ގާޒާގެ ރައްޔިތުން އެހެން ގައުމުތަކަށް ބަދަލުކުރުމާ އަރަބި ގައުމުތަކުން ދެކޮޅު ހަދައިފި

ގާޒާގެ ރައްޔިތުން އެހެން ގައުމުތަކަށް ބަދަލުކުރުމުގެ ހިޔާލާ ދެކޮޅަށް، ފަސް އަރަބި ގައުމެއްގެ ހާރިޖީ ވަޒީރުންނާއި ފަލަސްތީނުގެ އިސް އޮފިޝަލަކު އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރުބިއޯއަށް ސިޓީއެއް ފޮނުވައިފި އެވެ.
މި ސިޓީގައި ސޮއިކޮށްފައިވަނީ އުރުދުން، މިސްރު، ސައުދީ އަރަބިއްޔާ، ގަތަރު އަދި ޔޫއޭއީގެ ފޮރިން މިނިސްޓަރުންނާއި ފަލަސްތީނު ރައީސަށް ލަފާދޭ ހުސައިން އަލް-ޝެއިހެވެ. މި ސިޓީ ފޮނުވާފައިވަނީ މިދިޔަ ހޯމަ ދުވަހު އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިދިޔަ މަހު 25ގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ވަނީ، ގާޒާގެ ރައްޔިތުން އުރުދުން އާއި މިސްރަށް ބަދަލުކުރުމުގެ ހިޔާލު ހުށަހަޅުއްވާފަ އެވެ. މިއީ ފަލަސްތީނުގެ ރައްޔިތުން އެ މީހުންގެ ގެދޮރުންނާއި ގައުމުން ނެރުމުގެ ނުރައްކާތެރި ހުށަހެޅުމެއް ކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެ އެވެ.
"ގާޒާ އަލުން ބިނާކުރަންވާނީ އެ ތަނުގެ ރައްޔިތުންގެ ސީދާ ބައިވެރިވުމާ އެކު. ފަލަސްތީނުގެ ރައްޔިތުން ދިރިއުޅޭނީ އެ މީހުންގެ ބިމުގައި. އަދި އެ ތަން އަލުން ބިނާކުރުމުގައި އެހީތެރިވާނީ ވެސް އެ މީހުން،" ސިޓީގައި ބަޔާންކޮށްފައިވެ އެވެ.
އިޒްރޭލާއި ގާޒާގެ ހަމާސް ޖަމާއަތުގެ ހަނގުރާމަ މެދުކަނޑާލާފައި ވާއިރު، އެ ހަނގުރާމައިގެ ސަބަބުން މިހާތަނަށް 47,000އަށް ވުރެ ގިނަ ފަލަސްތީނު ރައްޔިތުން މަރުވެފައިވާ ކަމަށް ގާޒާގެ ސިއްހަތާ މިނިސްޓްރީން ބުނެ އެވެ..
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ