މިއަދު ހުޅުވާލި ފުރުސަތުގެ ދަށުން ދޫކުރާ ގޯއްޗާއި ފްލެޓު މި ދައުރުގެ ތެރޭ ނިންމާ ހަވާލުކުރާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މި ސަރުކާރުގެ 'ބޯހިޔާވަހިކަން އެންމެންނަށް' ސިޔާސަތުގެ ދަށުން ދޫކުރާ 15،000 ގޯއްޗާއި 7،900 ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ވަނީ ހުޅުވާލައިފަ އެވެ.
ތަފްސީލް - ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމާ ގުޅޭ ގޮތުން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މިނިސްޓަރު މިއަދު ވިދާޅުވީ މި ދައުރުގެ ތެރޭގައި ގޯތިތައް ދީ، ރަޖިސްޓްރީ ހަދައިދީ، އިންވަކިކޮށް އަދި ގޯތި ހަވާލު ކުރާނެ ކަމަށެވެ.
މީގެ އިތުރުން، މިއަދު އިއުލާނު ކުރި 7،900 ފްލެޓަކީ ފައިސާ ހަމަޖެހި، ޔަގީންވެފައިވާ އަދަދު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"2008ގެ ފަހުން އެއްވެސް ސަރުކާރަކަށް އެ ސަރުކާރަކުން ފެށި ޕްރޮޖެކްޓެއް ނިންމައި ފްލެޓަށް މީހުން ވެއްދިފައެއް ނުވޭ. އިރާދަކުރެއްވިއްޔާ މި ސަރުކާރުން އެކަން ބަދަލު ކުރާނެ،" މުއްތޮލިބު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ މި ހުރިހާ ފްލެޓެއްގެ މަސައްކަތްތައް ނިންމައި މީހުންނަށް ދިރިއުޅެވޭ ވަރު ކުރުން."
މިއަދު އިއުލާނު ކުރި ފްލެޓުތަކުގެ ތެރޭގައި ބީއެމްއެލް އިން ކުރިއަށް ގެންދާ މަޝްރޫއުގައި އަޅާ ފްލެޓުތަކާއި އިންޑިއާ ސަރުކާރުގެ އެހީގައި ކުރިއަށް ގެންދަން ނިންމާފައިވާ މަޝްރޫއެއްގައި ހިމެނޭ ފްލެޓުތައް އަދި ސައުދީ ފަންޑުގެ އެހީގައި އަޅާ ފްލެޓުތަކެއް ވެސް ހިމެނޭ ކަމަށް މުއްތޮލިބު ވިދާޅުވި އެވެ.
މިއަދު ހުޅުވާލި ފުރުސަތުގެ ދަށުން ގްރޭޓާ މާލެ ސަރަހައްދާއި ރަސްމާލޭން ޖުމްލަ 15،000 ގޯތި ދޫކުރާނެ އެވެ. އަދި ގްރޭޓާ މާލެ ސަރަހައްދުން 7،900 ފްލެޓު ދޫކުރާނެ އެވެ. އެގޮތުން"
ގޯއްޗަށް އެދި ކުރިމަތިލުމުގެ ސުންގަޑިއަކީ 4 މާޗު
ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު 17 އޭޕްރީލްގެ ނިޔަލަށް އޮންނާނެ
ގޯއްޗާއި ފްލެޓަށް އެދި ހުށަހަޅަން ޖެހޭނީ 'ބޯހިޔާވަހިކަން' ޕޯޓަލް މެދުވެރިކޮށް
މި ސަރުކާރުން ދޫކުރާ ގޯއްޗާއި ފްލެޓަށް ދައުރު ތެރޭ ވަދެވޭނެ: މުއްތޮލިބު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ