ފުރުމުގެ ކުރިން މުދަލާއި ގޯތިގެދޮަރަށް ރައްކާތެރިވެ މޫސުމަށް ސަމާލުވޭ

ދިރާސީ އަހަރުގެ ކިޔެވުން ނިމި ސްކޫލްތަކުގެ ބޮޑު ޗުއްޓީ މިހާރު ފެށިފައިވާއިރު، ޗުއްޓީ ދުވަސްވަރަކީ އެއް ތަނުން އަނެއް ތަނަށް ގިނަ ބަޔަކު ދަތުރުފަތުރުކުރާ މިންވަރު އިތުރު ދުވަސްވަރެކެވެ. އެހެންނަމަވެސް ރަށުން ބޭރަށް ފުރައިގެން ދިއުމުގައި ސަމާލުކަންދޭންޖެހޭ މުހިންމު ކަންތައްތަކެއް ހުރެއެވެ.
ޗުއްޓީ ދުވަސްވަރު އެކި ބޭނުންތަކަށް އެއް ބަޔަކު ރާއްޖޭން ބޭރަށް ދަތުރުކުރާއިރު، އަތޮޅުތަކުގެ އެކި ރަށްތަކަށްދާ މީހުންވެސް މަދެއްނޫނެވެ. މިއީ މަސް ދަތުރުތަކާއި ޕިކްނިކް ދަތުރުތައް އިތުރުވާ ދުވަސްވަރެކެވެ. މިގޮތަށް ދަތުރުކުރާއިރު، ޚާއްސަކޮށް ކަނޑުމައްޗަށް އަރާކަމަށްވާނަމަ މޫސުން ކުރިއަށް ލަފާކުރާ ގޮތް ބަލާ އޮޅުން ފިލުވަންވާނެއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވިގޮތުގައި މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރެއް ނަމަވެސް ކަނޑުތައް އާދައިގެ ވަރަށް މަޑުވާނެއެވެ. އެގޮތުން އެކި ސަރަހައްދުތަކަށް ކެރީގެ އަސަރު ކުރާނެ ކަމަށާއި އެހެންނަމަވެސް ވައިގެ ބާރުމިން އާދައިގެ ވަރަކަށް މަޑުވާނެކަމަށް އެ އިދާރާއިން ވިދާޅުވެއެވެ. އެހެންނަމަވެސް ދަތުރު ކުރުމުގައި ސަމާލުވުމަކީ މުހިންމުކަމެއްކަން މެޓް އޮފީހުންވެސް ފާހަގަކުރައްވައެވެ.
މިއީ ހުމާއި ރޯގާވެސް ހަލުވިކަމާއެކު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފެތުރެމުންދާ ދުވަސްވަރެއްވެސް މެއެވެ. އެހެންކަމުން ވާރޭވެހި ފެންބޮޑުވެއްޖެނަމަ ފެންހިންދާ ސާފުކޮށް ނިމެންދެން ފެނުގެ އަސަރުކޮށްފައިވާ ސަރަހައްދަށް ކުޑަކުދިން ނުގެންދިޔުމަށް އެޗް.ޕީ.އޭއިންވެސް ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި މަދިރި އާލާވާފަދަ ގޮތްގޮތަށް ހުރި ތަންތަން ނައްތާލުމަށާއި، އާއްމު ސާފުތާހިރުކަމަށް ޚާއްސަ އިސްކަމެއްދޭންވާނެއެވެ. ހުމާއި ރޯގާގެ އަސަރު ހުރިނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށާއި، ގިނަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުނިކުތުމަށް އެ އެޖެންސީން ވަނީ އިރުޝާދުދެއްވާފައެވެ.
މީގެ އިތުރުން ނަރުދަމާ، ޖަންކްޝަން ފުރިގެން ބޭރުވެފައިވާނަމަ ސާފުކުރުމުގެ ކުރިން ޕަބްލިކް ހެލްތް ޔުނިޓްގެ އެހީތެރިކަން ހޯދުމަށާއި، ފެން ހިންދުމާއި ފެން ހިންދުމަށްފަހު ސާފުކުރުމުގައި ރައްކާތެރިވުމުގެ ގޮތުން އަންގިއާއި މާސްކް ފަދަ ތަކެތި ބޭނުކުރުމަކީ މުހިންމުކަމެއްކަމަށް އެޗް.ޕީ.އޭއިން ވިދާޅުވެއެވެ.
ދިގު މުއްދަތަކަށް ރަށުން ބޭރަށްދާއިރު ނުވަތަ ޗުއްޓީތަކަށް ދަތުރުކުރާއިރު، ތިމާގެ އަމިއްލަ މުދަލާއި، ގެދޮރުގެ ރައްކާތެރިކަމަށް ސަމާލުވުމަށް ފުލުހުންގެ ޚިދުމަތުންވެސް އަބަދުހެން އިލްތިމާސްކުރައްވައެވެ.
އެގޮތުން ޗުއްޓީއަށް ދިއުމަށް ރަށުން ބޭރަށް ފުރަންދާން ގެއިން ނުކުތުމުގެ ކުރިން ގެދޮރު ރަނގަޅަށް ތަޅުލެވުނުތޯ ޔަޤީންކޮށް، ފެންލައިޓް، ވައިގޮޅި، ގޭގެ ކުޑަދޮރުތައް އަދި ބެލްކަނި ދޮރުވެސް ރަނގަޅަށް ތަޅުލެވުނުތޯ ޔަޤީންކުރުން މުހިއްމުކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި ދުވާލަކު އެއްފަހަރު، ގެދޮރު ބެލޭނެ އިންތިޒާމު ހަމަޖައްސާފައި ދިއުމަށާއި، ގެ ތަޅުލާފައިދާނަމަ ގޭގައި އަލިކަން ބަހެއްޓުމަށް ފުލުހުން އިލްތިމާސްކުރައްވާފައިވެއެވެ. މިއީ މުދަލާއި ގެދޮތުގެ ސަލާމަތަށް އެޅޭނެ މުހިންމު ފިޔަވަޅެކެވެ.
ފޭރުމާ، ވައްކަމުގެ މައްސަލަތަކަކީވެސް ޗުއްޓީ ދުވަސްވަރު އިތުރުވާ މައްސަލަތަކެއްކަމުން ޗުއްޓީއަށް ނުވަތަ ދިގުމުއްދަތަކަށް ރަށުން ބޭރައް ދާއިރު، އައިޕެޑް، ލެޕްޓޮޕް، ގަހަނާ އަދި ގިނަ އަދަދެއްގެ ފައިސާ އަދި މިނޫންވެސް ގޭގައި ހުންނަ އަގު ބޮޑެތި ތަކެތި ތަޅުލެވޭ ތަނެއްގައި ރައްކާކުރުން މުހިއްމުކަން ފުލުހުން ފާހަގަކުރެއެވެ.
މީގެ އިތުރުން ޗުއްޓީއަށް ފުރުމުގެ ކުރިން ގޭތެރޭގައި ހިނގާފާނެ އަލިފާނުގެ ހާދިސާއަކަށް ވިސްނާ، ރައްކާތެރިވުމުގެ ގޮތުން ގޭސް ފުޅިން ގޭސް ލީކުވޭތޯ ޗެކް ކުރުމާއި، ނުވަތަ ގޭސް ފުޅީގެ ރެގިއުލޭޓަރ ނައްޓާލުން ބުއްދިވެރިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ