އޭއެފްސީ އޭޝިއަންކަޕް ކޮލިފައިންގެ ފަހު މެޗަށް ޓިމޯ ލެސްޓޭއާއި ދެކޮޅަށް، ދިވެހިރާއްޖެ ނިކުންނައިރު ގިނަބަޔަކަށް މި މެޗު ޙާއްސަ ވަނީ ކުރީގެ ތަރިން އަލުން ޤައުމީ ޖަރޒީގައި ގަލޮޅު ދަނޑަށް އެނބުރި އަންނާތީއެވެ.
އެގޮތުން ސަރަހައްދީ ފުޓްބޯޅައިގައި ގިނަ ކާމިޔާބީތައް ރާއްޖެއަށް ހޯދައިދިން، އަދި ދިވެހި ތާރީޙް ދުށް އެންމެ މޮޅު ކުޅުންތެރިއާ، އަލީ އަޝްފާގް (ދަގަނޑޭ) އަލުން ޤައުމީ ޓީމުގައި ހިމަނާފައިވުމަކީ މިމެޗުގެ އިތުރަށް ޙާއްސަވެގެންދާ އެންމެ މުހިއްމު އެއް ސަބަބެވެ.
ޓިމޯ ލެސްޓޭއާއި ދެކޮޅަށް ކުޅޭ މެޗު އޮންނާނީ މިމަހުގެ 31 ވާ އަންގާރަ ދުވަހު ހަވީރު ގަލޮޅު ރަސްމީ ބޯޅަ ދަނޑުގައެވެ. ޤައުމީ ޓީމުގެ ހެޑް ކޯޗަކީ އިސްތަވާން އުރުބާނީއެވެ. އުރުބަނީ ވަނީ ތަޖުރިބާކާރު ގިނަ ކުޅުންތެރިންތަކެއް ހިމަނައިގެން ޓިމޯ ލެސްޓޭ މެޗަށް ޓީމު އެކުލަވާލާފައެވެ.
އެގޮތުން ޕްރިލިމިނަރީ ސްކޮޑުގައި މަނާފައިވާ ތަޖުރިބާކާރު ކުޅުންތެރިންގެ ތެރޭގައި، ކުރިން ޤައުމީ ޓީމަށް ކުޅުނު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބުގެ އަމްދާން އަލީ، އޮޑި ސްޕޯޓްސް ކުލަބުގެ އިބްރާހިމް ވަހީދު (އިއްބެ) ހިމެނެއެވެ. މީގެ އިތުރުން އޮޑީގެ ކީޕަރު މުހައްމަދު ޝަފީއު އާއި އަލީ ސާމިސް ހިމެނެއެވެ.
އަދި ފުޓްސަލް ތަރި، ކުލަބު އީގަލްސްގެ އަލީ ހާފިޒު (ހާއްޕެ) ވެސް މި ސްކޮޑްގައިވަނީ ހިމަނާފައެވެ. މީގެ އިތުރުން ބުރު ސްޕޯޓްސް ކުލަބުގެ އަހުމަދު އަބުދުﷲ (ލިލީ)، ކުލަބު އީގަލްސްގެ މުހައްމަދު އަޝްވާން، ވަނީ ހިމަނާފައެވެ. އަދި ނިއުރޭޑިއަންޓުގެ މުހައްމަދު ނިޒާމްވެސް ވަނީ ސްކޮޑްގައި ހިމަނާފައެވެ.
މިއީ ގިނަ ދުވަސްތަކަކަށް ފަހު ގިނަ ކުލަބުތަކެއް ހިމެނޭހެން ގައުމީ ސްކޮޑް އެކުލަވާލި ފުރަތަމަ ފަހަރެވެ. އެގޮތުން ޓިމޯ ލެސްޓޭ މެޗަށް އެކުލަވާލި ޕްރިލިމިނަރީ ސްކޮޑްގައި ހިމެނެނީ ބުރުގެ 2 ކުޅުންތެރިންނާއި، އީގަލްސްގެ 3 ކުޅުންތެރިން، މާޒިޔާގެ 8 ކުޅުންތެރިން، ނިއުރޭޑިއަންޓުގެ 5 ކުޅުންތެރިން، އޮޑީގެ 5 ކުޅުންތެރިން އަދި ވިކްޓްރީގެ 3 ކުޅުންތެރިންނެވެ.
ޓީމާ ލެސްޓޭ މެޗުގައި ރާއްޖޭގެ އެސިސްޓެން ކޯޗުގެ ދައުރު އަދާކުރާނީ އަލީ ސުޒެއިރެވެ. ކޯޗު ބުނީ މިމަހު 14 އިން ފެށިގެން ފަރިތަކުރުންތައް ކުރިޔަށް ގެންދާ ކަމަށެވެ. އޭނާ ބުނީ ހިނގަމުން މިދާ ސީޒަނުގައި ނިމިގެން ދިޔަ މުބާރާތްތަކުގައި ކުޅެފައިވާތީ ޓިމޯ ލެސްޓޭ މެޗަށް ކުޅުންތެރިން ތިބީ ފިޓްކޮށް ކަމަށެވެ.
"ރަނގަޅުވާނެތާ، ލީގާއި ޕްރެސިޑެންޓް ކަޕުވެސް ކުޅެފައިވީމަ ފިޓްނެސްގެ މައްސަލައެއް ދިމާ ނުވާނެ އަސްލު" ޓީމުގެ އެސިސްޓެންޓް ކޯޗު ބުންޏެވެ.
އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ ޓިމޯ ލެސްޓޭ އާއި ދެކޮޅަށް ކުޅުނު އަވޭ މެޗު ކުޅެފައިވަނީ މިދިޔަ އަހަރު ޖޫން 10 ގައި އޮސްޓްރޭލިއާގައެވެ. އެމެޗުން ޓިމޯ ލެސްޓޭ ވަނީ 2-0 ން މޮޅުވެފައެވެ.
ފުޓުބޯޅައަށް ލޯބި ކުރާ ގިނަބަޔަކު އިންތިޒާރުކުރަމުންދާ މި މެޗަށް ރާއްޖޭގެ ޤައުމީ ޓީމު ފަރިތަކުރަމުން އަންނަނީ ހެންވޭރު ބޯޅަ ދަނޑުގައެވެ.
އަޝްފާގު އެންމެ ފަހުން ޤައުމީ ޓީމަށް ކުޅުނީ 2023 ގައެވެ. އޭނާ ޤައުމީ ޖާޒީގައި އަލުން ފެނުމަކީ ގިނަބަޔަކު އުންމީދުކުރާ ކަމެއް ކަމަށް އަޝްފާގް މިހާރު ކުޅެމުން އަންނަ ކުލަބު ނިއުރޭޑިއަންޓުންވެސް ވަނީ ބުނެފައެވެ.
ޤައުމީ ޖަރޒީ ބޭލި ކުޅުންތެރިން، ޓިމޯ ލެސްޓޭ މެޗަށް އެނބުރި ދަނޑަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ