ފަސް ވަނަ ޓޫރިޒަމް މާސްޓާ ޕްލޭން ލޯންޗް ކޮށްފި

ލަނޑުދަނޑިތަކާއެކު ފަސް ވަނަ ޓޫރިޒަމް މާސްޓާ ޕްލޭން ލޯންޗް ކޮށްފިއެވެ.
މި މާސްޓާޕްލޭން ލޯންޗުކޮށްދެއްވާފައިވަނީ އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އިކޮނަމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ އެ ޕްލޭންގައި އެންމެ ބޮޑަށް އަލި އަޅުވާލާފައިވަނީ ރާއްޖޭގެ ޓޫރިޒަމްގެ ވާދަވެރިކަން ދެމެހެއްޓޭނެ ޕޮލިސީތައް ގެނައުމާއި އަޅަން ޖެހޭ ފިޔަވަޅުތަކުގެ މައްޗަށް ކަމަށެވެ. އަދި ނުހެދި ހުރި ރަށްތައް ހެދުމާއި މާކެޓިން އަދި އެ ނޫން ވެސް ޓޫރިޒަމްއާ ގުޅުންހުރި ގިނަ މައްސަލަތަކުގެ ހައްލު ހޯދޭނެ ގޮތް ހިމަނާފައިވާނެ ކަމަށެވެ.
މި ޕްލޭންގައި ދެ ވޮލިއުމެއް އެކުލެވޭއިރު ފަތުރުވެރިކަމުގެ ދާއިރާ ހަރުދަނާކުރުމަށް 15 އަމާޒެއް ކަނޑައަޅާފައިވެއެވެ.
އޭގެ ތެރޭގައި ހުރިހާ އަތޮޅަކަށް ޓޫރިޒަމުން ލިބޭ މަންފާ އިތުރުކުރުމާއި ޓޫރިޒަމް އިސްތިހާރު ކުރުމަށް ހިއްސާ ކުރެވޭ މައުލޫމާތު އެންމެ ރަނގަޅު ގޮތަށް ހިއްސާކުރުމާއި އާ އުފެއްދުންތަކާއި ތަޖުރިބާތައް ތައާރަފު ކުރުން ހިމެނެއެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކަށް ރައްކާތެރިވެ، ގުދުރަތީ ހަރާޒާ މުއްސަނދި ކުރުމާއި ހަކަތަ އިން ތިމާވެއްޓަށް ކުރާ އަސަރު ކުޑަކޮށް 'ނެޓް ރީރޯ' ހާސިލު ކުރުމަށް މަސައްކަތް ކުރުން ވެސް ހިމެނެއެވެ.
މީގެ އިތުރުން ޒަމާނީ ފެންވަރުގެ ދަތުރުފަތުރުގެ ހިދުމަތް ގާއިމު ކުރުމާއި މަސައްކަތްތެރިން ދަމަހައްޓާ، ސިނާއަތަށް ޝައުގުވެރި ކުރުމާއި އިންވެސްޓުމަންޓު ތަކާއި އީޖާދީ ފައިނޭންސް ކުރުމުގެ ފުރުސަތުތަކަށް މަގުފަހި ކުރުމާއި ވިޔަފާރި އަށް މަގުފަހި ކުރުމަށް ގާނޫނީ ބަދަލު ތަކާއި އިސްލާހުތައް ގެނައުން ވެސް ވަނީ ހިމަނާފައެވެ.
ހަމަމިއާއެކު ދާއިރާ ޑިޖިޓަލައިޒް ކުރުމާއި ސަރުކާރުގެ ހުރިހާ މުއްސަސާ ތަކުން އެއް އަމާޒަކަށް މަސައްކަތް ކުރުމާއި ހޯދުން ތަކާއި ދިރާސާ ތަކަށް ބިނާކޮށް ޓޫރިޒަމް ފުޅާކުރުމާއި ސިއްހަތާއި ސަލާމަތާއި ގުޅޭ ނިޒާމު ތަކާއި ސިސްޓަމްތައް ވަރުގަދަ ކުރުމާއި ދާއިމީ ހެޔޮ ބަދަލެއް ގާއިމު ކުރެވޭނެ މިންގަނޑު ތަކެއް ތައާރަފު ކުރުން އަދި އުމުރުން ދަވަސްވީ ފަރާތްތަކާއި ހައްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ވެސް މަންޒިލަކަށް ހެދުން ވެސް ވަނީ ހިމަނާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ