އަމީން ދޫކޮށްލުން: ސުޕްރީމް ކޯޓުގައި ގާނޫނު މާނަކުރުމުގެ ބަހުސެއް

އައިއެސް ޖަމާއަތުގެ ރާއްޖޭގެ ލީޑަރު ކަމަށް ފުލުހުން ތުހުމަތު ކުރާ މުހައްމަދު އަމީންގެ މައްޗަށް ދައުލަތުން އުފުލި ދައުވާތައް ކުރިއަށް ނުގެންދެވޭނެ ކަމަށް ހައި ކޯޓުން ނިންމި މައްސަލައިގެ އިސްތިއުނާފުގައި، ގާނޫނީ އެއް މާއްދާއަކާ ގުޅިގެން ދައުލަތާ ދިފާއީ ވަކީލުން މިއަދު ސުޕްރީމް ކޯޓުގައި ހޫނު ބަހުސެއް ކޮށްފި އެވެ.
މައްސަލައިގެ ފެށުން - އަމީންގެ މައްޗަށް އުފުލި ޓެރަރިޒަމްގެ ދައުވާތަކުގެ ޝަރީއަތް ކުރިމިނަލް ކޯޓުގައި ހިނގަމުން ދަނިކޮށް، ހައި ކޯޓުން ވަނީ އެ ދައުވާތައް ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމައިފަ އެވެ. ހައި ކޯޓުން އެގޮތަށް ނިންމީ ދައުވާކުރަންޖެހޭ މުއްދަތު ފަހަނައަޅައި ދިޔަ ފަހުން ދައުލަތުން މައްސަލައިގައި ދައުވާ ކުރިކަމަށް ކަނޑައެޅުމަށްފަހު އެވެ.
އަމީންއަށް ކުރާ ދައުވާތައް ބާތިލްކުރި ސަބަބުތައް:  
އަމީން ހައްޔަރުކުރި ގާނޫނާއި އޭނާ ބަންދު ދެމެއްޓީ ތަފާތު ދެ ގާނޫނެއްގެ ދަށުން ކަމުގައިވާތީ
އަމީން ހައްޔަރުކުރީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުން ނަމަވެސް އަމީންގެ ބަންދާމެދު ގޮތް ކަނޑައެޅީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން
ހައި ކޯޓުން ބުނީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން އަމީންގެ ބަންދާ މެދު ގޮތެއް ކަނޑައަޅާފައިވާނަމަ، އޭނާގެ މައްޗަށް ދައުވާކުރަން ޖެހޭނީ ވެސް އެ ގާނޫނުގައި ބަޔާންކުރާ ގޮތުގެ މަތިން ކަމަށް
އެ ގާނޫނުގެ ދަށުން، 30 ދުވަހުގެ ތެރޭގައި ދައުވާކުރަން ޖެހޭ. ނަމަވެސް އަމީނަށް ދައުވާކުރީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް ބަލައިގެން 45 ދުވަސް ހަމަވުމުގެ ކުރިން
ދައުލަތުން ހައި ކޯޓުގެ ހުކުމް އިސްތިއުނާފުކުރި މައްސަލައިގައި މިއަދު ވަނީ ސުޕްރީމް ކޯޓުގައި ފުރަތަމަ އަޑުއެހުން ބާއްވައިފަ އެވެ. އެ އަޑުއެހުމުގައި ދައުލަތުންނާއި އަމީންގެ ދިފާއީ ވަކީލުން ވަނީ ޓެރަރިޒަމް މަނާކުރުމުގެ 26 ވަނަ މާއްދާގެ (ފ) އާ ގުޅުވައިގެން ހޫނު ބަހުސެއް ކޮށްފަ އެވެ.
ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 26 ވަނަ މާއްދާގެ (ފ):
މި މާއްދާގައި ބަޔާންކުރާ ކަންކަމުގެ އިތުރުން، ކުށުގެ ތުހުމަތުގައިވާ ފަރާތްތަކުގެ ބަންދާ ގުޅޭގޮތުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކުރާ އާންމު އިޖުރާއަތުތަކުގެ ތެރެއިން އިޖުރާއަތެއް މި ގާނޫނުގެ ދަށުން ބަންދުކުރެވޭ މީހެއްގެ މައްޗަށް ތަންފީޒުކުރުމަކަށް މި ގާނޫނު ހުރަހެއްނާޅަ އެވެ. އެހެންނަމަވެސް، އެ ހާލަތުގައި ހިނގާނީ އެ ގާނޫނުގައި ބަޔާންކުރާ އުސޫލުތަކެވެ.  
މައްސަލައިގައި ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މިއަދު ކޯޓަށް ހާޒިރުވެވަޑައިގެން، ދައުލަތުން އެ މާއްދާ މާނަކުރާގޮތް ތަފްސީލުކޮށް ކޯޓުގައި ވިދާޅުވެދެއްވި އެވެ.
އެގޮތުން ޝަމީމް ވިދާޅުވީ:
ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ބަންދުކުރި ކަމަށް ކޯޓު އަމުރުގައި ލިޔުމުގެ މާނައަކީ އޭގެ ފަހަތުން އަންނަ ހުރިހާ އިޖުރާއަތެއް ޖިނާއީ އިޖުރާއަތުގެ ދަށުން ނެއްޓިގެން ދިއުން ނޫން ކަމަށް
ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބުނަނީ ވަކި ހާލަތެއް ކަމަށާއި ހަމަ އެ ގާނޫނުގައި ޖިނާއީ އިޖުރާއަތުގެ އެހެން އުސޫލުތައް ވެސް ކަނޑައަޅާފައިވާ ކަމަށް
ދައުވާކުރުމުގެ މުއްދަތާއި ކަފާލާތުގެ ދަށުން ދޫކުރުމާއި މައާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ އުސޫލުތައް ވެސް އެ ގާނޫނުގައި ކަނޑައަޅާފައިވާ ކަމަށް ވިދާޅުވި
"26 ވަނަ މާއްދާގެ (ހ) ގައި އެބަ ބުނޭ ކޯޓު އަމުރަކާ ނުލާ ވެސް މީހަކު ހައްޔަރުކުރެވިދާނޭ. އެ ވެސް އާންމު އުސޫލެއް ނޫން. އާންމު އިޖުރާއަތަކީ ގާނޫނުއަސާސީގެ 46 ވަނަ މާއްދާގައި އޮންނަ ތިން ހާލަތު ފިޔަވައި، މީހެއްގެ ގައިގައި އަތްލެވެނީ ވެސް ކޯޓު އަމުރެއް އޮވެގެން،" ޝަމީމް ދިފާއު ހުށަހެޅުއްވި އެވެ.
"އެހެންވީމަ 26 ވަނަ މާއްދާގެ (ފ) ގައި ބުނާ މާއްދާއަކަށް ދިއުމަކުން އޭގެން މުޅި ޖިނާއީ އިޖުރާއަތަށް އޮންނަ ހުރިހާ އުސޫލަށް ތަބާވާން ޖެހޭ ކަމަށް މާނަކުރުމަކީ މި ގާނޫނުގައި ދެން ހުރި ހުރިހާ އުސޫލެއް އެކީ އެކައްޗަކަށް މުގުރިގެން ދާނެ މާނަކުރުމަކަށް  ވެގެން ދަނީ." 
ޝަމީމްގެ ވާހަކައާ ގުޅިގެން ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ، ޓެރަރިޒަމް ގާނޫނުގެ 26 ވަނަ މާއްދާ އާއި އެ ގާނޫނުގެ 28 ވަނަ މާއްދާގައި ބަޔާންކުރަނީ ތަފާތު ދެ ކަމެއްތޯ ސުވާލު ކުރައްވައިފަ އެވެ. އެ ސުވާލަށް ޖަވާބުދެއްވަމުން ޝަމީމް ވިދާޅުވީ އެއީ ތަފާތު ދެ އިޖުރާއަތެއް ކަމަށެވެ.
ޝަމީމް ވިދާޅުވީ ހައި ކޯޓުން އެ މާއްދާ މާނަކޮށްފައި ވަނީ ގޯސްކޮށް ކަމަށް ދައުލަތުން ގަބޫލުކުރާ ކަމަށެވެ.
"26 ވަނަ މާއްދާގެ (ފ)ގައި ބުނާ މާނަކުރުމުގެ ސަބަބުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ތެރެއަށް ހުރިހާ އިޖުރާއަތެއް ނެއްޓިގެން ގޮސް ވަންނަ ކަމަށް މާނަކޮށްފިއްޔާ، ކަފާލާތު ވެސް ހިނގާނެ. މައާފުދިނުމާއި އަދަބު ލުއިކޮށްދިިނުން ވެސް ހިނގާނެ. އެއީއެއް ނޫން މި ގާނޫނުގެ މަގުސަދަކީ. އެގޮތަކަށް މި ގާނޫނު މާނައެއް ނުކުރެވޭނެ،" ޝަމީމް ވިދާޅުވި އެވެ.
ނަމަވެސް މުހައްމަދު އަމީންގެ ދިފާއީ ވަކީލް އަހުމަދު ޔާމީން ވިދާޅުވީ ހައި ކޯޓުން ގާނޫނު މާނަކުރީ ރަނގަޅަށް ކަމަށެވެ.
އެ ހިސާބުން ފަނޑިޔާރު ސުއޫދު ވަނީ އަނެއްކާވެސް ސުވާލު އުފައްދަވައިފަ އެވެ. މި ފަހުން ސުޕްރީމް ކޯޓުން ނިންމި ނިންމުމަކާ ހަވާލައިދެއްވައި ސުއޫދު ވިދާޅުވީ އެއް މާއްދާއެއްގައި އެތައް އަކުރެއް އަންނަ ނަމަ، އެ ހުރިހާ މާއްދާއެއް ވެސް މާނަކުރަން ވާނީ "އެއް ރޮއްޖަކުން ގެތިފައިވާ ގޮތަށް" ކަމަށެވެ.
"އައިސޮލޭޓްކޮށް އިންޑިޕެންޑެންޓުކޮށް އެ މާއްދާ ވަކި ނުކުރެވޭނެ. މާއްދާގެ ތެރޭގައި ބައިވަރު އަކުރުތަކެއް ހުންނަ ކަމަށް ވަންޏާ، އެ އަކުރުތައް މާނަކުރަން ވާނީ އެއް މަގުސަދަކަށް އެއް ދިމާލަކަށް ދާ ގޮތަށޭ،" އެ ހުކުމާ ހަވާލައިދެއްވައި ފަނޑިޔާރު ވިދާޅުވި އެވެ.
އެހެންކަމުން ޓެރަރިޒަމް ގާނޫނުގެ 26 ވަނަ މާއްދާގެ އެހެން ހުރިހާ އަކުރަކާ އެ މާއްދާގެ (ފ) ވަކިވާންވީ ކީއްވެތޯ ފަނޑިޔާރު ސުއޫދު ސުވާލު އުފެއްދެވި އެވެ. 
"ޓެރަރިޒަމް މަނާކުރުމުގެ ގާނޫނާއި ޖިނާއީ އިޖުރާއަތުގެ ގާނޫނު ސައިމަލްޓޭނިއަސްލީ ގުޅިފައި މިއޮތީ 26 ވަނަ މާއްދާގެ (ފ)ގެ ދަށުން. މަގުސަދު ހާސިލުނުވާނެ ގޮތަކަށް ނޫން އެ މާއްދާ އޮތީ،" ޕީޖީ ދެއްކެވި ވާހަކައަށް ރައްދު ދެއްވައި ދިފާއީ ވަކީލް ވިދާޅުވި އެވެ.
ރައްދުގައި ޕީޖީ ޝަމީމް ވިދާޅުވީ، އަމީންގެ ދިފާއީ ވަކީލުން ގާނޫނު މާނަކުރާ ގޮތަށް މާނަކޮށްފި ނަމަ، ގާނޫނަށް ބޮޑެތި އިސްލާހުތަކެއް ގެނައުމުގެ މަގުސަދު ގެއްލޭ ކަމަށެވެ.
"26 ވަނަ މާއްދާގައި ބުނާގޮތަށް ބަންދުކުރަންޏާ ޓެރަރިޒަމްގެ މައްސަލައެއްގައި ވެސް މީހަކު ބަންދުކުރެވޭނީ 14 ދުވަހަށް. އޭގެ މާނައަކީ 28 ވަނަ މާއްދާގައި ބުނާ 45 ދުވަހާއި 30 ދުވަހުގެ ވާހަކަތައް ގެނައުމުގެ މާނައެއް ނެތް. ހެއްވާ ނަތީޖާއެއް އެބަ ނުކުމޭ،" ޕީޖީ ވިދާޅުވި އެވެ.
"އިބާރާތް ލިޔެފައި އޮތީ އޮޅިގެނެއް ނޫން. ގަސްތުގައި ވަކި ނަތީޖާއެއް ނެރުމަށް ލިޔެފައިވާ މާއްދާއެއް ކަމަށް އަޅުގަނޑުމެން ގަބޫލުކުރަނީ." 
ދެ ފަރާތުގެ ވާހަކަތައް އަޑުއައްސަވައި، ބެންޗުގެ އިތުރު ސުވާލެއް ނެތުމުން ރިޔާސަތުން ވަނީ ދެ ފަރާތަށް ވެސް ނިންމުމުގެ ގޮތުން ވާހަކަ ދައްކަން ފުރުސަތު ދެއްވައިފަ އެވެ.
އެ ފުރުސަތުގައި ޕީޖީ ޝަމީމް ވިދާޅުވީ ހާއްސަ ގާނޫނާއި އާންމު ގާނޫނު ފުށުއަރާ ވަގުތުތަކުގައި އަމަލުކުރަންވީ ގޮތް ސުޕްރީމް ކޯޓުން މީގެ ކުރިން ވެސް ކިޔައިދީފައިވާ ކަމަށެވެ. އަދި ދެ ގާނޫނެއް ދިމާނުވާ ގޮތަކަށް ގާނޫނު ހަދާފައި އޮންނާނެ ކަމަށް ގަބޫލުކޮށްގެން ނުވާނެ ކަމަށާއި އެހެންކަމުން މި މައްސަލައަކީ ކްރިމިނަލް ކޯޓުން ބަލައި ކުރިއަށް ގެންދަންޖެހޭ މައްސަލައެއް ކަމަށް ކަނޑައަޅައި ދިނުމަށް އެދޭ ކަމަށް ޕީޖީ ވިދާޅުވި އެވެ.  
ވާހަކަތައް ނިންމަން ދިން ފުރުސަތުގައި އަމީންގެ ދިފާއީ ވަކީލު އިސްމާއިލް ވިޝާމް ވިދާޅުވީ ޖިނާއީ ގާނޫނު މާނަކުރަން ޖެހޭނީ އަބަދުވެސް ތުހުމަތު ކުރެވޭ މީހާއަށް ފައިދާވާ ގޮތަށް ކަމަށެވެ. އަދި ޓެރަރިޒަމް މާނަކުރުމުގެ ގާނޫނުގެ މަގުސަދަކީ ހަމައެކަނި ދައުލަތަށް ކަންކަން ފަހިކޮށްދިނުން ކަމަށް ދެކޭ ވިސްނުމަކީ ގޯސް ވިސްނުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"ދައުލަތަށް ލިބޭ ލުއި ލިބެނީ ކޮންމެވެސް މީހެއްގެ މިނިވަންކަމާއި ހައްގަށް އުނިކަން އައިސްގެނޭ. އެ ލިބޭ ލުއި އެކްސަސައިޒް ކުރަންޖެހޭނީ ބަލަންޖެހޭ މިންވަރަށް ބަލާފައި އޭގެ ޒަރޫރަތެއް، ހަމައެއް އޮވެގެން،" ވަކީލް ވިދާޅުވި އެވެ.
އަމީންގެ މައްސަލައިގައި ހައި ކޯޓުން އިއްވި ހުކުމުގެ ސަބަބުން، ދައުލަތުން ދައުވާ އުފުލާފައިވާ އެހެން ޓެރަރިޒަމްގެ މައްސަލަތަކަށް ވެސް އަސަރުކުރާ ކަމަށް ދައުލަތުން މިއަދު ބުންޏެވެ. ދައުލަތުގެ އެ ވާހަކައަށް ވެސް ދިފާއީ ވަކީލު ވަނީ ހޫނު ރައްދެއް ދެއްވައިފަ އެވެ.
ވަކީލް ވިޝާމް ވިދާޅުވީ، އެ މައްސަލަތަކަށް އަސަރު ކުރާތީ ކަމަށް ބުނެ، އަމީންގެ މައްސަލަ ގާނޫނާ ހިލާފަށް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.
"މިހާރު ހިނގާށޭ އަވަހަށް މިކަން ރަނގަޅުކުރަން. އެއީއެއް ނޫން ހެއްޔޭ އެކަން އޮންނަން ޖެހޭނެ ގޮތަކީ. ހަމަ އެނގި ތިބެ ދެން ހުރި މައްސަލަތަކަށް އަސަރުކުރާނޭ ކިޔާފައި މީތި އާންމު ކަމަކަށް ނުހެދޭނެ،" ވަކީލު ވިދާޅުވި އެވެ.
އެހެންކަމުން އަމީންގެ ފަރާތުން އެދުނީ ހައި ކޯޓުގެ ހުކުމް ދަމަހައްޓައިދިނުމަށެވެ.
ދެ ފަރާތުގެ ވާހަކަތައް އަޑުއެހުމަށް ފަހު، މިއަދު ވަނީ މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފަ އެވެ. އިތުރު ކަމެއް ސާފުކުރަން ނެތް ނަމަ ދެން އޮންނާނީ ހުކުމް އިއްވުމެވެ.
އިތުރަށް ކިޔާލަން -
މުއްދަތު ހަމަވި ފަހުން ދައުވާކުރުމުން އަމީން ސަލާމަތްވެއްޖެ
އަމީނަށް ދައުވާކުރީ ގާނޫނާ އެއްގޮތަށް، އިސްތިއުނާފުކުރާނަން: ޕީޖީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ