ވެލާނާ އެއާޕޯޓުގައި ހުންނަ އޯތެންޓިކް މޯލްޑިވްސް ޑިއުޓީ ފްރީ ފިހާރަ ބޮޑުކޮށްފި

ރާއްޖޭގެ މައި އެއާޕޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ބައިނަލްއަގުވާމީ ޓާމިނަލުގައި ހުޅުވައިފައި ހުރި އޯތެންޓިކް މޯލްޑިވްސްގެ ޑިއުޓީ ފްރީ ފިހާރަ ބޮޑުކޮށްފިއެވެ. ވެލާނާ އެއާޕޯޓުގެ އައު ޓާމިނަލަށް އޯތެންޓިކް މޯލްޑިވްސްގެ ޑިއުޓީ ފްރީ ފިހާރަ ބަދަލުކޮށް އަލުން ހުޅުވީ މިދިޔަ ޑިސެންބަރު މަހުގެ ފަހުކޮޅުގައެވެ. އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ވެލާނާ އެއާޕޯޓުގައި ހުންނަ އޯތެންޓިކް މޯލްޑިވްސްގެ ފިހާރަ ބޮޑުކުރެވި، ދިވެހި ގިނަ އުފެއްދުންތަކެއް އެއް ދިމާލަކުން ފެންނާނެ ޒަމާނީ ތަނަކަށް އެ ފިހާރަ ބަދަލުކޮށްލެވިއްޖެ ކަމަށެވެ. https://x.com/em_saeed/status/2079615879843881163 މިކަމުގެ ސަބަބުން ދިވެހި ގިނަ އުފެއްދުންތަކެއް އެއްފަހަރާ ޕްރޮމޯޓްކުރުމުގެ ފުރުސަތު ފަހިވެ، ދިވެހި އުފެއްދުންތެރިކަން އިތުރަށް ފުޅާވެގެން ދާނެ ކަމަށް ސަޢީދު ލިޔުއްވި ޕޯސްޓުގައިވެއެވެ. ބިޒްނަސް ސެންޓަރު ކޯޕަރޭޝަން (ބީސީސީ)ގެ ދަށުން ހިންގާ އޯތެންޓިކް މޯލްޑިވްސް 2020ވަނަ އަހަރުގެ ޖަނަވަރީ މަހު ފަށައިފައިވަނީ ދިވެހި އުފެއްދުންތައް ކުރިއަރުވައި ބޭރުގެ ފަރާތްތަކުގެ މެދުގައި ދިވެހި އުފެއްދުންތައް ޕްރޮމޯޓްކުރުމުގެ މަގުސަދުގައެވެ. މިހާރު ވެސް އޯތެންޓިކް މޯލްޑިވްސްގެ ހަތަރު ފިހާރައެއް ހިންގައެވެ. އެއީ މާލޭގައި ހުންނަ ފިހާރައާއި ވެލާނާ އެއާޕޯޓުގައި ހުންނަ ފިހާރައާއި ކްރޮސްރޯޑްސްގައި ހުންނަ ފިހާރައާއި ކުޑަ ވިލިނގިލި ފިހާރައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ