ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކެއް ސަސްޕެންޑުކޮށް އެ ކޯޓުގެ ކޮންޓްރޯލް ނެގުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމުގެ މައުލޫމާތު ކޮމަންވެލްތާއި ޔޫރަޕިއަން ޔޫނިއަން އަދި މާލީ އިދާރާތަކާ ހިއްސާކޮށްފި އެވެ.
ކޮމަންވެލްތާއި މާލީ އިދާރާތަކާ އެ މައުލޫމާތު ހިއްސާ ކުރީ ސުޕްރީމް ކޯޓުން ދާދިފަހުން އިސްތިއުފާ ދެއްވި ފަނޑިޔާރު ހުސްނުއްސުއޫދެވެ. ސުއޫދު އިސްތިއުފާ ދެއްވީ ރައީސް މުހައްމަދު މުއިއްޒާއި ބަންޑާރަ ނައިބު އަހުމަދު އުޝާމް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ބިރު ދައްކަވާ ކަމަށް ބުނެ އެވެ.
ސުއޫދު ވަނީ ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވައި އެ ކޯޓުގެ ކޮންޓްރޯލް ނެގުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ މައްސަލަ އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނަރުގެ އޮފީހަށް ވެސް ހުށަހަޅުއްވައިފަ އެވެ.
އެ މައްސަލައިގައި ބުނެފައި ވަނީ އޭނާއާއެކު ސުޕްރީމް ކޯޓުގެ ފަނޑިޔާރު، މަހާޒް އަލީ އާއި ޑރ. އަޒްމިރަލްދާ ޒާހިރު ސަސްޕެންޑު ކުރީ މަޖިލިސް މެންބަރުންގެ މެންބަރުކަން ގެއްލުވައިލުމުގެ ބާރު ސިޔާސީ ޕާޓީތަކަށް ލިބޭގޮތަށް ގާނޫނުއަސާސީ ބަދަލު ކުރި މައްސަލައިގެ އަޑުއެހުން ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދިޔުމަށް ހުރަސް އެޅުމުގެ ގޮތުން ކަމަށެވެ.
އަދި އެ ފަނޑިޔާރުން ސަސްޕެންޑު ކުރުމުގެ ކުރިން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް ބަދަލު ކުރަން ސަރުކާރުން މަޖިލީހަށް ބިލެއް ހުށަހަޅައި، ސަރުކާރު މެންބަރުންގެ ފުރިހަމަ ތާއީދާއެކު އެ ބިލު ފާސްކުރުމުގެ އިތުރުން އެހެނިހެން ގޮތްގޮތުން ވެސް ޝަރުއީ ދާއިރާގެ މިނިވަންކަމަށް ހުރަސް އަޅައި އެ ކޯޓުން ބަލަމުންދިޔަ، ގާނޫނުއަސާސީ ބަދަލުކުރި މައްސަލަ ބޭރު ކޮށްލުމަށް އަންގައި ނުފޫޒު ފޯރުވި ކަމަށް ހުސްނުއްސުއޫދު ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވެ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ބިރުދައްކައި އެ ކޯޓުގެ ކޮންޓްރޯލް ނަގަން ސަރުކާރުން މަސައްކަތް ކުރާ ކަމަށް ބުނެ އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނަރުގެ އޮފީހަށް ހުސްނުއްސުއޫދު މައްސަލައެއް ހުށަހަޅާފައިވާއިރު، ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑު ކުރުމާ ގުޅިގެން އެ ކޯޓުގައި ދުސްތޫރީ އެއްވެސް މައްސަލައެއް ހިންގުމުގެ ފުރުސަތު މިހާރު ވަނީ ބަންދުވެފަ އެވެ.
ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑު ކުރީ އެ ފަނޑިޔާރުންގެ ޖިނާއީ މައްސަލަތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަނުން ތަހުގީގު ކުރަމުންދާ ކަމަށް ބުނެ އެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް އެ ކޮމިޝަނުން ބަލަމުން ދަނީ ކޮން މައްސަލައެއް ކަމެއް ހާމައެއް ނުކުރެ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑުކުރި ކަމުގެ މައުލޫމާތު ކޮމަންވެލްތު، އީޔޫ އަދި މާލީ އިދާރާތަކާ ހިއްސާކޮށްފި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑުކުރި ކަމުގެ މައުލޫމާތު ކޮމަންވެލްތު، އީޔޫ އަދި މާލީ އިދާރާތަކާ ހިއްސާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ