ހަސަން ލަތީފް ގާޒީ ހައިލަމްއަށް: ނުފޫޒް ފޯރުވި ކަމަށް ވާނަމަ މައްސަލަ ހުށަހަޅުއްވާ!

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ޝަރީއަތަށް ނުފޫޒު ފޯރުވި ކަމަށް ބުނާ ފަރާތްތަކުގެ ނަންތައް ހާމަކުރެއްވުމަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް އަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ގޮވާލައްވައިފިއެވެ.
މެމްބަރު ހަސަން މިކަމަށް ގޮވާލާފައިމިވަނީ ޔާމީނު ޖަލަށްލުމަށް ހުކުމް އިއްވާނެ ކަމުގެ ކަށަވަރުކަން ދިނުމަށް ސަރުކާރުގެ އިސް މަގާމުތަކުގައި ތިބި ފަރާތްތަކުން އެދުނު ކަމަށް ހައިލަމް ރޭ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވާތިއެވެ.
އެގޮތުން ހަސަން ވިދާޅުވީ ގާޒީ ހައިލަމް ސަރުކާރުގެ ހުރިހާ ބޭފުޅުންގެ އިސްތަށިފުޅުގައި އެފަދަ އިލްޒާމުތައް ނާޅުއްވާ، ނުފޫޒު ފޯރުވި ފަރާތްތަކުގެ ނަންތައް ހާމަކުރެއްވުމަށް އެދޭ ކަމަށެވެ. އަދި އޭގެ އިތުރުން އެ މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުއްވުމަށް ވެސް ހަސަން ވަނީ ގާޒީ ހައިލަމަށް ގޮވާލާފައެވެ.
https://twitter.com/HassanLatheef/status/1192736029142179841?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1192736029142179841&ref_url=https%3A%2F%2Fwww.addulive.com%2F167365
ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ މައްސަލަ ބައްލަވާ ގާޒީ އަކީ ހައިލަމް ކަމަށްވާއިރު، އެ މައްސަލައިގެ ހުކުމް އިއްވަން ހަމަޖެހިފައި އޮތް ދުވަހު ޖުޑީޝަލް ސާވިސް ކޮމިޝަނުން (ޖޭއެސްސީ) އިން ވަނީ ހައިލަމް ސަސްޕެންޑުކޮށްފައެވެ. އެއާއެކު އެ ދުވަހު ބާއްވަން ހަމަޖެއްސި ޔާމީންގެ ޝަރީއަތް ވެސް ވަނީ ކެންސަލްކޮށްފައެވެ.
ގާޒީ ހައިލަމް ބުރާސްފަތި ދުވަހުގެ ރޭ ނެރުއްވި ބަޔާނުގައި ވިދާޅުވެފައި ވަނީ ރައީސް ޔާމީންގެ މައްޗަށް ޖަލު ހުކުމެއް އިއްވާނެ ކަމުގެ ޔަޤީންކަން ހޯދަން ސަރުކާރުގެ އެކި މަޤާމުތަކުގައި ތިބި އިސް ބޭފުޅުން ގުޅާ އަދި މެސެޖް ކުރިކަމަށާއި އޭނާ ސަސްޕެންޑުކުރީ އެކަމަށް އެއްބަސް ނުވުމުންކަމަށެވެ. އެގޮތުން އެކަން މިހާރު ކްރިމިނަލް ކޯޓުގެ ހިންގުމާއި ހަވާލުވެ ވަޑައިގެން ހުންނެވި ގާޒީ އަލީ ރަޝީދުއަށް ވެސް އެނގިވަދައިގަންނަވާނެ ކަމަށާއި ގާޒީ އަލީ ރަޝީދު ވެސް ސައްޕެންޑްވާން ބޭނުންފުޅު ނުވާނަމަ ޖެހިވަދައިގަންނަވާނީ ރައީސް ޔާމީންގެ މައްޗަށް ޖަލު ހުކުމް އިއްވަން ކަމަށް ހައިލަމް ވަނީ ވިދާޅުވެފައެވެ. 
ހައިލަމް ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވަނީ، ސަރުކާރުގެ އިސް މަގާމުތައް ފުރުއްވަމުން ގެންދަވާ ބޭފުޅުން ސީދާ ގޮތުން މެސެޖްކޮށްގެންނާއި ގުޅައިގެން އަދި ހައިލަމް ދަންނަ މީހުން މެދުވެރިކޮށްގެން ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމު ޖަލަށްލުމަށް ހުކުމްކުރާނެކަމުގެ ކަށަވަރުކަން ދިނުމަށް އެދިފައިވާ ކަމަށެވެ.
އެގޮތަށް ކަށަވަރުކަން ނުދެވޭނެކަމަށް ބުނުމުން، އަލްހާން ފަހުމީއާއި މެދު ހިނގާފައިވާ ޓްރާންސެކްޝަން މައްސަލަ ޕޮލިހުގައި އެބަ އޮތްކަމަށާއި، ޙުކުމްގެ ކަށަވަރުކަން ނުލިބޭނަމަ އެ މައްސަލަ ބެލޭނެ ކަމުގެ އިންޒާރުވެސް ދީފައިވާކަމަށް ހައިލަމް ވިދާޅުވިއެވެ. އަދި ސަސްޕެންޑު ކުރާނެ ކަމުގެ އިންޒާރުވެސް ދީފައިވާކަމަށާއި، މިކަން ހިނގާދިޔަކަން ކްރިމިނަލް ކޯޓު ވަގުތީ ގޮތުން ހިންގެވުމާއި ހަވާލުވެ ހުންނެވި، ގާޟީއަށްވެސް އެނގިލައްވާނޭކަމަށް ހައިލަމްގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.
ހައިލަމްގެ ބަޔާނުގައި ވަނީ ގިނަކަންކަން ފާހަގަކޮށްފައެވެ. އެގޮތުން، އޭނާގެ އަބުރު ކަތިލުމަށް ކުރަމުންދާ މަސައްކަތަކީ ސީދާ ރައީސް ޔާމީންގެ މަނީލޯންޑަރިންއާއި ގުޅިގެންކަން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން، 6 ނޮވެމްބަރު 2019ވަނަ ދުވަހު ޖޭއެސްސީން ހައިލަމްގެ އިތުރު މައްސަލައެއް ބަލަން ނިންމާފައިވާއިރު، އެ މައްސަލަ އަކީވެސް އޭނާއަށް ގުޅައިގެން އަދި މެސެޖްކޮށްގެން ވާހަކަ ދެއްވި މީހުން ދީފައޮތް އިންޒާރާއި ސީދާ ގުޅުންހުރި ކަމެއްކަމަށްވެސް ބަޔާނުގައިވެއެވެ.
އަލްހާން ފަހުމީ އާއި ހައިލަމްއާއި ދެމެދު ހިނގާފައިވާ ދެލައްކަ ރުފިޔާގެ ޓްރާންސެކްޝަނެއް ހިނގި މައްސަލައިގެ ތަފުސީލުވެސް ވަނީ ދެއްވާފައެވެ. އެގޮތުން، އަލްހާންއަކީ އެއްވެސް އިރެއްގައި އެއްވެސް ހައިސިއްޔަތުން ކްރިމިނަލް ކޯޓަށް ދާ ބޭފުޅެއް ނޫންކަމަށް ހައިލަމް ވިދާޅުވިއެވެ. އަދި އަލްހާން އަކީ ހައިލަމްގެ ގާތް ރައްޓެއްސެއްކަމަށާއި، އަދި މިހާތަނާސް އައިއިރުވެސް އަލްހާން އާއި ގުޅުން ހުރި އެއްވެސް މައްސަލައެއް ބަލާފައިނުވާނޭކަމަށެވެ. ދެލައްކަ ރުފިޔާގެ ޓްރާންސެކްޝަން މައްސަލައިގައި މީގެ ކުރިން ފުލުހުންގެ އިސްވެރިޔަކު ބައްދަލުކޮށް ސުވާލުކޮށްފައިވާ ކަމަށާއި، އެކަން ހިނގާދިޔަ ގޮތް ކިޔާ ދިނުމުން، އކަމުގައި ޖިނާއީ އެއްވެސް މައްސަލައެއް ނެެތްކަމަށްބުނެ އެ މައްސަލަ ނުބަލަން އޭރުގައި ނިންމާފައިވާކަމަށްވެސް ވިދާޅުވިކަމަށް ބަޔާނުގައި ވެއެވެ.
3 ސަފުހާގެ ބަޔާނުގައި ހައިލަމް އިތުރަށް ވިދާޅުވީ، ފަނޑިޔާރަކު ބަލަމުންދާ މައްސަލައިގެ ހުކުމް ސަރުކާރުގެ އޮފިޝަލުންނަށް އެނގޭކަށް ނުޖެހޭ ކަމަށެވެ.އއަދި އެއީ ކިތަންމެ މަތީ މަގާމެއް ފުރުއްވާ ބޭފުޅަކަށްވެސް އެނގެން ނުޖެހޭނެކަމަށް ވިދާޅުވިއެވެ. ހައިލަމް ވިދާޅުވީ، ސަރުކާރުގެ ވަޒީރުންގެ ތެރޭގައިވެސް، ކުރީގެ މަޖިލިސް މެންބަރުންނާއި އަދި މިހާރުގެ މަޖިލިސް މެންބަރުންގެ ތެރޭގައިވެސް އެ ބޭފުޅުންގެ އަތުން ފައިސާ ނެގުން ދީނީ ގޮތުންނާއި ޤާނޫނީ ގޮތުން ހުއްދަ ފަރާތްތައް އެބަ ތިއްބެވިކަމަށާއި، ސަރުކަރުގެ ކޮންމެ މަޤާމެއްގައި ހުންނެވި ބޭފުޅެއްގެ އެކައުނޓއް ބެއްލެވިޔަސް އެމީހެއް ގާތް މީހުންނަށް ކަންކަމުގައި ފައިސާ ދޫކޮސްފައި ހުންނަތަން ފެންނާނެ ކަމަށެވެ.
ވަކި ފަރާތެއް ޖަލަށްލާނެކަމުގެ ކަށަވަރުކަން ނުލިބިގެން ފަނޑިޔާރަކު ދުވާތީވެ ހައިލަމް ވަނީ ޖޭއެސްސީއާއި ސުވާލުތަކެއް ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ