އދ.ގެ އާއްމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ ދައުރު ހަމަވެއްޖެ

އދ.ގެ އާއްމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރައީސް އަބްދުﷲ ޝާހިދުގެ ދައުރު ނިންމަވާލައްވައިފިއެވެ.
193 ޤައުމުގެ މައްޗަށް އެކުލެވޭ އދ.ގެ އާއްމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރިޔާސަތަށް އަބްދުﷲ ޝާހިދު އިންތިޚާބުވެވަޑައިގެންނެވީ، 2021 ވަނަ އަހަރުގެ ޖޫން މަހުގެ 7 ވަނަ ދުވަހު ބޭއްވި އާއްމު މަޖިލީހުގެ އިންތިޚާބުގައި 143 ޤައުމެއްގެ ތާއީދާއެކު، 75 އިންސައްތަ ވޯޓުގެ ބޮޑު އަޣުލަބިއްޔަތަކުންނެވެ. މިއީ އދ.ގެ އާއްމު މަޖިލީހުގެ ރިޔާސަތަށް ދިވެހިރާއްޖޭގެ ފަރާތުން ވާދަކުރި ފުރަތަމަ ފަހަރެވެ.
އދ.ގެ އާއްމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ ރިޔާސަތު ބިނާކުރައްވާފައިވަނީ މައިގަނޑު ފަސް ކަމެއްގެ މައްޗަށެވެ. އެއީ މިންތީގެ ހަމަހަމަކަން ގާއިމްކުރައްވައި، އަންހެނުންގެ ކުރިއެރުމަށާއި ޒުވާނުން ބާރުވެރިކުރެއްވުމަށް ހާއްސަ އިސްކަމެއް ދެއްވެވި އެވެ. އެގޮތުން އދގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް އަންހެން ބޭފުޅަކު އިންތިޚާބު ކުރެއްވުމަށް ބާރުއަޅުއްވައި، މިންތީގެ ހަމަހަމަކަން ގާއިމްކޮށް، އަންހެނުން ބާރުވެރިކުރުވުމުގެ މަސައްކަތްޕުޅަށް ޚާއްސަ އެޑްވައިޒަރެއް ހަމަޖައްސަވާފައިވެއެވެ.
މީގެ އިތުރުން ޝާހިދުގެ ރިޔާސަތުގައި ރާއްޖޭގެ ޚާރިޖީ ދާއިރާ އައު އުސްމިންތަކަކަށް ގެންދިއުން މުހިންމު މަސައްކަތްޕުޅުތަކެއް ކުރެއްވިއެވެ.
ޝާހިދުގެ ރިޔާސަތުގައި އދ.ގެ އާއްމު މަޖިލީހުން ވަނީ ޖުމްލަ 307 ޤަރާރަކާއި 140 ނިންމެވުމެއް ނިންމަވާފަ އެވެ. އދ.ގެ އާއްމު މަޖިލީހުގެ ރިޔާސަތުގައި އަބްދުﷲ ޝާހިދު ހޭދަކުރެއްވި އެއް އަހަރުގެ ދައުރުގައި 600 އަށްވުރެ ގިނަ ބައްދަލުވުން ބާއްވަވާފައިވެއެވެ.
އަބްދުﷲ ޝާހިދަކީ ރާއްޖޭގައި މިވަގުތު ހުންނެވި ޚާރިޖީ ދާއިރާގެ އެންމެ ތަޖުރިބާކާރު ޑިޕްލޮމެޓެވެ. ރާއްޖޭގެ ޚާރިޖީ ވަޒީރުގެ މަޤާމު ދެވަނަ ފަހަރަށް އަދާކުރައްވަމުން ގެންދަވާ ޝާހިދު ޚާރިޖީ ދާއިރާ އަށް ނިކުންނެވީ 1983 ވަނަ އަހަރު ފޮރިން ސަރވިސް އޮފިސަރެއްގެ ގޮތުގައެވެ. ރާއްޖޭގެ ޑިޕްލޮމެޓެއްގެ ގޮތުގައި 1987 ވަނަ އަހަރުން ފެށިގެން 1994 ވަނަ އަހަރުގެ ނިޔަލަށް ބޭއްވި އދ.ގެ އާއްމު މަޖިލީހުގެ ހުރިހާ ބައްދަލުވުމެއްގައި ޝާހިދު ބައިވެރިވެވަޑައިގެން ކުދި ޖަޒީރާ ޤައުމުތަކުގެ ސަލާމަތާއި ރައްކާތެރިކަން އދ.ގެ ސަމާލުކަމަށް ގެންނެވުމަށް މުހިންމު މަސައްކަތްތަކެއް ކުރެއްވި އެވެ.
މީގެއިތުރުން 1992 ވަނަ އަހަރު ބްރެޒިލްގެ ރިއޯ ޑި ޖެނެއިރޯގައި ބޭއްވި އާރތު ސަމިޓްގައި ނެގޯޝިއޭޓަރެއްގެ ގޮތުގައި އަދި 1993 ވަނަ އަހަރު އޮސްޓްރިއާގެ ވިއެނާގައި ބޭއްވި ވޯރލްޑް ކޮންފަރެންސް އޮން ހިއުމަން ރައިޓްސްގައި މުހިންމު މަސައްކަތްތަކެއް ކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ