އެމެރިކާގެ ބޮޑު ދިފާއީ ސިޔާސަތުގެ ބިލު، ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްއިން ވަރަށް ކުޑަ ތަފާތަކުން ފާސްކޮށްފިއެވެ.
ޑިމޮކްރެޓުންގެ ބޮޑެތި ކަންބޮޑުވުންތަކެއް ހުރި ނަމަވެސް، 2027 ވަނަ މާލީ އަހަރަށް ދިފާއީ ޚަރަދުގެ ގޮތުގައި ރެކޯޑް އަދަދެއް ކަމަށްވާ 1.15 ޓްރިލިއަން ޑޮލަރު ހަމަޖައްސާ ގައުމީ ދިފާއީ ހުއްދަ ދިނުމުގެ ގާނޫނު (އެންޑީއޭއޭ) ފާސްވެފައިވަނީ ބުރާސްފަތި ދުވަހު 216 އަށް 212 ވޯޓުންނެވެ. މި ވޯޓު ނަގާފައިވަނީ ވަރަށް ބޮޑަށް ޕާޓީގެ ލައިނަށް ކަމަށްވާއިރު، 7 ރިޕަބްލިކަން މެމްބަރުން ފިޔަވައި ހުރިހާ ރިޕަބްލިކަނުން ބިލަށް ތާއީދުކުރިއިރު، 6 ޑިމޮކްރެޓުން ފިޔަވައި ހުރިހާ ޑިމޮކްރެޓުން ވޯޓު ދީފައިވަނީ ބިލާ ދެކޮޅަށެވެ.
ޑިމޮކްރެޓުން މި ބިލާ ދެކޮޅު ހެދި މައިގަނޑު ސަބަބުތަކުގެ ތެރޭގައި ބިލުގެ ބޮޑު އަގާއި، އީރާނާ އެކު ކުރަމުންދާ ހަނގުރާމައާއި، އިސްރާއީލާ އެކު ޕެންޓަގަންގެ ގުޅުން ބަދަހިކުރުމަށް ހިމަނާފައިވާ މާއްދާތައް ހިމެނެއެވެ. ޑިމޮކްރެޓުން ބުނާ ގޮތުގައި ރައީސް ޑޮނަލްޑް ޓްރަމްޕް އާއި ރިޕަބްލިކަނުން އިޖުތިމާއީ ޕްރޮގްރާމްތަކަށް ކުރާ ޚަރަދު ކުޑަކުރަމުން އަންނަ ވަގުތެއްގައި ޕެންޓަގަންއަށް މިހާ ބޮޑު އަދަދެއް ހަމަޖެއްސުމަކީ ނުބައި ނިންމުމެކެވެ.
ޕެންޓަގަންގެ ހިސާބުތަކުން ދައްކާ ގޮތުގައި އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައަށް މިހާތަނަށް 37.5 ބިލިއަން ޑޮލަރު ޚަރަދުވެފައިވެއެވެ. ނަމަވެސް ރިޕަބްލިކަނުން ވަކާލާތު ކުރަނީ އީރާނުގައި ހަނގުރާމަކުރާ އަސްކަރިއްޔާއަށް ވާގިވެރިވުމަށާއި، ދިފާއީ ނިޒާމްތައް ތަރައްޤީކުރުމަށާއި، ހަތިޔާރު ގަތުމުގެ އިތުރުން ސިފައިންގެ މުސާރަ 7 އިންސައްތައަށް ބޮޑުކޮށްދިނުމާއި ގެދޮރު އިމާރާތްކުރުން ފަދަ ކަންކަމަށް މި ޓްރިލިއަން ޑޮލަރުގެ ބަޖެޓު ކޮންމެހެން ވެސް ބޭނުންވާ ކަމަށެވެ.
އަނެއްކޮޅުން ޑިމޮކްރެޓުންގެ ކަންބޮޑުވުން އުފެދިފައިވާ އަނެއް ކަމަކީ އެމެރިކާ އާއި އިސްރާއީލާ ދެމެދު އަސްކަރީ ޓެކްނޮލޮޖީގެ ގޮތުން އޮންނަ އެއްބާރުލުން ބޮޑުތަނުން އިތުރުކުރުމަށް ހިމަނާފައިވާ މާއްދާއެވެ. ޣައްޒާގައި ފަލަސްޠީނުގެ ޢާންމުން މަރުވަމުންދާ މައްސަލައާ ގުޅިގެން އިސްރާއީލަށް އެމެރިކާއިން ދޭ އެހީ ކުޑަކުރުމަށް ގޮވަމުންދާ ވަގުތެއްގައި މިފަދަ މާއްދާއެއް ބިލުގައި ހިމެނުމުން ގިނަ ބަޔަކު ދަނީ ނުރުހުން ފާޅުކުރަމުންނެވެ.
އާންމުކޮށް ދެ ޕާޓީން ވެސް "ފާސްކުރަން ލާޒިމް" ބިލެއްގެ ގޮތުގައި ބަލާ އެންޑީއޭއޭ އަކީ ފާއިތުވި 65 އަހަރު ވަންދެން ކޮންމެ އަހަރަކު ވެސް ފާސްވަމުން އައި ބިލެކެވެ. ނަމަވެސް މި އަހަރުގެ ބިލަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާއިރު، އޭގެ ތެރޭގައި ދިފާއީ ބަޖެޓުގެ ބޮޑުމިނާއި، އީރާނުގެ ހަނގުރާމައާއި، އިސްރާއީލާއި ޔުކްރެއިނަށް ދޭ އެހީގެ އިތުރުން ޓްރާންސްޖެންޑަރ ސިފައިންނަށް އަމަލުކުރާ ގޮތް ފަދަ އިޖުތިމާއީ އަދި ސިޔާސީ "ކަލްޗަރ ވޯ" މައްސަލަތައް ހިމެނެއެވެ.
މި ބިލުގެ މުސްތަޤުބަލު އިތުރަށް ނޭވާހޮޅިއަށް ވެއްޓުނީ ރިޕަބްލިކަނުން މި އެންޑީއޭއޭ ބިލު، ޓްރަމްޕް ތާއީދުކުރައްވާ ވޯޓުލުމުގެ ޤާނޫނުތައް ހަރުކަށިކުރާ "ސޭވް އެމެރިކާ އެކްޓް" އާ ގުޅުވައިގެން ސެނެޓަށް ފޮނުވަން ނިންމުމުންނެވެ.
ސެނެޓުގައި އެ ވޯޓުގެ ބިލު ފާސްކުރަން ބޭނުންވާ ވޯޓު ހަމަނުވާތީ، އެ ނިންމުމުގެ ސަބަބުން އެންޑީއޭއޭ އަށް ކުރާނެ އަސަރު އަދި އޮތީ ސާފުނުވެއެވެ. ސެނެޓު ޑިމޮކްރެޓުން ވަނީ މިދިޔަ ހަފްތާގައި ސެނެޓުގެ އަމިއްލަ އެންޑީއޭއެ ބިލު ވަނީ ހުއްޓުވާފައެވެ.
މިއީ އެންޑީއޭއޭ ޕްރޮސެސްގެ ކުރީކޮޅުގެ މަރުހަލާއަކަށްވާއިރު، ކޮންމެ އަހަރަކު ވެސް ހައުސް އާއި ސެނެޓުން ވަކިވަކި ބިލު ފާސްކުރުމަށްފަހު، ދެ ބިލު އެއްކޮށްގެން އެއްބަސްވެވޭ ވަރޝަނެއް އެކުލަވާލައެވެ. އެއަށްފަހު އެ ވަރޝަނަށް ދެކޮޅުން ދެވަނަ ފަހަރަށް ވޯޓު ނަގައި، ރައީސް ތަސްދީޤުކުރެއްވުމަށް ނުވަތަ ވީޓޯ ކުރެއްވުމަށް ފޮނުވޭނެއެވެ.
އެމެރިކާގެ ހައުސްއިން 1.15 ޓްރިލިއަން ޑޮލަރުގެ ދިފާއީ ބިލު ފާސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ