ރާއްޖެއަށް ގަވައިދާ ހިލާފަށް އެތެރެކުރި ދޫނިތަކެއް މަރާލި މައްސަލާގައި ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވަނިކޮށް، އެކަން ދިފާއުކުރައްވައި ކެލާ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް މިއަދު މަޖިލީހުގައި ވާހަކަދައްކަވައިފި އެވެ.
ވީ ކިހިނެއް؟ - މީގެ ހަތަރު ވަރަކަށް މަސް ކުރިން ގަވައިދާ ހިލާފަށް ރާއްޖެއަށް އެތެރެ ކުރި 120 ދޫންޏެއް ފިޝަރީޒް މިނިސްޓްރީއިން މަރާލާފައިވާތީ، މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރުން ވަނީ ވަރަށް ބޮޑަށް ނުރުހުންފާޅުކުރައްވައިފަ އެވެ.
ތަފްސީލް - ނަމަވެސް ޖަނަވާރާއި ގަސްގަހާގެހީގެ ކަރަންޓީނުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރެއްވި މެމްބަރު ޝަރީފް ވަނީ އެކަމާ ގުޅޭ ގޮތުން އޭނާއަށް އެނގިވަޑައިގަންނަވާ ބައެއް މައުލޫމާތު މަޖިލީހުގައި ހިއްސާކުރައްވައިފަ އެވެ.
ޝަރީފް ވިދާޅުވީ ދޫނިތަކުގެ ސަބަބުން، އިންސާނުންނަށް ނުރައްކާތެރި ބަލިތައް ފެތުރޭ ކަމަށާއި ޖަނަވާރުގެ ސަބަބުން ޖެހޭ ބަލިތަކަކީ ވެކްސިން ނުޖަހައިފި ނަމަ "އިންސާނުން ދޮވެލާނެ" ކަމެއް ކަމަށެވެ.
މެމްބަރުގެ ބަސް - "މި ދޫނިތަކުގައި އެބަހުރި މި ކެޕޭސިޓީ މި ވައިރަސް އުފުލުމުގެ. މި ވައިރަސް ރާއްޖެ އައިއްސިއްޔާ އަޅުގަނޑުމެން ކިހިނެއްތޯ ކޮންޓްރޯލް ކުރާނީ،" އޭނާ ވިދާޅުވި އެވެ.
މެމްބަރު ވިދާޅުވީ ތާރީހު ދިރާސާކޮށްފި ނަމަ، ދޫނިން ފެތުރޭ ވައިރަސްތަކުގެ ޕެންޑެމިކްތަކުގައި އެތައް ހާސް ދޫނި މަރާލާފައި ހުންނާނެ ކަމަށެވެ.
"ދެން މިތަނަށް އައިސްގެން އަޅުގަނޑުމެން ދެތިން ހަތަރު ދޫންޏެއް މަރައިގެން މިވަރަށް ކަންތައް ބޮޑުވެގެން މި އުޅެނީ. އޭގެން ކޮން ކަހަލަ ބައްޔެއް ކަމެއް، ކޯއްޗެއް ކަމެއް ފަތުރާނީ ކިހިނެއްތޯ އެނގެނީ؟ ކީއްވެގެންތޯ މަރާލީ؟،" މެމްބަރު ވިދާޅުވި އެވެ.
މެމްބަރު ވިދާޅުވީ ދިގު މުއްދަތަކަށް ދޫނިތައް ކަރަންޓީނުކުރާނެ ފެސިލިތީތައް ރާއްޖޭގައި ނެތް ކަމަށެވެ. އަދި ދޫނިތައް ގެންނަ ފަރާތްތަކުން އެ ތަކެއްޗަށް ޒިންމާ ނުވާ ކަމަށެވެ.
ޖަނަވާރު ކަރަންޓީނުގައި މަސައްކަތްކުރެއްވި އިރު، ބަލި ފެތުރުމުން ރައްކާތެރިވުމަށް "އެތައް ބައިވަރު ޖަނަވާރެއް މަރާފައި ހުންނާނެ" ކަމަށް ވިދާޅުވި އެވެ. އެގޮތުން:
1983 ވަނަ އަހަރު ދޫނި ރޯގާއާ ގުޅިގެން އެތައް ހާސް ކުކުޅެއް މަރާލި ކަމަށް ވިދާޅުވި
މެމްބަރު ވިދާޅުވީ ރާއްޖެއަށް އެތެރެކުރާ އެކި ބާވަތްތަކުގެ ދޫނިތަކާއި ޖަނަވާރުތަކާއި ގަސްގަހާގެހީގެ ސަބަބުން ރާއްޖޭގެ ތިމާވެއްޓަށް ނޭދެވޭ އަސަރުކުރާ ކަމަށެވެ.
"ދޫނިތަކާ، ޖަނަވާރާ، ގަސްތަކާ އެކު އެތައް ބައިވަރު ބަލިތަކާ، ވައިރަސް އާ ފަންގަސް ފެތުރިގެން ދޭ. އަޅުގަނޑުމެންނަށް ގަބޫލުނުކުރެވެނީ ލޮލަށް ނުފެންނާތީ. ނަމަވެސް އަޅުގަނޑު މި ދަންނަވާ ވާހަކަ ސައިންޓިސްޓުންނަށް އެނގޭނެ،" ޝަރީފް ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ "ބަޔަކު މީހުންގެ އިންޓްރެސްޓަށް" ސޯޝަލް މީޑިއާގައި ވަކި ގޮތަކަށް ވާހަކަ ދެއްކި ނަމަވެސް، ހަގީގަތް ތަފާތު ކަމަށެވެ.
މެމްބަރުގެ ވާހަކަތަކާ ގުޅިގެން ބައެއް މެމްބަރުން ވަނީ ނުރުހުން ފާޅުކުރައްވައިފަ އެވެ. ނަމަވެސް ޝަރީފް ތަކުރާރުކޮށް ވިދާޅުވީ ދޫނިތަކުގެ ސަބަބުން ބަލި ފެތުރުމުގެ ފުރުސަތު އޮތް ކަމަށާއި ގަވައިދުގައި އޮތް ގޮތަށް އަމަލުކުރުން ގޯސް ނޫން ކަމަށެވެ.
"ކޮންމެ ދޫންޏަކީ ވެސް ވެކްސިން ނުޖެހި، ނޫނީ ގެންނަން ޖެހޭ ގޮތަށް ނޫން ގޮތަކަށް ގެނެއްސި ކަމަށް ވަންޏާ ހަމަ އެޓަމް ބޮމެއް ކަހަލަ އެއްޗެއް،" އޭނާ ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ އެކި މޫސުންތަކުގައި ރާއްޖެއަށް ހިޖުރަކުރާ ދޫނިތައް ހިމާޔަތްކޮށް ނުމަރަން ކުރާ އިލްތިމާސް ތަކާ، މި މައްސަލައާ އަޅާނުކިޔޭނެ ކަމަށެވެ. އަދި ދޫނިތަކުގެ ދިފާއުގައި ސޯޝަލް މީޑިއާގައި އަޑުއުފުލުމަށް ވުރެ، މާލޭ ސިޓީ ކައުންސިލްގެ ކޮޓަރިއެއްގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުން ތަޅުލި މައްސަލައިގައި އަޑުއުފުލުން މާ ރަނގަޅު ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑަކަށް ނޭނގޭ ދޫނިތަކާ މެދު ކަންބޮޑުވީ ކީއްވެ ކަމަށް. ސޯޝަލް މީޑިއާ ފުރަންވީ މިކަމާ [އަންހެނުންތައް ކޮޓަރީގައި ތަޅުލި މައްސަލައިގައި]،" މެމްބަރު ވިދާޅުވި އެވެ.
މެމްބަރުންގެ ބަސް - ޝަރީފް ވާހަކައާ ގުޅިގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ދިވެހިންގެ ހިތްތަކަށް ނުކުޅެދެނީ ދޫނިތައް ނައްތާލުން " ހަރުކަށިކޮށް ގެންދިޔައީމާ" ކަމަށެވެ.
ތަފާތު ބަލިތައް ޖެހުމުގެ ސަބަބުން އިންސާނުން ވެސް އެކަހެރިކޮށްގެން ގެންގުޅޭ ކަމަށާއި ބަލި މީހުންނާ މެދު ވެސް އަމަލުކުރަނީ އޯގާތެރިކަމާ އެކު ކަމަށް ނަޝީދު ވިދާޅުވި އެވެ.
"ބަލި މީހެއް ކަމުގައި ވިޔަސް، އެޓޮމިކް ބޮމެއް ކަމުގައި ވިޔަސް ދިރޭ ފުރާނައެއް ކަމަށް ވަނީވިއްޔާ، އެއާ ގުޅޭގޮތުން އަމަލުކުރާން ޖެހޭނީ އޯގާތެރިކަމާއި، ހިތުގައި އެއީ ދިރޭ ފުރާނައެއްކަން ބިންވަޅު ނަގައިގެންކަން ދިވެހިން ގަބޫލުކުރަނީ،" ނަޝީދު ވިދާޅުވި އެވެ.
ހޯރަފުށި ދާއިރާގެ މެމްބަރު އަހްމަދު ސަލީމް ވިދާޅުވީ ކެލާ ދާއިރާގެ މެމްބަރު ދެއްކެވި ވާހަކައަށް އެއްވެސް ވަރަކަށް ތާއީދުނުކުރައްވާ ކަމަށެވެ.
ސަލީމް ވިދާޅުވީ ޖަނަވާރުންގެ ފުށުން އިންސާނުންނަށް ބަލިޖެހޭކަމާއި އެފަދަ ބަލިތަކުގެ ސަބަބުން އިންސާނުންނަށް ގިނަ ތަޖުރިބާތަކެއް ކުރަން ޖެހުނުކަން ވެސް ގަބޫލުކުރައްވާ ކަމަށެވެ. ނަމަވެސް އެ ވާހަކަތަކާ، ދޫނިތައް މަރާލި މައްސަލައާ އޮތް ގުޅުން ފެނިވަޑައިނުގަންނަވާ ކަމަށް ސަލީމް ވިދާޅުވި އެވެ.
"މި ހިނގައިގެން އުޅޭ މައްސަލައަކީ ތިމާވެށީގެ މައްސަލައެއް ވެސް ނޫން. ހިނގައިގެން މި އުޅެނީ ލާއިންސާނީ އަމަލެއް. މިއީ ރާއްޖޭގެ މުޖުތަމައުގައި އެއް ގޮތަކަށް ވެސް ގަބޫލުކުރާނެ ކަމެއް ނޫން،"
"ސަތޭކަ ވިހި ދޫނި ކީއްކުރަންތޯ، އެންމެ ދޫންޏަކަށް ވެސް އެންމެ ދިރޭ ފުރާނައަކަށް ވެސް މިގޮތަށް އަމަލުކުރެވިގެންވާނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން." ސަލީމް ވިދާޅުވި އެވެ.
އިތުރަށް ކިޔާލަން -
ދޫނިތައް މަރާލުމަކީ ފިޝަރީޒް މިނިސްޓްރީގެ ބޮޑު 'އޮޅުވާލުމެއް'
މިނިސްޓްރީއިން 120 ދޫންޏެއް މަރާލުމުން ނުރުހުން ފާޅުކުރަނީ
ކެލާ މެމްބަރު ވިދާޅުވީ ދޫނިތައް މެރުމުގައި ގޯހެއް ނެތް ކަމަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ