ކުރީގެ ޒަމާންތަކުގައި އުޅުއްވެވި މާތް ކަނބަލުންގެ ދަރަޖަ މިއަދުގެ އަންހެނުންނަށްވެސް ނުލިބެންވީ ސަބަބެއް ނެތް! އިންޝާ ﷲ

ކުރީގެ ޒަމާންތަކުގައި އުޅުއްވެވި މާތް ކަނބަލުންގެ ދަރަޖަ މިއަދުގެ އަންހެނުންނަށްވެސް ލިބިދާނެތޯ؟ 
ޖަވާބަކީ ނުލިބެންވީ ސަބަބެއް ނެތެވެ. ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިއަހުގައި ޘާބިތުވެވަޑައިގެން ތިއްބެވި މަތިވެރި ޞަޙާބީންގެ ތެރެއިން 50 ޞަހާބީންގެ ދަރަޖަ، ޙައްޤު މަގުގައި ޘާބިތުވެވިއްޖެނަމަ މިއަދުގެ މުސްލިމަކަށްވެސް ލިބެން އެބައޮތެވެ. އެއީ ޙަދީޘްފުޅުން އެނގެން އޮތް ކަމެކެވެ. 
މިހާރަކަށް އައިސް ބައެއް އަންހެނުން އެމީހުންގެ ފިރިން ދީނާއި ދުރުހެލި ވާހަކަތައް ދައްކައެވެ. އެމީހުންގެ ނުބައިކަމުން އެކަނބަލުންނަށް ތަޤްވާވެރި ނުވެވޭ ކަމުގެ ވާހަކަތައް ދައްކައެވެ. 
އެއްގޮތަކުން ބަލައިފިނަމަ އެވާހަކަތަކުގައި ބުރަދަނެއް ހުރެދާނެއެވެ. ނަމަވެސް އަހުރެން ބުނާނީ ތަޤްވާވެރިކަމުގައި ސާބިތުވެ ދެމިހުރުމަށް ފިރިމީހާ ހުރަސްއަޅާނަމަ އެހސާބުން އަވަހަށް އެމީހަކާއި ދުރުހެލިވާށެވެ. ﷲ ތަޢާލާ އާއި ކުއްތަންވާން ގަދައަޅައި މަސައްކަތްކުރާށެވެ. ﷲ ތަޢާލާގެ މަގުގައި ސާބިތުވެވަޑައިގަތުމުން ފިރުއައުނުގެ އަނބި އާސިޔަތުގެފާނަށް ﷲ ތަޢާލާ ދެއްވެވި ޢިއްޒަތް ލިބިގަންނަން މަސައްކަތްކުރުމުގެ ފުރުޞަތު ހަމަ މިއަދުގެ ކަނބަލުންނަށްވެސް އެބައޮތެވެ. 
އެމީހަކު ﷲ ތަޢާލާގެ މަގުގައި ސާބިތުވާން ކުރިމަސައްކަތަކަށް ޖަޒާ ދެއްވެވުމުގައި ވަކިޒަމާނެއް ނެތެވެ. ކޮންމެ ޒަމާނެއްގައިވެސް ދެއްވަވާނެތެވެ. އެއްވެސް ތަފާތެއް ނުކުރައްވަވާނެތެވެ. ވީމާ ފިރިންގެ ކިބައިން އެފަދަ މައްސލަތައް ކުރިމަތިވާ އަނބިން ހިތްވަރުލިބިގަންނަންވީ އާސިޔަތުގެފާނުގެ ސިޔަރަތުންނެވެ. 
މިދުނިޔެއަށް ވުރެ އާޚިރަތް އިސްކޮށް ނެންގެވި އީމާންތެރި، ކެތްތެރި، ރާނީ ސާހިބާ އާސިޔާ،
ފިރުއައުނުގެ އަނބިކަނބަލުން އާސިޔާގެފާނަކީ އާދައިގެ އަންހެންކަނބަލެއް ނޫނެވެ. އެކަމަނާގެ ކެތްތެރިކަމާއި އިސްލާމްދީނުގައި އެކަމަނާގެ ދަރަޖަ މަތިވެރިކަމުގެ ވާހަކައަކީ ތާއަބަދަށްމެ ދެކެވެމުންދާނެ ވާހަކަ ތަކެކެވެ.  އެއީ ކީރިތި ޤުރްއާނުގައި އެކަމަނާގެ ވާހަކަ ބަޔާންކުރައްވަވާފައި އޮތުމުންނެވެ. 
އެކަމަނާއަކީ ދުވަހަކު ވެސް، މިދުނިޔޭގައި އެކަމަނާގެ މަގާމުން އާންމުވާން ބޭނުންފުޅުވި، އަދި އެކަމަށް މަސައްކަތް ވެސް ކުރެއްވި ބޭކަނބަލެއް ނޫނެވެ. އެކަމަނާއަކީ ނުހަނު އިޚްލާސްތެރި، އީމާންތެރި އަދި ކެތްގަދަ ބޭކަނބަލެކެވެ. މިދުނިޔޭގައި އެކަމަނާއަށް ލިބިލެއްވި އެއްވެސް ވޭނަކުން އެކަމަނާގެ އީމާންތެރިކަން ކުޑައެއް ނުވިއެވެ. 
އާސިޔާގެފާނާއި ބެހޭގޮތުން މާތް ނަބިއްޔާ މުޙައްމަދު (ﷺ) ވެސް ހަދީޘްފުޅު ކުރައްވާފައިވަނީ، އެކަމަނާއަކީ ސުވަރުގޭގައި އެންމެ މާތް 4 އަންހެން ބޭކަނަބަލުންގެ ތެރެއިން ހިމެނިވަޑައިގަންނަވާ އެކަކު ކަމުގައެވެ.
خط رسول الله صلى الله عليه وسلم في الأرض أربعة أخطط، ثم قال: تدرون ما هذا؟ قالوا: الله ورسوله أعلم. قال: أفضل نساء أهل الجنة خديجة بنت خويلد، وفاطمة بنت محمد، ومريم ابنة عمران، وآسية بنت مزاحم امرأة فرعون
he Messenger of Allah s.a.w. drew four lines on the ground, then he s.a.w. said, “Do you know what this is?” The Companions r.a. replied, “Allah and His Messenger know best.” He s.a.w. then said: “The best of the women of Paradise are Khadijah bint Khuwaylid, Fatimah bint Muhammad, Maryam bint ‘Imran and Asiya bint Muzahim, the wife of Pharaoh”
(Musnad Ahmad)
މިޙަދޘްފުޅުން އެނގެން އޮތް ގޮތުގައި ސުވަރުގޭގައި އެންމެ މާތްކަން ބޮޑު 4 އަންހެން ބޭކަނބަލުންނަކީ ޚަދީޖަތުގެފާނާއި ފާޠިމަތުގެފާނާއި މަރްޔަމްގެފާނާއި އާސިޔާއެވެ.  
އާސިޔާގެފާނުގެ ވާހަކަފުޅު މިސްރުން ފެށެނީ، ފިރުއައުނުގެ އަނބިކަނބަލަކަށް ވުމުގެ ހިސާބުންނެވެ. ފިރުއައުނަކީ އެޒަމާނުގައި ހުރި އެންމެ ނުފޫޒުގަދަ ވެރިޔާއެވެ. އޭނާ ބުނަމުން ދިޔައީ އޭނާއަކީ ކަލާނގެ ކަމުގައެވެ. އަދި އޭނާވަނީ އެތައް ފަހަރެއް މަތިން މާތް ﷲ އަށް ގޮންޖަހައިފައެވެ.  
ބަނީ އިސްރާއީލުގެ ދަރިފަސްކޮޅުން އުފަންވާ ފިރިހެން ދަރިއަކު ފިރުއައުނުގެ މަތިވެރިކަން އަތުލާނެކަމަށް، އޭނާ ގެންގުޅުނު ކާހިނަކު ލަފާ ދިނުމުން، ފިރުއައުނު އަމުރު ކުރީ ބަނީ އިސްރާއީލުގެ ދަރިފަސްކޮޅުގެ ތެރެއިން އުފަންވާ ހުރިހާ ފިރިހެން ދަރިން އުފަންވުމާއިއެކު ގަތުލު ކުރުމަށެވެ.
ކީރިތި ޤުރްއާނުގެ އާޔަތެއްގެ މާނައިގާ ވެއެވެ.
"އަދި ފިރްއައުނުގެ މީހުންގެ ކިބައިން ތިމަންރަސްކަލާނގެ ތިޔަބައިމީހުން ސަލާމަތް ކުރެއްވި ހިނދު، ހަނދުމަ ކުރާށެވެ! އެއުރެން، ތިޔަބައިމީހުންނަށް ގަދަފަދަ ވެގެންވާ ޢަޒާބުގެ ރަހަ ދައްކަމުން ގެންދެއެވެ. އެއުރެން ތިޔަބައިމީހުންގެ ފިރިހެން ދަރިިން ކަތިލާ، އަދި ތިޔަބައިމީހުންގެ އަންހެން ދަރިން ނުމަރާ ބެއިތިއްބިއެވެ. އެކަންތައްތަކުގައި، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟްރަތުން އައިސްފައިވާ ބޮޑު އިމްތިހާނެއްވެއެވެ." (ޤުރްއާން 2:49)
އެހެންކަމުން މޫސާ އަލައިޙިއްސަލާމް އުފަންވުމުން، ފިރުއައުނުގެ ސިފައިން އެކަލޭގެފާނު ގަތުލު ކުރައްވަވާފާނެތީ އެކަލޭގެފާނުގެ މައިކަމަނާ ނުހަނު ކަންބޮޑުވެލެއްވިއެވެ. ނަމަވެސް މާތް ﷲ އެކަމަނާއަށް ވަޙީ ކުރެއްވެވީ، އެކަލާނގެ މޫސާ އަލައިޙިއްސަލާމު ހެޔޮ ހާލުގައި އެކަމަނާއަށް އަނބުރާ ދެއްވާނެ ކަމަށާއި ވަށިގަނޑަކަށް އެކަލޭގެފާނު ލުމަށްފަހު ނީލަ ކޯރަށް އެވަށިގަނޑު ދޫކޮށްލުމަށެވެ. މޫސާގެފާނު އޮންނެވި ވަށިގަނޑު ނީލަކޯރުން ނެންގެވީ އާސިޔާގެފާނުގެ ބާނދީންނެވެ. އެކަމަނާއަށް އެކަލޭގެފާނު ފެނިވަޑައިގަތުމުން މައިވަންތަކަމުގެ ކުލުނު ޖެހި އެކަލޭގެފާނު ދެކެ އިންތިހާއަށް ލޯބިފުޅުވިއެވެ.  
މޫސާ އަލައިހިއްސަލާމްއަކީ ބަނީ އިސްރާއީލްގެ ދަރިފަސްކޮޅަށް ނިސްބަތްވާ ތުއްތު ދަރިކަލެއްކަން ފިރުއައުނަށް އެނގިވަޑައިގަތުމާއިއެކު، އެކަލޭގެފާނު ގަތުލު ކުރުމަށް އުޅުނެވެ. ނަމަވެސް އެކަލޭގެފާނު ދުނިޔޭގައި ބަހައްޓައި ދެއްވުމަށް އާސިޔާގެފާނު އާދެސް ދެންނެވުމުން، މާތް ﷲ ގެ އިރާދަފުޅާއެކު ފިރުއައުނު އެކަލޭގެފާނު ގަތުލު ނުކޮށް ދޫކޮށްލެއްވިއެވެ.
އެހެންކަމުން މޫސާ އަލައިހިއްސަލާމް ބޮޑުފުޅުވީ އާސިޔާގެފާނުގެ ހިމާޔަތާއި ރައްކާތެރިކަމުގެ ދަށުންނެވެ. އާސިޔާގެފާނު އިސްލާމްދީން ޤަބޫލުކޮށް މާތް ﷲ އަށް އަޅުކަން ކުރައްވަން ފެއްޓެވީ އެކަލޭގެފާނުގެ އެންމެ ތުއްޕުޅު ދުވަސްވަރުން ފެށިގެންނެވެ. ނަމަވެސް އެއިރު އެކަމަނާ މާތް ﷲ އަށް އަޅުކަން ކުރެއްވެވީ ސިއްރިއްޔާތުގައެވެ.
މޫސާގެފާނު ބޮޑުފުޅުވެ ރަސޫލުކަން ލިބިވަޑައިގަތުމުން އިސްލާމްދީނަށް ގޮވާލެއްވިއެވެ. ނަމަވެސް ފިރުއައުނުގެ އަނިޔާވެރިކަން ބަނީ އިސްރާއީލުންނަށް އެނގިފައިވުމުން، އެކަލޭގެފާނު ގޮވާލެއްވި ގޮވާލެއްވުން އަޑުއެއްސެވީ މަދު ބައެކެވެ. ގިނަ މީހުން ތިބީ ފިރުއައުނު ދެކެ ބިރުންނެވެ.
ފިރުއައުނު ބުނަމުން ދިޔައީ އޭނާއަކީ ކަލާނގެ ކަމަށެވެ. އޭނާ ދެކެ ބިރުން ތިބީ މީސްތަކުން، އޭނާ އެދެއްކި ވާހަކަތައް ޤަބޫލުކޮށް އޭނާއަށް ތަބާވިއެވެ.
މޫސާ އަލައިހިއްސަލާމް ގެ ބަސްފުޅު އާސިޔާގެފާނު އަބަދުވެސް ޤަބޫލުފުޅު ކުރެއްވެވިއެވެ. އެކަމަނާ އަކީ ވެސް މުސްލިމެއްކަން ފިރުއައުނަށް އެނގުމާއިއެކު، އޭނާގެ ޖައްބާރުކަމުން އާސިޔާގެފާނަށް ނުހަނު ގިނަގުނަ ދުއްތުރާތައްކޮށް އަނިޔާވެރިވިއެވެ.
އެކަމަނާ ބަރަޙަނާކޮށް ދެ އުރަމަތިން އެއްކޮޅުން އަނެއްކޮޅަށް ފޫދުއްވާ ހިލިހިލާ ޖަހާފައި، އެތައް ދުވަހެއް ވަންދެން އެކޮޅު ކޮޅުން އެލުވާފައި ބެހެއްޓިކަމަށްވެސް ބައެއް ލިޔުންތަކުން ފެނެއެވެ. ފިރުއައުނު ބުނަމުން ދިޔައީ އިސްލާމްދީނު ދޫކޮށްލައްވާ ފިރުއައުނަށް އަޅުކަން ކުރަން ފެށުމަށެވެ. ނަމަވެސް އެހުރިހާ ވޭންތަކެއް ތަޙައްމަލު ކުރައްވަމުން ވެސް ނުހަނު ކެތްތެރިކަމާއި އީމާންތެރިކަމާއިއެކު އެކަމަނާ ބުނަމުން ދިޔައީ، މާތް ﷲ އީ އަޅުކަން ކުރަން އެންމެ ޙައްޤުވެގެންވާ އިލާޙު ކަމަށާއި އެކަލާނގެ ފިޔަވާ އެހެން އެއްވެސް އިލާހަކު ނުވާކަމަށް އެކަމަނާ ހެކިވާ ކަމަށެވެ.
"އަދި ފިރްޢައުނުގެ އަނބިކަނބަލުންގެ ވާހަކައިން އީމާންވި މީހުންނަށް ﷲ މިސާލެއް ޖެއްސެވިއެވެ. (އެއީ) އެކަމަނާ ވިދާޅުވިހިނދުގައެވެ. އަޅުގެ ވެރިރަސްކަލާކޮ! ތިމަން އަޅާއަށް އިބަ ރަސްކަލާނގެ ޙަޟްރަތުގައި، ސުވަރުގޭގައި ގެއެއް ބިނާ ކޮށްދެއްވާފާނދޭވެ! އަދި ފިރުޢައުނު އާއި އޭނާގެ (ނުބައި) އަމަލުން މިއަޅާ ސަލާމަތް ކޮށްދެއްވާފާނދޭވެ! އަދި އަނިޔާވެރި ޤައުމުގެ މީހުން ކިބައިންވެސް މިއަޅާ ސަލާމަތް ކޮށްދެއްވާނދޭވެ!" (ޤުރްއާން 66:11)
އާސިޔާގެފާނަކީ ފިރުޢައުނު އަނބިކަނބަލުންނެވެ. އެކަމަނާ ބޭނުންފުޅުވިނަމަ ދުނިޔެމަތީގެ ހުރިހާ އުފަލަކާއި، އަރާމާއި ލައްޒަތެއް އެކަމަނާއަށް ލިބިލެއްވެއީހެވެ. ނަމަވެސް އެކަމަނާ އިޚްތިޔާރު ކުރެއްވެވީ ޙައްޤު ވެގެންވާ އުފަލެވެ. ދާއިމީ އުފަލެވެ. އެކަމަނާ އެދިލެއްވެވީ ސުވަރުގޭގައި އެކަމަނާއަށްޓަކައި ގެކޮޅެއް ބިނާކޮށްދެއްވުމަށެވެ. އެކަމަނާ އަވަހާރަވީ ފިރުޢައުނުގެ އެއަނިޔާތައް ލިބެމުން ދަނިކޮށެވެ. ނަމަވެސް ފުރިހަމަ ކެތްތެރި އަދި ނުހަނު އީމާންތެރި މުސްލިމެއްގެ ގޮތުގައެވެ.
 
 
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ