ޒަރޫރީ ހާލަތެއްގައި މެނުވީ، ރަލާއި އޫރު މަހުގެ ޚިދުމަތްދޭ ތަނެއްގައި މަސައްކަތް ކުރުން ހަރާމް: ފަތުވާދޭ މަޖިލިސް

ޒަރޫރީ ހާލަތެއްގައި މެނުވީ، މުސްލިމަކު ރަލާއި އޫރު މަހުގެ ޚިދުމަތްދޭ ތަނެއްގައި މަސައްކަތް ކުރުން ހަރާމް ކަމަށް ފަތުވާދޭ މަޖިލިސް އިން ބުނެފިއެވެ.
ފަތުވާދޭ މަޖިލީހުން މިފަދައިން ބުނީ މުސްލިމަކު ބަނގުރާ އާއި އޫރުމަހުގެ މުޢާމަލާތުކުރާ ތަންތަނުގައި މަސައްކަތް ކުރުމާ ބެހޭގޮތުން މިއަދު ނެރެފައިވާ ފަތުވާގައެވެ.
އެ މަޖިލީހުން ބުނީ ރާ ހަދާ ތަންތަނާއި، ރާ ވިއްކާ ތަންތަނާއި، ރަލުގެ މުއާމަލާތުކުރާ ތަންތަނުގެ އިތުރުން އޫރުމަހާއި، އޫރުމަހުގެ ބާވަތްތައް އުފައްދާ ވިއްކާ ތަންތަނުގައި، ނުވަތަ މި ދެ ބާވަތުންކުރެ ބާވަތެއްގެ ހިދުމަތްދޭ ތަންތަނުގައި މުސްލިމަކު އުޖޫރައަށް ނުވަތަ ވަޒީފާގެ ގޮތުން މަސައްކަތް ކުރުމަކީ އިސްޠިރާރީ ހާލަތެއްގައި މެނުވީ، އިސްލާމީ ޝަރީއަތުގައި ހުއްދަކަމެއް ނޫންކަމަށެވެ. އަދި އެއީ ހަރާމް ކަމެއްކަން ކީރިތި ޤުރުއާނުންނާއި، ކީރިތި ރަސޫލާ ގެ ސުންނަތުންނާއި، މިއުންމަތުގެ އިންމުވެރިންގެ އިޖުމާއުން ސާބިތުވާކަމަށް ފަތުވާދޭ މަޖިލީހުން ވަނީ ބުނެފައެވެ.
Advertisement
ފަތުވާދޭ މަޖިލީހުން ބުނީ ހުރިހާ އިލްމުވެރިން އިއްތިފާގުވެވަޑައިގަންނަވާ ގޮތުގައި، މިފަދަ މަސައްކަތުން އާމްދަނީ ހޯދުމަކީ، ހަރާމްކަމެއް ކަމެއް ކަމަށާއި، އެބޭކަލުން އިސްތިސްނާ ކުރައްވަނީ، ދިރިއުޅުމަށްޓަކައި އެހެން މަސައްކަތެއް ލިބެން ނެތް ޒަރޫރީ ހާލަތްތަކުގައި ކަމަށެވެ.
ރަލާއި އޫރު މަހުގެ ހިދުމަތްދޭ ތަންތާގައި މަސައްކަތް ކުރުން ހަރާމް ކަމަށް ފަތުވާދޭ މަޖިލީހުން ބުނެފައިވާއިރު، މިއީ ރާއްޖޭގެ ގިނަ ރިސޯޓް ތަކުން ދޭ ޚިދުމަތެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ