އަންހެން ފުޓްބޯޅައަށް ހާއްސަ ސްޓްރެޓެޖިކް ޕްލޭން އެފްއޭއެމުން މިރޭ ފާސްކުރަނީ

އަންހެން ފުޓްބޯޅަ އަށް ހާއްސަކޮށް ރާއްޖޭގައި އަމަލުކުރާ ފުރަތަމަ ސްޓްރެޓެޖިކް ޕްލޭން މިރޭ ފާސްކުރުމަށް އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގެ ޑްރާފްޓް އެޖެންޑާގައި ހިމަނައިފަ އެވެ. 
އަންހެން ފުޓްބޯޅަ ތަރައްގީކުރުމުގެ ސްޓްރެޓީޖިކް ޕްލޭން 2026-2030" ގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އަންހެން ކުދިންނަށް ފުޓްބޯޅަ ކުޅުމާއި، ކުރިއެރުމާއި، ކާމިޔާބީ ހޯދުމުގެ ހަމަހަމަ ފުރުސަތުތައް ހޯދައިދިނުމަށް އެކުލަވާލެވިފައިވާ ފުރިހަމަ ރޯޑްމެޕެއް ކަމަށް، އެ ޕްލޭންގައި ބުނެފައިވެ އެވެ.
މި ޕްލޭން ތަންފީޒުކުރުމަށް ހަމަޖެހިފައިވަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ.
ޕްލޭންގެ މުހިންމު އަމާޒުތަކަކީ:
- އަންހެން ކުޅުންތެރިންގެ ބައިވެރިވުން އިތުރުކުރުން: 2030 ވަނަ އަހަރުގެ ނިޔަލަށް ރަޖިސްޓްރީ ކުރެވިފައިވާ އަންހެން ކުޅުންތެރިންގެ އަދަދު 1,500 އަށް އިތުރުކުރުން. 
- މުބާރާތްތަކުގެ އޮނިގަނޑު: އަންހެނުންގެ ނޭޝަނަލް ލީގު، އެފްއޭ ކަޕް އަދި ޕްރެޒިޑެންޓްސް ކަޕްގެ އިތުރުން 16 އަހަރުން އަދި U18 ނޭޝަނަލް ޗެމްޕިއަންޝިޕްތައް ގަވާއިދުން ބޭއްވުން.
- ކޯޗުންނާއި ރެފްރީން: 2030 ގެ ނިޔަލަށް 80 ސެޓިފިކެޓްލިބިފައިވާ އަންހެން ކޯޗުންނާއި 40 އަންހެން ރެފްރީން ތަމްރީނުކުރުން.
- ގްރާސްރޫޓް އަދި ސްކޫލް: އަހަރަކު 15 އަތޮޅެއްގައި ގްރާސްރޫޓް ފެސްޓިވަލްތައް ބޭއްވުމާއި، ސްކޫލްތަކުގެ ޕީއީ ޕްރޮގްރާމްތަކުގައި ފުޓްބޯޅަ ހިމެނުން.
- ވަސީލަތްތައް: މާލެ/ހުޅުމާލެ، އަައްޑޫ، ކުޅުދުއްފުށި އަދި ޅަވިއަނި ހިމެނޭހެން އަންހެން ފުޓްބޯޅައަށް ޚާއްޞަ 4 ޓްރެއިނިންގ ހަބް ގާއިމުކުރުން.
މި ސްޓްރެޓެޖިކް ޕްލޭންގެ ކޮޕީއެއް މިހާރު އަށް ވަނީ ލިބިފަ އެވެ. އެ ޕްލޭންގައި ހިމަނާފައިވާ އެފްއޭއެމްގެ ރައީސް އަޙްމަދު ތޯރިގްގެ ބަޔާނުގައި އޭނާ ވިދާޅުވި ގޮތުގައި، އަންހެން ފުޓްބޯޅައަކީ ދިވެހި ފުޓްބޯޅައިގެ މުސްތަގުބަލުގެ މުހިންމު ބައެކެވެ. އަދި މި ޕްލޭންގެ ސަބަބުން އިޖުތިމާއީ ގޮތުންނާއި ކުޅިވަރުގެ މައިދާނުގައި އަންހެނުން ބާރުވެރިކުރުވުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެކަމަށް ލިޔެފައިވެ އެވެ. 
"ދިވެހިރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަން ދެމިއޮންނާނީ ކޮންމެ އަންހެން ކުއްޖަކަށް ވެސް ފުޓްބޯޅައިގައި ބައިވެރިވެ، ކުރިއަރައި، އަދި ކާމިޔާބީ ހާސިލުކުރުމުގެ ފުރުސަތު ލިބޭފަދަ އެންމެން ބައިވެރިކުރާ، އެއްބާރުލުންދޭ މާހައުލެއް ބިނާކުރުމަށް އިސްކަންދީގެންނެވެ." އިނގިރޭސި ބަހުން ތޯރިގް ލިޔުއްވާފައިވެ އެވެ.
"އަޅުގަނޑުމެން އެންމެން ގުޅިގެން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ އަންހެން ކުދިންނާއި އަންހެނުންނަށް އައު ފުރުސަތުތައް ހޯދައިދީ، ދިވެހި ފުޓްބޯޅައަށް އިތުރަށް ވަރުގަދަ އަދި އެންމެން ބައިވެރިވާ އުޖާލާ މުސްތަގުބަލެއް ބިނާކުރާނަމެވެ."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ