ޔާމީން މިނިވަން ވާނެ ކަމަށް އުއްމީދު ކުރަން: ރައީސް

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށް ލާން ކުރި ހުކުމްގެ އިސްތިއުނާފު މައްސަލާގައި ހުކުމް ކުރުމަށް މާދަމާއަށް ތާވަލުކޮށްފައިވާތީ، އެ އަޑުއެހުމުގައި އެމަނިކުފާނު މިނިވަންވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.ޔާމީންގެ އިސްތިިއުނާފީ މައްސަލައިގެ ހުކުމް މާދަމާ އިއްވާ ގޮތަށް ހައިކޯޓުގައި ވަނީ ތާވަލުކޮށްފައެވެ.އެ މައްސަލައަކީ އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށުގައި ޔާމީން 11 އަހަރަށް ޖަލަށްލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ކުރި ހުކުމާއި ގުޅޭ މައްސަލައެވެ. އެ ހުކުމް މިދިޔަ އަހަރުގެ ކުރީކޮޅު ހައި ކޯޓުގައި އިސްތިއުނާފްކޮށްފައިވާ އިރު، އެ މައްސަލައިގައި މިހާތަނަށް އައިއިރު، ހުކުމް އިއްވާފައެއް ނުވެއެވެ. އެކަމަކު، މި މައްސަލައިގެ އަޑުއެހުންތައް ހައި ކޯޓުގައި ނިންމާލައި އެ މައްސަލަ އޮތީ ހުކުމަކާ ހިސާބުގައެވެ.މާދަމާ މެންދުރު 13:00އަށް އެ މައްސަލަ ތާވަލުކޮށްފައިވާއިރު، އަންނަ އާދީއްތަ ދުވަހު ބާއްވާ މަޖިލީސް އިންތިހާބާއި ގުޅުވައިގެން ގދ. ގައްދޫ ދާއިރާއަށް ވާދަކުރައްވާ ޕީއެންސީ ކެންޑިޑޭޓްގެ އިވެންޓްގައި މިރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރައީސް ޔާމީންގެ މައްސަލަ އިންސާފުވެރިކަމާއެކު އަވަހަށް ނިންމަ ދޭން މީގެ ކުރިން އެމަނިކުފާނު ޖުޑިޝަރީއަށް ގޮވާލާފައިވާނެ ކަމަށެވެ."އަޅުގަނޑު މީގެ ކުރީން ވެސް އާންމުކޮށް ހުންނާނެ ގޮވާލާފައި ހުންނާނެ ޖުޑީޝަރީއަށް އެމަނިކުފާނުގެ މައްސަލަ އިންސާފުވެރި ކަމާ އެކު އަވަހަށް ނިންމަަދޭށޭ. އެކަން އޮންނާނީ އަޅުގަނޑު ގޮވާލާފައި،"ރައީސް ތަކުރާރު ކުރައްވާ ވިދާޅުވީ ރައީސް ޔާމީން މާދަމާ މިނިވަން ވެވަޑައިގަތުމަކީ ވަރަށް ބޮޑު އުންމީދެއް ކަމަށާ އެއާ އެކު ކުރީގެ ހުރިހާ ރައީސުން މިނިވަންކަމާ އެކު އުޅުއްވުމުގެ ފުރުސަތު ތަނަވަސް ވެގެންދާނެ ކަމަށެވެ."އަޅުގަނޑުގެ ދުއާ އަކީ އަޅުގަނޑު އަބަދުވެސް ދަންނަވަމުން އައި ގޮތަށް ދުއާ އަކީ ރައީސް ޔާމީން މިނިވަން ވެގެން އައުން،"ޔާމީން ޖަލަށް ލާން ހުކުމް ކުރި ނަމަވެސް މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން އެމަނިކުފާނު ހުންނަވަނީ ގޭ ބަންދުގަ އެވެ. އަދި އިސްތިއުނާފުގެ މައްސަލަ ނުނިމި ލަސްވާތީ އެމަނިކުފާނާއި ވަކީލުން ވެސް ގެންދަވަނީ ސަރުކާރަށް ފާޑުކިޔަމުންނެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ