ކޮރެއާ ބަލިކޮށް ފުޓުބޯޅައިގެ ރަސްގެފާނު ބްރެޒިލް ކުއާޓާ ފައިނަލަށް

ފީފާ ވޯލްޑް ކަޕް 2022 ގެ ރައުންޑް އޮފް 16 ގައި ސައުތު ކޮރެއާގެ މައްޗަށް ހޯދި ބޮޑު މޮޅާއެކު، ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިސްބަތްކުރެވޭ އަދި މި މުބާރާތް އެންމެ ގިނަފަހަރު ކާމިޔާބު ކޮށްފައިވާ ބްރެޒިލްއިން މި ފަހަރުގެ މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގަ ކަށަވަރު ކޮށްފިއެވެ. ސްޓޭޑިއަމް 974 ގައި ކުޅޭ ފަހު މެޗުގައި, ޖުމްލަ ފަސް ފަހަރަށް މި މުބާރާތް ކާމިޔާބު ކޮށްފައިވާ ބްރެޒިލްއިން ސައުތު ކޮރެއާގެ މައްޗަށް ކުރި ހޯދީ، 1-4 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ ފުރަތަމަ ކަށިގަނޑާއެކުވެސް އެޓޭކިންގް މޮޅު ގޭމެއް ކުޅެމުންދިޔަ ބްރެޒިލްއަށް، މި މެޗުގައި އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ ޓީމުގެ ތަރި، ނޭމާ ޖޫނިއާ އަނިޔާއިން ރަނގަޅުވެ, މިއަދުގެ މެޗުގައި ކުޅުމެވެ. މުބާރާތުގައި ބްރެޒިލްގެ ފުރަތަމަ މެޗުގައި ސާބިއާއާ ދެކޮޅަށް ކުޅެ ބްރެޒިލް މޮޅުވި މެޗުގައި ލިބުނު އަނިޔާއަކާއި ގުޅިގެން ނޭމާއަށް، ގްރޫޕް ސްޓޭޖުގެ ބާކީ ދެ މެޗުގައި ކުޅެވޭގޮތެއް ނުވިއެވެ. ބްރެޒިލްއާއި ކޮރެއާ ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ/ގެޓީ އިމޭޖަސް ނޭމާއާއެކު ރަނގަޅު ފޯމެއްގައި އޮވެ ބްރެޒިލްއިން މި މެޗު ފެށިއިރު، އެޓީމުން ޖެހި ހަތަރު ލަނޑުވެސް ކާމިޔާބު ކުރީ ފުރަތަމަ ހާފުގައެވެ. އެގޮތުން ބްރެޒިލްގެ ފުރަތަމަ ލަނޑު މެޗުގެ ހަތްވަނަ މިނެޓުގައި ކާމިޔާބު ކޮށްދީ ލީޑު ނަގައިދިނީ ޒުވާން ތަރި، ވިނީޝިއަސް ޖޫނިއާ އެވެ. މިއީ އޭނާ ބްރެޒިލްގެ ޖާޒީގައި ޖެހި ދެވަނަ ލަނޑެވެ. ބްރެޒިލްއާއި ކޮރެއާ ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ/ގެޓީ އިމޭޖަސް ވިނީޝިއަސްގެ ލަނޑަށް ހަ މިނެޓުވިތަނާ ބްރެޒިލްއިން ވަނީ ދެވަނަ ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. އޭރިއާ ތެރެއިން ބްރެޒިލްގެ ރިޗާލިސަންއަށް ކޮރެއާގެ ކުޅުންތެރިއަކު ކުރި ފައުލަކާ ގުޅިގެން ރެފްރީ ދިން ޕެނަލްޓީއަކުން މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އަނިޔާއިން އެނބުރިއައި ބްރެޒިލްގެ ތަރި ނޭމާއެވެ. ނޭމާ އެންމެފަހުން ބްރެޒިލްގެ ޖާޒީގައި ޖެހި ހަ ލަނޑަކީވެސް ޕެނަލްޓީއިން އޭނާ ކާމިޔާބުކުރި ލަނޑުތަކެކެވެ. މީގެއިތުރުން، ފުޓުބޯޅައިގެ ތާރީޚުގައި، ބްރެޒިލްގެ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާގެ ރެކޯޑު ހަދާފައިވާ ބްރެޒިލްގެ ލެޖެންޑް، ޕެލޭގެ ލަނޑު ރެކޯޑާ އަރާ ހަމަކުރަން މިހާރު ނޭމާއަށް ބޭނުންވަނީ އެންމެ ލަނޑެކެވެ. ނޭމާ ވަނީ ޖުމްލަ 76 ލަނޑު ޖަހާފައެވެ. ބްރެޒިލްގެ ތިންވަނަ ލަނޑަކީ، ރިޗާލިސަންގެ އިންޑިވިޖުއަލް މޮޅު ކުޅުމަކަށްފަހު އޭނާ ތިއާގޯ ސިލްވާއަށް ޖައްސާލި ބޯޅައެއް، އޭރިއާ ތެެރެއަށް މުޅިން ހުސްކޮށްލާފައި ތިއާގޯ ޖައްސާލުމުން، އެ ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައިގެން ރިޗާލިސަން ޖެހި ހިތްގައިމު ލަނޑެކެވެ. ބްރެޒިލްއާއި ސައުތު ކޮރެއާ ބައްދަލުކުރި މެޗުގެ ތެރެއިން --ފޮޓޯ/ގެޓީ އިމޭޖަސް މެޗުގައި ބްރެޒިލްއިން ޖެހި ފަހު ލަނޑު އަދި އެޓީމުގެ ހަތަރުވަނަ ލަނޑު 36 ވަނަ މިނެޓުގައި ޖަހައިދިނީ ލޫކަސް ޕަކޭޓާއެވެ. މިއީ ވިނީޝިއަސް ޖޫނިއާ ދިން ޕާހަކުން ޕަކޭޓާ ޖެހި ލަނޑެކެވެ. ޕަކޭޓާގެ މި ލަނޑާއެކު ބްރެޒިލްއިން ފުރަތަމަ ހާފުގައި ހަތަރު ލަނޑު ޖެހިއިރު، މިއީ ވޯލްޑް ކަޕުގެ ތާރީޚުގައިވެސް ބްރެޒިލްއިން މެޗެއްގެ ފުރަތަމަ ހާފުގައި ހަތަރު ލަނޑު ޖެހި ދެވަނަ ފަހަރެވެ. މީގެކުރިން 1954 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ބްރެޒިލްއިން ވަނީ މެކްސިކޯއާ ދެކޮޅަށް ކުޅުނު މެޗެއްގެ ފުރަތަމަ ހާފުގައި ހަތަރު ލަނޑު ޖަހާފައެވެ. ބްރެޒިލްއާއި ސައުތު ކޮރެއާ ބައްދަލުކުރި މެޗުގެ ތެރެއިން --ފޮޓޯ/ގެޓީ އިމޭޖަސް އަދި މިއީ 2014 ވަނަ އަހަރަށްފަހު، ވޯލްޑް ކަޕުގެ ނޮކްއައުޓް ސްޓޭޖުގައި ކުޅުނު މެޗެއްގެ ފުރަތަމަ ހާފުގައި ޓީމަކުން ހަތަރު ލަނޑު ޖެހި ފުރަތަމަ ފަހަރެވެ. 2014 ވަނަ އަހަރު މި ޝަރަފު ހޯދީ ޖަރުމަނު ޓީމެވެ. އެއީ އެފަހަރުގެ ވޯލްޑް ކަޕުގެ ސެމީ ފައިނަލުގައި ބްރެޒިލްއާ ދެކޮޅަށް ކުޅެއެވެ. މި ނަތީޖާއާއެކު ބްރެޒިލްއިން ފުރަތަމަ ހާފު ނިންމާލިއިރު، ދެވަނަ ހާފުގައި ސައުތު ކޮރެއާގެ ކުޅުންތެރިން ވަނީ ކުޅުން ރަނގަޅުކޮށް، ނުރައްކާތެރި ހަމަލާތަކެއް އުފައްދާފައެވެ. އެގޮތުން 68 ވަނަ މިނެޓުގައި ބްރެޒިލްގެ އޭރިއާ ތެރެއިން ކޮރެއާގެ ދެ ކުޅުންތެރިއަކު ވެގެން ނުރައްކާތެރި ދެ ހަމަލާއެއް ފޮނުވާލާފައިވެއެވެ. އެގޮތުން ފޮނުވާލި ފުރަތަމަ ހަމަލާ ވަރަށް ހުސިޔާރުކަމާއެކު ބްރެޒިލްގެ ކީޕަރު އެލިސަން ބެކާ ދިފާއުކުރިއިރު، ދެވަނަ ފަހަރަށް ކޮރެއާގެ ކެޕްޓަން ސޮން ހިއުންގް މިން ފޮނުވާލަން މަސައްކަތްކުރި ހަމަލާއަށް، ބްރެޒިލްގެ ޑިފެންޑަރު މާކީނިއޯސް ވަނީ ވަރަށް ރަނގަޅަށް ހުރަސް އަޅާފައެވެ. އަދި އޭގެފަހުންވެސް ކޮރެއާގެ ކުޅުންތެރިން ރަނގަޅު އެޓޭކުތަކެއް ކުރިއިރު، ލަނޑެއް ޖަހަން ކުރި މަސައްކަތުގައި އެޓީމަށް ކާމިޔާބީއެއް ލިބުނީ 76 ވަނަ މިނެޓުގައެވެ. މިއީ ލިބުނު ހިލޭ ޖެހުމަކުން ތަނަވަސްކުރި ފުރުސަތެއް ދިފާއުކޮށް، ބްރެޒިލްގެ ޑިފެންސްލައިނުން ފޮނުވާލި ބޯޅަ ހޯދުމަށްފަހު އޭރިއާ ބޭރުގައި ހުރެފައި ޕައިކް ސެއަންގް ހޯ ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ތެރެއަށް ވައްދާލައިގެން އެޓީމުން ކާމިޔާބު ކުރި ލަނޑެކެވެ. ބްރެޒިލްއާއި ސައުތު ކޮރެއާ ބައްދަލުކުރި މެޗުގެ ތެރެއިން --ފޮޓޯ/ގެޓީ އިމޭޖަސް މި ނަތީޖާއާއިއެކު ބްރެޒިލްއިން ކުއާޓާ ފައިނަލަށް ދަތުރުކުރިއިރު، އެޓީމާ ދެކޮޅަށް ކުއާޓާގައި ކުޅޭނީ ޖަޕާންގެ މައްޗަށް ޕެނަލްޓީގައި ކުރިހޯދި ކްރޮއޭޝިއާއާ ދެކޮޅަށެވެ. މިއީ ބްރެޒިލްއިން ވޯލްޑް ކަޕުގެ ކުއާޓާ ފައިނަލުގައި ކުޅޭނެ 18 ވަނަ ފަހަރެވެ. މި މެޗުން ކޮރެއާ ބަލިވެ މުބާރާތުން ކެޓުމާއިއެކު، މުބާރާތުގައި ކުޅުނު އޭޝިއަން ފުޓްބޯލް ކޮންފެޑަރޭޝަނުގެ ހުރިހާ ޓީމެއްވެސް މިވަނީ މުބާރާތުން ކަޓާފައެވެ. މުބާރާތުގެ ރައުންޑް އޮފް 16 ގައި އޭއެފްސީގެ ތިން ޓީމެއް ވަނީ ކުޅެފައެވެ. އެއީ އޮސްޓްރޭލިއާއާއި ޖަޕާނުގެ އިތުރުން ކޮރެއާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ