ފުވައްމުލައް ސިޓީގައި ކުނި މެނޭޖްކުރަން ރައްޔިތުން ހޭލުންތެރިކުރަނީ

ކުނި މެނޭޖްކުރުމާއި ގުޅޭގޮތުން ފުވައްމުލައް ސިޓީގެ ޢާއްމު ރައްޔިތުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި އެކި ފަންތިތަކުގާއި އެކި ފެންވަރުގައި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކެއް ހިންގުމަށް ނިންމައިފިއެވެ.
މިކަމާގުޅޭގޮތުން މިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އިން އިސްނަގައިގެން ފުވައްމުލައް ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއާއި ފުވައްމުލައް ސިޓީ ކައުންސިލާއި، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް، ވެމްކޯއާއެކު ޚާއްސަ އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ.
މި ޕްރޮގްރާމްގެ ދަށުން ފުވައްމުލައް ސިޓީގެ ޑަބްލިއުޑީސީގެ ހުރިހާ މެންބަރުންނަށް އަމާޒުކޮށްގެން 2 ދުވަހުގެ މުއްދަތައް (ޓްރެއިން އޮފް ދަ ޓްރެއިނަރ) ޓީ.އޯ.ޓީ ސެޝަނެއް ހިންގުމަށް ވަނީ ނިންމާފައެވެ.
މި ސެޝަންތަކުގައި ކުނި މެނޭޖް ކުރުމުގެ ޤާނޫނާއި ރައްކާތެރި ގޮތުގައި ކުނި މެނޭޖްކުރުމުގެ އިތުރުން ސިންގަލް ޔޫސް ޕްލާސްޓިކު ދިވެހިރާއްޖޭގައި މަދުކުރުމަށް ކުރެވެމުންދާ މަސައްކަތާ ގުޅޭ ސެޝަންތައް ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައެވެ. މީގެ އިތުރުން ފުވައްމުލައް ސިޓީގައި ކުނި މެނޭޖްކުރުމުގައި ގެންގުޅޭ ނިޒާމާއި ފުވައްމުލައް ސިޓީގައި ކުނި މެނޭޖްކުރުމަށް ވެމްކޯ އިން ކުރެވުމުންދާ މަސައްކަތުގެ ސެޝަންއެއްވެސް ވަނީ ރާވާފައެވެ.
މި ޓީއޯޓީ ސެޝަންތަކުގެ ތެރޭގައި ފުވައްމުލައް ސިޓީގެ ގޭބީސީ ތަކަށްގޮސް މައުލޫމާތު ދޭނެ ގޮތުގެ އަމަލީ ތަމްރީނު ސެޝަނެއްވެސް ޑަބްލިއުޑީސީ މެމްބަރުންނަށް ދިނުމަށް ވަނީ ރާވާފައެވެ. މި ޓީއޯޓީ ސެޝަންތަކަށް ފަހު ޑަބްލިއުޑީސީ މެމްބަރުން ގެ ފަރާތުން އެކުލަވާލާ ވަކި ޙައްސަ ޕްލޭންއެއްގެ ދަށުން ފުވައްމުލައް ސިޓީގެ ގޭބީސީތަކަށް ދޮރުން ދޮރަށް މި މައުލޫމާތު ދިނުމަށް ވެސް މި ޕްރޮގްރާމް ގެ ދަށުން ކުރިއަށް ގެންދެވޭނެއެވެ..
މި ޕްރޮގްރާމް ހިންގޭނީ މިނިސްޓްރީން މުޅިރާއްޖެއަށް އަމާޒުކޮށް ހިންގާ "ފަސްގަނޑު" ކެމްޕޭންގެ އިތުރުން ސިންގަލް ޔޫޒް ޕްލާސްޓިކް މަދުކުރުމަށް ހިންގާ "ޕްލާސްޓިކާނުލައި" ކެމްޕޭންގެ ދަށުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ