ހާރިޖީ ހިދުމަތުގެ އެންމެ މަތިވެރި ޝަރަފު ފޮރިން ސެކްރެޓަރީ އަހުމަދު ލަތީފަށާއި ފޮރިންގެ ސްޓޭޓު މިނިސްޓަރު އަހުމަދު ހަލީލްއަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު އަރުވައިފި އެވެ.
ވީ ކިހިނެއް؟ - މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ދެ ބޭފުޅުންނަށް މި ޝަރަފު އެރުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވެ. މި ހަފްތާއަށް ފަހު އެ ދެ ބޭފުޅުން ރިޓަޔާކުރައްވާއިރު، މިއީ މި ދާއިރާގައި ދިގު މުއްދަތަކަށް ހިދުމަތް ކުރި ބޭފުޅުންނަށް މިފަދަ ޝަރަފެއް އެރުވި ފުރަތަމަ ފަހަރެވެ.
ބުނީ ކީކޭ؟ - މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފޮރިން ސެކްރެޓަރީ އަހުމަދު ލަތީފް ވިދާޅުވީ ހާރިޖީ ދާއިރާގައި ވަޒީފާ އަދާކުރައްވަން ފެއްޓެވި ސަބަބު އޭރު ވެސް އަދި މިހާރު ވެސް ދަންނަވަން އެނގިވަޑައިނުގަންނަވާ ކަމަށާއި، ނަމަވެސް އެނގިވަޑައިގަންނަވާ ކަމަކީ ހާރިޖީ ދާއިރާގައި ހޭދަކުރެއްވި 35 އަހަރުގެ ތެރޭގައި، އެ ދާއިރާގައި ހިދުމަތް ކުރައްވަން ފެށުމާ ދޭތެރޭ މާޔޫސްކަމެއް އިހުސާސްނުކުރެއްވޭ ކަމަށެވެ.
"އަޅުގަނޑު އެ ދުވަހު އެ ނިންމި ނިންމުމާ ދޭތެރޭ އެއްވެސް ފަހަރަކު މާޔޫސްވެ އެއްވެސް ފަހަރަކު ޝައްކު ކުރެވޭ ވަގުތެއް ނާދޭ،" އޭނާ ވިދާޅުވި އެވެ.
"ސަރުކާރުގެ އެކި ދާއިރާތަކުގައި މަސައްކަތް ކުރަމުންގޮސް ހުޅުލޭ އެއާޕޯޓު ކޮންސްޓްރަކްޝަން ޕްރޮޖެކްޓުގައި އަޅުގަނޑު އެ އޮފީހުގައި އުޅެނިކޮށް އެއާޕޯޓު ޕްރޮޖެކްޓު ނިމި، އެ އޮފީސް އުވި، އަޅުގަނޑުމެންނަށް އެހެން އޮފީހަކަށް ދިޔުމުގެ ފުރުސަތު ލިބުނު،" ހާރިޖިއްޔާއަށް ވެންނެވުނު ގޮތް ހިއްސާކުރައްވަމުން ލަތީފް ވިދާޅުވި އެވެ.
ފޮރިން މިނިސްޓްރީއަށް ވެންނެވުނީ އޭރު ކަމަށާއި، ނަމަވެސް އޭރު އެ އޮފީހުގެ މަސައްކަތްތައް އެނގިވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ހާދިޖީ ދާއިރާގެ ކަންތައް ދަސްކޮށްދެއްވި އުސްތާޒަކީ ކުރީގެ ފޮރިން މިނިސްޓަރު ފަތުހުﷲ ޖަމީލްކަން ލަތީފް ފާހަގަކުރެއްވި އެވެ.
އޭރާއި މިހާރާ އަޅާބަލާއިރު ހާރިޖީ ދާއިރާގައި ބަދަލު ނުވެ އޮތީ އެންމެ ކަމެއްކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ ދިވެހި ހާރިޖިއްޔާ އަކީ ސަރުކާރުގެ މަސައްކަތްތައް މިނެކިރާ މިންގަނޑުން ބަލާއިރު އެއް ވަނަ ކަމަށެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސްޓޭޓު މިނިސްޓަރު ހަލީލް ވިދާޅުވީ ހާރިޖީ ދާއިރާގައި 42 އަހަރު ހޭދަކުރެއްވި އިރު ގިނަ މަސައްކަތްތަކެއް ކުރެއްވިފައިވާ ކަމަށެވެ.
"އެންމެ ޖޫނިއާ ލެވެލް އިން ފެށިގެން އެންމެ ސީނިއާ ލެވެލްގައި މަސައްކަތް ކުރުމުގެ ފުރުސަތު ވެސް ލިބިފައިވޭ. މީގެ 15 ވަރަކަށް އަހަރު ކުރިން ފެށިގެން [ކުރީގެ] ރައީސް މައުމޫން [އަބްދުލްގައްޔޫމް] އާއި [ކުރީގެ] ރައީސް [މުހައްމަދު] ނަޝީދާއި [ކުރީގެ] ރައީސް [ޑރ. މުހައްމަދު] ވަހީދު އަދި [ކުރީގެ] ރައީސް [އަބްދުﷲ] ޔާމީންގެ އަރިހުގައި ސަފީރުންގެ ލެވެލްގައި ވަނީ މަސައްކަތް ކުރެވިފައި،" މި ސަރުކާރުގެ ފަސް އަހަރު ސްޓޭޓު މިނިސްޓަރަކަށް ހުންނެވި ހަލީލް ވިދާޅުވި އެވެ.
އެނގުން މުހިއްމު - ފޮރިން ސެކްރެޓަރީ އަހުމަދު ލަތީފް ހާރިޖީ ދާއިރާގައި މަސައްކަތް ފެއްޓެވީ 1981 ވަނަ އަހަރު އެވެ. ފޮރިން މިނިސްޓްރީގައި ބައިލެޓްރަލް އަދި މަލްޓިލެޓަރަލް ގިނަ މަސައްކަތްތަކެއް ކުރެއްވި އެވެ.
ސްޓޭޓު މިނިސްޓަރު އަހުމަދު ހަލީލް ވެސް ހާރިޖީ ދާއިރާގައި މަސައްކަތް ފެއްޓެވީ 1981 ވަނަ އަހަރު އެވެ.
ޑިޕްލޮމެޓިކް ގިނަ މަގާމުތަކެއް ފުރުއްވާފައިވާ ހަލީލް ވަނީ މީގެ ކުރިން ޖަޕާނަށް ރާއްޖޭން ކަނޑައަޅާފައި ހުންނަވާ ސަފީރުގެ މަގާމު ވެސް ފުރުއްވައިފަ އެވެ. ފޮރިން މިނިސްޓްރީގެ ބައިލެޓްރަލް ސެކްރެޓަރީގެ މަގާމު ވެސް އޭނާ ފުރުއްވާފައިވެ އެވެ.
ހާރިޖީ ދާއިރާގެ މަތީ ޝަރަފު ހަލީލަށާއި ލަތީފަށް އަރުވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ