އުތުރުތިލަފަޅު ގައި ދަނޑުވެރިކަމުގެ ބިޔަ މަޝްރޫއެއް ހިންގަން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި

ދިވެހިރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ދަނޑުވެރިކަމުގެ އިޤްތިޞާދީ ސަރަޙައްދެއް ޤާއިމްކުރުމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމެންޓް ފްރީޒޯން ކުންފުނިން ޗައިނާގެ ހާބަރ އިންޖިނިއަރިންގް ކޮމްޕެނީ ލިމިޓެޑާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ކިމަމާއިގުޅގެން އެސްޓީއޯއިން ބުނެފައިވަނީ ސޮއިކުރި އެމްއޯޔޫގެ ދަށުން ޗައިނާގެ ކުންފުންޏާ އެކު މަސައްކަތް ކުރާނީ ރާއްޖޭގައި އެގްރިކަލްޗާ އިކޮނޮމިކް ޒޯންނެއް (އޭއީޒެޑް) ގާއިމްކުރުމަށް ކަމަށާއި އެއީ ބޭނުންވާ އެހީތެރިކަމާއި އިންފްރާސްޓްރަކްޗާ މެދުވެރިކޮށް ދަނޑުވެރިކަމުގެ އުފެއްދުންތެރިކަން އިތުރުކޮށް، ދަނޑުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ތަރައްގީކުރާ ހާއްސަ ސަރަހައްދެކެވެ.
ދަނޑުވެރިކަމަށް އިޤްތިޞާދީ ސަރަޙައްދެއް ތަރައްޤީކުރުމަށް އެކުލަވާލާފައިވާ މި އެއްބަސްވުމަކީ ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ދިމާވާ މިފަދަ ގޮންޖެހުންތަކަށް ހައްލު ހޯދައިދޭނޭ މުހިންމު ފެށުމެއް ކަމަށް އެމްއައިޑީ ފްރީޒޯން ކުންފުނިން ބުނެއެވެ. އަދި މި މަސައްކަތް ފެށިފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ޗައިނާގެ ސަރުކާރާއެކު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ކަމަށް އެކުންފުނިން ހާމަކުރެއެވެ.
މި އެއްބަސްވުމުގެ ސަބަބުން ދަނޑުވެރިކަމުގެ ސިނާއީ ހަރަކާތްތަކަށް ޚާއްސަ ޖާގައެއް ހޯދައިދެވި އިންވެސްޓަރުން ޝައުގުވެރިކޮށް، ދަނޑުވެރިކަމުގެ ދާއިރާ ދިރިގެންދާ ކަމަށް އެމްއައިޑީ ފްރީޒޯން ކުންފުނިން ބުނެއެވެ. އަދި މިކަމުގެ ސަބަބުން އެތެރޭގެ އުފެއްދުންތައް އިތުރުވެ، އަދި ކާބޯތަކެތީގެ ބާވަތްތަށް ސިންދަފާތުކޮށް އަދި ފުޅާކުރެވި، އިމްޕޯޓަށް ބަރޯސާވުން ކުޑަވެގެންދާ ކަމަށް އެކުންފުނިން ހާމަކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ