ދުނިޔޭގައި ހުންނެވި ނަމަ، އުމަރު ޒާހިރު ރޭ ހުންނަވާނީ މަގުމަތީގައި: މައުމޫން

އަލްމަރްހޫމް އުމަރު ޒާހިރު ދުނިޔޭގައި ހުންނެވި ނަމަ ރޭ އުމަރު ޒާހިރު ހުންނަވާނީ މަގުމަތީގައި މާލޭގެ ހާލަތު ބެއްލެވުމަށް ކަމަށް، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ސަރުކާރަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރެއްވި އުމަރު ޒާހިރުގެ ހަނދާނުގައި "މައުމޫން ފައުންޑޭޝަން"ގެ ފަރާތުން ތައްޔާރުކުރި ފޮތް ނެރެދެއްވުމަށް ރޭ ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން މައުމޫން ވިދާޅުވީ، އުމަރު ޒާހިރު ދުނިޔޭގައި ހުންނެވި ނަމަ، ހުންނަވާނީ 24 ގަޑިއިރު ގައުމަށް ހިދުމަތްކުރެއްވުމުގައި ކަމަށެވެ.
މައުމޫން ވިދާޅުވީ، އުމަރު ޒާހިރުގެ ސިފަފުޅުތައް އެނގިވަޑައިގަތުމުން، ނޮވެމްބަރު 11 ގައި ރައީސް ކަމުގެ ހުވާ ކުރެއްވިތާ ތިންވަނަ އަށް ވީ ދުވަހު އުމަރު ޒާހިރު ރައީސް އޮފީހަށް ހާޒިރުކުރައްވައި، އެ އިދާރާގެ ހާއްސަ ވަކީލުކަމުގެ މަގާމަށް އައްޔަނު ކުރެއްވި ކަމަށެވެ. އޭގެ ފަހުން މާލޭގައި އޭރު ހިންގި ހޮސްޕިޓަލް ރަނގަޅުކުރުމަށް އުމަރު ޒާހިރާ ހަވާލުކުރެއްވި ކަމަށާއި، އެ ކަން ވެސް ކުރެއްވީ ވަރަށް ރަނގަޅަށް ކަމަށް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި، އުމަރު ޒާހިރުގެ ނަމޫނާ އިން ފިލާވަޅު ލިބިގަނެ، ގައުމުގެ ޒުވާނުންނަށާއި އަންނަން ހުރި ޖީލުތަކަށް އެ ވާހަކަތައް ފޯރުކޮށްދިނުމުގެ ސަބަބުން ގައުމަށް ފައިދާ ކުރާނެއެވެ.
50 ގެ އަހަރުތަކުން ފެށިގެން ގައުމަށް ހިދުމަތް ކޮށްދެއްވި އުމަރު ޒާހިރު އަވަހާރަވެފައި ވަނީ، މިދިޔަ ޑިސެމްބަރު މަހުގެ 20 ގައި، ދަރުމަވަންތަ ހޮސްޕިޓަލުގައި ކޮވިޑަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.
އުމަރު ޒާހިރު ވަނީ މަޖީދިއްޔާގެ ހެޑްމާސްޓަރު ކަމާއި ރޭޑިއޯ މޯލްޑިވްސްގެ ވެރިޔާގެ މަގާމާއި، އެޑިއުކޭޝަން މިނިސްޓްރީގެ ނައިބުގެ މަގާމާއި، ހޯމް މިނިސްޓްރީގެ ނައިބު ކަމުގެ މަގާމު ފުރުއްވައިފައެވެ. އަދި 1983 އިން 1988 އަށް ހޯމް މިނިސްޓަރު ކަމުގެ މަގާމާއި، އެއަށްފަހު 1993 ވަނަ އަހަރާ ހަމައަށް ހޯމް އެފެއާޒް އެންޑް ސްޕޯޓްސް މިނިސްޓަރު ކަމުގެ މަގާމު ވެސް ފުރުއްވައިފައެވެ.
އުމަރު ޒާހިރާ ގުޅޭ ގޮތުން މައުމޫން ފައުންޑޭޝަނުން ތައްޔާރުކުރި ފޮތް ލިޔުއްވީ ވަނީ ނޫސްވެރިޔާ މުހައްމަދު ޖަމީލެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ