ފްރޭންކްފާޓް ބަލިކޮށް ޖަރުމަނު ކަޕް ލައިޕްޒިގުން ކާމިޔާބު ކޮށްފި

ފްރޭންކްފާޓް ބަލިކޮށް ޖަރުމަނު ކަޕްގެ ޗެމްޕިއަންކަން ލައިޕްޒިގުން ކާމިޔާބު ކޮށްފިއެވެ. ރޭ މި ދެ ޓީމް ބައްދަލުކުރި ފައިނަލް މެޗު ލައިޕްޒިގުން ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއިންނެވެ.
މިއީ މީގެ ސާދަ އަހަރު ކުރިން އުފެދުނު ލައިޕްޒިގުން ޖަރުމަނު ކަޕްގެ ފައިނަލުގައި ފާއިތުވި ފަސް އަހަރު ތެރޭ ކުޅުނު ހަތަރުވަނަ ފަހަރެވެ. ނަމަވެސް މީގެ ތެރެއިން ދެ ފައިނަލުން އެ ޓީމް ވަނީ ބަލިވެފައެވެ. އެއީ 2019 ވަނަ އަހަރާއި 2021 ވަނަ އަހަރުއެވެ. ނަމަވެސް ލައިޕްޒިގުން މި ވަނީ މި އަހަރާއި ފާއިތުވި އަހަރު މުބާރާތް ކާމިޔާބު ކޮށްފައެވެ. ފާއިތުވި އަހަރު ލައިޕްޒިގުން ޖަރުމަނު ކަޕް ތަށި ހޯދީ ފްރެއިބާގް ބަލިކޮށްގެންނެވެ.
ބާލިންގެ އޮލިމްޕިއާ ސްޓޭޑިއަމްގައި ރޭ ކުޅުނު ފައިނަލް މެޗުގައި ލައިޕްޒިގްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، އެ ޓީމަށް މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްދިނީ އުންކުންކޫއެވެ. މެޗުގެ 71 ވަނަ މިނެޓުގައި ފްރޭންކްފާޓްގެ އޭރިއާތެރެއިން ލިބުނު ބޯޅަ އޭނާ ފޮނުވާލިއިރު، އެ ބޯޅަ ފްރޭންކްފާޓްގެ ގޯލަށް ވަދެފައި ވަނީ ދެ ޑިފެންޑަރުންގެ ގައިގައި ޖެހި މިސްރާބު ބަދަލުވެގެން ގޮހެވެ.
ލައިޕްޒިގްގެ ދެވަނަ ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ފަސް މިނެޓަށް ވެފައި ވަނިކޮށް އުންކުންކޫ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދިނީ ޑޮމިނިކް ސްބޮޒްލާއީއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ