ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ ބައި-އިލެކްޝަން ނުބާއްވާގޮތަށް އިލެކްޝަންސް ކޮމިޝަނުން ނިންމަވައިފިއެވެ. ފަރެސްމާތޮޑާ ދާއިރާގެ ގޮނޑި ހުސްވާނީ، އެދާއިރާ ތަމްސީލްކުރައްވަމުން ގެންދަވާ މެންބަރު އަދި އިންތިޚާބީ ނާއިބު ރައީސް ހުސައިން މުޙައްމަދު ލަޠީފް، ނޮވެމްބަރު 17ގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބުކަމުގެ ހުވާ ކުރެއްވުމުންނެވެ.
އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް އިސްމާޢީލް ހަބީބު ވިދާޅުވީ ފަރެސްމާތޮޑާ ދާއިރާގެ ގޮނޑި ހުސްވިނަމަވެސް، އެދާއިރާގެ ބައި އިލެކްޝަނެއް ނުބާއްވާގޮތަށް އެކޮމިޝަނުން ނިންމާފައިވާކަމަށެވެ. އެއީ ޙުސައިން މުޙައްމަދު ލަޠީފް، ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ކަމުގެ ހުވާ ކުރައްވާ މުއްދަތުން ފެށިގެން، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބާއްވާ ތާރީޚާ ދެމެދު 6 މަސްދުވަހަށްވުރެ ކުރު މުއްދަތެއް އޮތުމުންނެވެ.
ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު، މެންބަރުކަމުން ވަކިވުމުގެ ސަބަބުން ހުސްވާ ގޮނޑިއަށް އެ ގޮނޑި ހުސްވާ ތާރިީޚުން ފެށިގެން ފަސްދޮޅަސް ދުވަހުގެ ތެރޭގައި މެންބަރަކު އިންތިޚާބު ކުރަންވާނެކަމަށެވެ. ނަމަވެސް މެންބަރު ކަމުގެ ގޮނޑި ހުސްވާ ތާރިޚުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ ކުރިއަށްއޮތް ޢާންމު އިންތިޚާބާ ދެމެދު އޮތީ ހަމަސްދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއްކަމުގައި ވާނަ ހުސްވާ ގޮނޑިއަށް މެންބަރކު އިންތިޚާބު ކޮށްގެން ނުވާނެކަމަށް ޤާނޫނު އަސާސީގައި ބަޔާންކުރެއެވެ.
އިލެކްޝަންސް ކޮމިޝަނުން މަސައްކަތްކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އަންނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ބޭއްވުމަށެވެ. އެހެންކަމުން ނޮވެމްބަރު 17 އިން ފެށިގެން އޭޕްރީލް މަހާއި ދެމެދު އޮތީ ފަސް މަސްދުވަހުގެ މުއްދަތެކެވެ.
ފަރެސްމާތޮޑާ ދާއިރާގެ ބައި-އިލެކްޝަން ނުބާއްވާނެ: އީސީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ