ރައީީސް ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތް މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅަނީ

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް ޔާމީންގެ ޝަރުތު ހަމަނުވާ ކަމަށް ބުނެ، އެމަނިކުފާނުގެ ކެންޑިޑެސީ ފޯމު ބަލައިނުގަންނަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމި ނިންމުން ސުޕްރީމް ކޯޓަށް ހުށަހެޅުމަށް ތައްޔާރުވަމުންދާ ކަމަށް ރައީސް ޔާމީންގެ ރަނިންމޭޓް އަދި އިސް ވަކީލު، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
ޖަމީލު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޔާމީންގެ ކެންޑިޑޭސީ ބަލައިނުގަންނަން އިލެކްޝަން ކޮމިޝަނުން ނިންމާފައިވަނީ ގާނޫނީ ގޮތުން ގޯސްކޮށް އަދި ގާނޫނު އަސާސީގެ 109 ވަނަ މާއްދާގެ (ޅ) ނުބައިކޮށް ތަތުބީގުކޮށްގެން ކަމަށެވެ.
އަދި ހީކުރި ގޮތަށް އިލެކްޝަންސް ކޮމިޝަން ވަނީ ސަރުކާރުގެ ނުފޫޒްގެ ދަށުގައި ތާށިވެފައި ކަމަށް ޖަމީލު ވިދާޅުވިއެވެ.
”ގާނޫނުގައިވާ ގޮތުގެ މަތިން މައްސަލަ ސްޕްރީމް ކޯޓަށް ހުށަހެޅުމަށް ތައްޔާރު ވަނީ.  ޙައްގަށް ނަޞްރު ލިބޭނެ،“ ޖަމީލު ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ޔާމީންގެ ކެންޑިޑެސީ ފޯމް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވަނީ މިއަދުގެ ވަގުތެއްގައެވެ.
އިންތިހާބުގައި ބައިވެރިވުމަށް ހުށަހެޅި ފޯމާއި ގުޅޭގޮތުން އީސީން ނިންމާފައިވަނީ ރައީީސް ޔާމީނަށް ރައިސުލްޖުމްހޫރިއްޔާކަމަށް ކުރިމަތިލުމަށް ހުށަހެޅި ހުށަހެޅުން، އިލެކްޝަންސް ކޮމިޝަނުން ޤަބޫލުކުރެވެން ނެތް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ