ސަރުކާރާއި ދެކޮޅަށް މަޖިލީހުގެ ބާރުގެ ބޭނުން ކުރަން ޖެހިދާނެ: އަހުމަދު އަބްދުالله

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރާއި ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގެ ބާރުގެ ބޭނުން ކުރަން ޖެހިދާނެކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުالله އިންޒާރު ދެއްވައިފި އެވެ. 
އެބޭފުޅާ މިފަދައިން އިންޒާރު ދެއްވާފައިވަނީ ސިޔާސީ ނޫން ވަޒީފާތަކުން އާންމު ވަކި ނުކުރައްވާނެ ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ކެމްޕޭނުގައި ވެވަޑައިގެންނެވި ވައުދުފުޅާއި ޚިލާފަށް ފެނަކަ ކޯޕަރޭޝަނުން މުވައްޒަފުން ވަކިކުރަމުން ގެންދާ ކަމަށް ބުނެ މަޖިލީހަށް ހުށައެޅި ކުއްލި މައްސަލައަށް ވާހަކަދައްކަވަމުން ނެވެ. 
އޭނާގެ ވާހަކަ ފައްޓަވަމުން ވިދާޅުވީ ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ކޮށްދެވީ އޯގާތެރި ވެރިކަމެއް ކަމުގެ އިހުސާސް މިއަދު ރައްޔިތުން ކުރަމުންދާ ކަމަށެވެ. 
Advertisement
ރައްޔިތުން ބަދަލަކަށް ވޯޓު ދިނީ ފަހަރެއްގައި ވެސް ހުޝާމަދުކޮށްގެން ނޫން ގޮތަކަށް ވަޒީފާ ނުލިބޭނެ ހާލަތު އުފައްދާ، ވަޒީފާތަކުން މީހުން ކަނޑާ ގެއަށް ފޮނުވުމަށް ނޫން ކަމަށް އަހުމަދު އަބްދުالله ވިދާޅުވި އެވެ. 
"އަޅުގަނޑު ސަރުކާރަށް ގޮވާލަނީ ދިވެހިރައްޔިތުންނާއި މެދު ބޭ އިންސާފު ނުވުމަށާއި، އަދި މަޖިލީހުގެ އިންތިޚާބުގައި ތާއީދު ކުރާކަމަށް ބުނެ ޕޯސްޓު ނުޖަހާ މީހުން ވަޒީފާއިން ވަކިކުރާނެ ކަމަށް ބުނެ ދައްކަމުންދާ ބިރު މިހިނދުން މިހިނދަށް ހުއްޓާލަން. އެއީކީ އެއް ނޫން ދިވެހިރައްޔިތުން ގެނައި ބަދަލަކީ. އެއީކީ އެއް ނޫން ދިވެހި ރައްޔިތުން މިއަދު އެދޭގޮތަކީ"
ބާރަށު މެމްބަރު އަހުމަދު އަބްދުالله
މެމްބަރު އަހުމަދު އަބްދުالله އިތުރަށް ވިދާޅުވީ ސަރުކާރުން އެފަދައިން އަމަލުތައް ނުކުރާނަމަ ސަރުކާރާއި ދެކޮޅަށް މަޖިލީހުގެ ބާރުގެ ބޭނުން ކުރަން ޖެހިދާނެ ކަމަަށެވެ. 
މިވަގުތު މަޖިލީހުގެ މެޖޯރިޓީ އޮތީ ވެސް އެމްޑީޕީގެ އަތުގައި ކަމަށް އަހުމަދު އަބްދުالله ވަނީ ސަރުކާރަށް ހަނދާންކޮށްދެއްވާފަ އެވެ.
"މި ކަންކަން ނުހުއްޓުވާކަމަށް ވާނަމަ މި އިއްޒަތްތެރި މަޖިލީހުގެ ބާރުގެ ބޭނުންކޮށްގެން މި ކަންކަން ހުއްޓުވަން ޖެހިދާނެކަމަށް އަޅުގަނޑު ގަބޫލުކުރަން. މި އިއްޒަތްތެރި މަޖިލީހުގައި މިއަދު އަޅުގަނޑުމެންގެ މެޖޯރިޓީ އެބޮތް"
ބާރަށު މެމްބަރު އަހުމަދު އަބްދުالله
އަހުމަދު އަބްދުالله ގެ އިތުރުން ވެސް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދެއްކެވި އެމްޑީޕީއަށް ނިސްބަތްވާ ބައެއް މެމްބަރުން ވަނީ ފެނަކަ ކުންފުނިން މީހުން ވަޒީފާއިން ވަކިކުރަން ނިންމާފައިވާކަން ފާހަގަކޮށް ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކޮށްފަ އެވެ. 
ފެނަކަ ކުންފުނިން މީހުން ވަޒީފާއިން ނުކަނޑާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުއިއްޒު ވިދާޅުވުމަށްފަހު، މިއަދު އެއާއި ޚިލާފަށް ކަންކަން ކުރައްވަމުން ގެންދިއުމަކީ މި ސަރުކާރުގެ މިސްރާބާއި މެދު ސުވާލު އުފެދޭ ކަމެއްކަމަށް އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ