މުސްލިމުންނަށް އޮތީ ހެކި ނެތް ވާހަކަ ނުދެއްކުން: ޝެއިހު އަލީ ޒައިދު

މުސްލިމުންނަށް އޮތީ، ހެކި ނެތް ވާހަކަ ނުދެއްކުން ކަމަށް ޝެއިހު އަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ޝެއިހު ޒައިދު މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ އިސްތަށިފުޅުގައި ތުހުމަތުތަކެއް އަޅުވައި، ބައެއް މީޑިއާތަކުން ފަތުރަމުންދާ ވާހަކަތަކާ ގުޅިގެންނެވެ.
ޒައިދު ވިދާޅުވީ، ފާހިޝް ކަންކަމުގެ ވާހަކަތައް، އެއްވެސް ހެއްކެއް ނެތި ފެތުރުމަކީ ފާފައެއް ކަމުގައެވެ. އަދި މީހަކު އަމިއްލަ ނަފްސުގެ މައްޗަށް ފާހިޝް ކަމެެއް ސާބިތު ކުރާނަމަ، އެއީ ދޮގެއް ކަމުގައި ވިޔަސް، އެފަދަ މީހެއްގެ މައްޗަށް ފިޔަވަޅު އެޅިދާނެ ކަމަށް ޝެއިހު ވިދާޅުވިއެވެ.
”އެއީ އެފަދަ އިންސާނަކީ ބުއްދި ސަލާމަތުން ހުރި މީހެއް ކަމުގައިވާނަމަ! ހެއްކެއް ނެތި، ހަމައެކަނި މީހަކު އައިސް އޭނާގެ އަމިއްލަ ނަފްސުގެ މައްޗަސް ވާ އިގުރާރަކުން އަނެކާ އިޖްރާމް ނުކުރެވޭނެ.“ ޝެއިހު ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، އަނެކާ ކަތިލުމަށްޓަކައި އަމިއްލަ ނަފްސަށް އިގްރާރު ވުން ފަދަ ކަންކަމަކީ، ގިނަ ފަހަރަށް، ފައިސާ އަދި ސިޔާސީ ފައިދާއަށްޓަކައި ބައެއް މީހުން ކޮށް އުޅޭ ކަންކަން ކަމުގައެވެ.
ޝެއިހު ޒައިދު މިފަދައިން ވިދާޅުވީއިރު، ކްރިމިނަލް ކޯޓުން ވަނީ، ރައީސްގެ މައްޗަށް ތުހުމަތުތަކެއްކޮށް، އަދަދު ނޫހުން ހެދި ”އައިޝާ“ ޑޮކިއުމެންޓްރީގައި ދައްކާފައިވާ އެއްވެސް ވާހަކައެއް އާއްމުނުކުރުމަށް ރޭ އަމުރެއް ނެރެފައެވެ.
މި އަމުރަކީ އާންމުންނަށް ނެރެފައިވާ އަމުރެކެވެ.
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ