއް ލިބިފައެވެ. މިސައިލް ޓެކްނޮލޮޖީގައި އީރާން ކުރިއަރާފައިވާ މިންވަރާމެދު ވެސް އެމެރިކާއާއި އިސްރާއީލު ވަނީ ޖެހިލުންވެފައެވެ. އަނެއްކޮޅުން އެމެރިކާއާއި އިސްރާއީލުގެ ވައިގެ ދިފާއީ ނިޒާމުތަކަކީ ވެސް އެ ދެ ފަރާތުން ޕްރޮޕަގެންޑާ ކުރި ވަރުގެ ބާރުގަދަ އަދި 100 އިންސައްތަ ކާމިޔާބު ދިފާއީ ނިޒާމުތަކެއް ނޫންކަން ވެސް ދުނިޔެއަށް ވަނީ ހާމަވެގެން ގޮސްފައެވެ. އެމެރިކާ އަތުގައި ހުރި ވަރަށް ހަތިޔާރު ނެތް ނަމަވެސް އީރާނުން ހުރުމުޒު ކަނޑުއޮޅި ސްޓްރެޓީޖިކް ހަތިޔާރެއްގެ ގޮތުގައި ހެދުމުން އެކަން ހުއްޓުވުމުގައި އެމެރިކާ ނާކާމިޔާބުވުމާއި، އީރާނުގެ މިސައިލް ޓެކްނޮލޮޖީ ރައްކާކޮށްފައިވާ ތަންތަނަށް ހަމަލާދީ، އެތަންތަން ހަލާކު ކުރުމުގައި އެމެރިކާއާއި އިސްރާއީލު ނާކާމިޔާބުވުމާއެކު އީރާނުގެ އަސްކަރީ ބާރުވެރިކަމާއި ގާބިލްކަން ވެސް ވަނީ ހާމަވެގެން ގޮސްފައެވެ. މީގެ އިތުރުން އީރާނަށް އެއްގަމު މަގުން އަރައިގަތުމަށް އެމެރިކާ ސިފައިން ނުކުޅެދުމާއި، އީރާނުގެ އަޒުމު ބަލިކޮށްލުމުގައި ނާކާމިޔާބުވުމާއި، ނޭޓޯގެ ގައުމުތަކުން އެމެރިކާއަށް އަޅައިނުލުމާއި އެމެރިކާ ދުނިޔޭގައި ނުކިޔަމަންތެރި ނުބައި އަދި ގާނޫނަށް ބޯނުލަނބާ ރޯގް ސްޓޭޓެއްގެ ގޮތުގައި ލޭބަލްވެ، ބައިނަލްއަގްވާމީ މުޖްތަމައުގައި އެމެރިކާ އެކެހެރިވެގެން ދިޔުމަކީވެސް އެމެރިކާގެ ބަލިކަށިކަން ހާމަވެގެން ދިޔަ ކަމެއްގެ ގޮތުގައި ވަނީ ސިފަކޮށްފައެވެ. ހަނގުރާމައިގެ އެއްވެސް މަގްސަދެއް ހާސިލް ނުކުރެވި މިހާރު އެމެރިކާ އުޅެން މިޖެހުނީ ޚުދު އެމެރިކާގެ އަމަލުތަކުގެ ސަބަބުން ދިމާވި މައްސަލައެއް ކަމަށްވާ ހުރުމުޒު ކަނޑުއޮޅީގެ މައްސަލަ ހައްލުކުރުން އެއީ ހަނގުރާމައިގެ އަމާޒަކަށް ހަދައި އެކަން ކާމިޔާބު ކުރެވޭތޯ ކަމަށް ވެސް މި ރިޕޯޓްގައި ފާހަގަކުރިއެވެ. މި ރިޕޯޓް ބުނާ ގޮތުން އީރާނުގައިވާ 60 އިންސައްތައަށް ފައްކާކޮށްފައިވާ ޔޫރޭނިޔަމް ވެސް އެމެރިކާއަކަށް އަތުނުލެވުނެވެ. ބިމު އަޑީގައިވާ އީރާނުގެ ނިއުކްލިޔާ ހައްސާސް މަރުކަޒުތަކެއް ވެސް ހަލާކެއް ނުކުރެވުނެވެ. އީރާނުން ނިއުކްލިޔާ ހަތިޔާރު ނުއުފައްދާނެކަމުގެ ގެރެންޓީއެއް ވެސް ނުލިބުނެވެ. އީރާނުގެ ވެރިކަން ވައްޓާލައި އެމެރިކާގެ ޕަޕެޓަކު ވެސް ވެރިކަމަށް ނުގެނެވުނެވެ. އީރާނުގެ ޙަޟާރަތު ވުޖޫދުން ފުހެލާނެކަމަށް ބުނެ ދިން ހިކިހިއްވަރުގެ އިންޒާރުތައް ތަންފީޒުކުރަން ވެސް ނުކެރުނެވެ. އީރާނުގެ ބަނދަރުތައް ހިސާރުކުރާނެކަމަށް ބުނެ އެމެރިކާ ދިން އިންޒާރުތަކަކީ ވެސް ތަންފީޒު ކުރެވިދާނެ ކަމެއްތޯ މި ރިޕޯޓްގައި ވަނީ ސުވާލު އުފައްދާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ